Roadha Mihaaru

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި ބާއްވަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާންކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

04 ޑިސެމްބަރ 2025

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާންކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް އީސީން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ކުރިން ވިދާޅުވެފައި އޮތީ އެ އިންތިހާބު މާޗް 28 ގައި ބާއްވާނެ ކަމަށެވެ.

ނަމަވެސް އެ އިންތިހާބު ބާއްވާނީ އޭޕްރީލް ހަތަރެއްގައި ގައި ކަމަށް އީސީން ރަސްމީކޮށް މިއަދު އިއުލާންކުރި ނަމަވެސް މާޗު 28 އަށް ވުރެ ލަސްވި ސަބަބެއް ނުބުނެ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބުގައި 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އީސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ މީހުންނަށް މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އީސީން ވަނީ އިއުލާނުކޮށްފަ އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ކުރިން ވިދާޅުވެފައި ވެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިދު އޭރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ "ވަރަށް އަގުބޮޑު އިންތިހާބުތަކެެއް" ކަމަށެވެ. އަދި ކުރިމަގުގައި އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރަން ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެން މިއަށް ވެސް [ކައުންސިލް އިންތިހާބަށް] މި ބަލަނީ އެންމެ މަދުވެގެން ވެސް ގާތްގަނޑަކަށް، 70 ވަރަކަށް، 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދު ވެގެން ދާނެ ކަމަށް،" ޒާހިދު އޭރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންތިހާބުތަކަށް އެހާ ބޮޑު ހަރަދެއް ހިނގަނީ އިތުބާުރު ކުރެވޭ އިންތިހާބުތަަކަށް ހެދުމަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާތީ އެވެ.