Roadha Mihaaru

އޮޕަރޭޝަން އަލިމަގު: 180،000 އަށް ވުރެ ގިނަ ރުފިޔާ ފެނުނު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް މި ފަހުން ހިންގި ބޮޑު އޮޕަރޭޝަނުން 180،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

25 ނޮވެމްބަރ 2025

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް މި ފަހުން ހިންގި ބޮޑު އޮޕަރޭޝަނުން 180،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން އަންނަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް "އޮޕަރޭޝަން އަލިމަގު" ނަމުގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެ ތެރެއިން، މި މަހުގެ 13 ވަނަ ދުވަހު އެއްފަހަރާ 39 ރަށެއްގައި އޮޕަރޭޝަން ފަށައި 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.

އެ އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސަށް ފަހު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް މިއަދު ވިދާޅުވީ، އޮޕަރޭޝަން ހިންގި ތަންތަނުން 188،959ރ. ފެނިފައިވާ ކަމަށެވެ. އެކަމަކު، ހައްޔަރުކުރި މީހުންގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ކުރިއަށް ގެންދާތީ އެ މައްސަލަތަކުގައި ހިމެނޭ މީހުންނާ ގުޅޭ ފައިސާގެ އަދަދެއް ސާފެއް ނުވެ އެވެ.

އެއްފަހަރާ މުޅި ރާއްޖޭގައި ހިންގި ޑްރަގް އޮޕަރޭޝަންގައި 119 މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވި އެވެ. ހެއްކަށް ބަލައި 38 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. ނަމަވެސް، އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ ބައެއް މީހުންނެވެ.

އަލިމަގު އޮޕަރޭޝަންގެ ތެރެއިން މައުލޫމާތުގެ އަލީގައި ފުލުހުން ވަނީ ގއ. އަދި ގދ. އަތޮޅުގައި ވެސް އޮޕަރޭޝަނެއް ހިންގައިފަ އެވެ. ޖުމުލަ 12 ކިލޯގެ މަސްތުވާތަކެތި ފެނުނު އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް މާލެ އިން ވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އަދި އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.