Roadha Mihaaru

ފަށާފައި ހުރި ކަންކަން ނިންމަން ފުވައްމުލަކުގެ މޭޔަރަކަށް އަނެއްކާ ވެސް އިސްމާއިލް ކުރިމަތިލައްވަނީ

ފުވައްމުލަކުގެ ތަރައްގީ އަށް ފަށާފައިވާ ކަންކަން ނިންމުމަށް އާ ދައުރަކަށް ކުރިމަތިލައްވަން އެ ސިޓީގެ މިހާރުގެ މޭޔަރު އިސްމާއިލް ރަފީގް ނިންމަވައިފި އެވެ.

މަސައްކަތްތައް ނިންމަން އިސްމާއިލް އަނެއްކާ މޭޔަަރަކަށް

ފުވައްމުލަކުގެ ތަރައްގީ އަށް ފަށާފައިވާ ކަންކަން ނިންމުމަށް އާ ދައުރަކަށް ކުރިމަތިލައްވަން އެ ސިޓީގެ މިހާރުގެ މޭޔަރު އިސްމާއިލް ރަފީގް ނިންމަވައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ފެށިގެން ފުވައްމުލަކުގެ މޭޔަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުގެ މަގާމަށް އަނެއްކާ ވެސް ވާދަކުރައްވަނީ ފަށާފައިވާ ކަންކަން ނިންމުމަށާއި ޕްލޭން ކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާށެވެ.

"އަޅުގަނޑު މި ސިޓީގެ ކުރިއެރުމަށް ހާސިލް ކުރަން ބޭނުންވާ ކަންކަން ކޮށް އަދި ނިމުނީއެއް ނޫން. ފެށިފައި ހުރި ކަންތައްތައް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭން ކޮށްފައި ހުރި އިތުރު ކަންކަން ފަށައި، އެ ކަންކަން ކުރިއަށް ގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން އަޅުގަނޑު ބޭނުންވޭ،" އިދިކޮޅު އެމްޑީޕީގެ މެމްބަރު އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލްގެ ޕޯސްޓުގައި ވަނީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ލީޑަޝިޕްގައި ފުވައްމުލަކަށް ކޮށްދެއްވާފައިވާ ބައެއް ކަންކަން ވެސް ހިމަނުއްވައިފަ އެވެ.

އޭގެ ތެރޭގައި ކުދި އަދި ގެވެށި ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމާއި މައިކްރޯ ފައިނޭންސް ސްކީމެއް ފަށައި، ހިލޭ އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކައި، އިޝްތިހާރު ކުރުމަށް ފުރުސަތުތައް ހުޅުވި ކަމަށް އިސްމާއިލް ވިދާޅުވި އެވެ. މީގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި މިސްކިތްތަށް މަރާމާތުކޮށް ބަލަހައްޓަން ހާއްސަ އިސްކަމެއް ދީގެން މަަސައްކަތް ކޮށްފައިވާ ކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"ބޭރުގެ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅުންބަދަހިކޮށް އެ ފަރާތްތަކުން އެހީތައް ހޯދެމުންދޭ. އެގޮތުން ކުނީގެ މައްސަލަ އަށް ހައްލު ހޯދުމަށާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އާލާތްތަކާއި ސްކޫލްތަކަށް ކޮމްޕިއުޓަ ސިސްޓަމްތައް ހޯދައިދިނުމަށް މަސައްކަތްކޮށް ލިބިފައިވާ އެހީތައް ފާހަގަކޮށްލެވޭ. އަދި ބައިނަލް އަގުވާމީ އެކި އެކި ކޮންފަރަންސްތަކާއި ފޯރަމްތަކުގައި ވެސް ފުވައްމުލަކުގެ ވާހަކަ ހިއްސާ ކުރެވޭނެ ގިނަ ފުރުސަތުތައް ލިބެމުންދޭ،" އިސްމާއިލް ވިދާޅުވި އެވެ.