Roadha Mihaaru

ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު "ދިވެހިންގެ ފޮނި އުންމީދު" ހާސިލް ކުރަން ކަމަށް ބުނެ ކުއްލިއަކަށް ބަދަލު ކުރަން އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ މިހާތަނަށް މައްސަލަތަކެއް ތިލަނުވެ، ހިނގަހިނގާ އޮތް ހަތް ފަނޑިޔާރުންގެ ބެންޗެއް ފަސް ފަނޑިޔާރުންނަށް ބަދަލުކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިއީ ޖުޑިޝަރީ އިސްލާހު ކުރަން ނުވަތަ ރިފޯމް ކުރަން ކުރާ ކަމެއް ހެއްޔެވެ؟

ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
ނާޒިމް ހަސަން
ނާޒިމް ހަސަން

25 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު "ދިވެހިންގެ ފޮނި އުންމީދު" ހާސިލް ކުރަން ކަމަށް ބުނެ ކުއްލިއަކަށް ބަދަލު ކުރަން އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ މިހާތަނަށް މައްސަލަތަކެއް ތިލަނުވެ، ހިނގަހިނގާ އޮތް ހަތް ފަނޑިޔާރުންގެ ބެންޗެއް ފަސް ފަނޑިޔާރުންނަށް ބަދަލުކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިއީ ޖުޑިޝަރީ އިސްލާހު ކުރަން ނުވަތަ ރިފޯމް ކުރަން ކުރާ ކަމެއް ހެއްޔެވެ؟

ގައުމުގައި މިއަދު އެންމެ ބާރަށް ކުރެވޭ މި ސުވާލުތަކަށް އެއްބަޔަކަށް އޮތީ ކުރު ޖަވާބެކެވެ؛ އެއީ އެމެރިކާގައި ބުނާ ނަމަ "ކޯޓު ޕެކިން"ގެ ސާފު ސީދާ މިސާލެކެވެ. އެމެރިކާ އެކަންޏެއް ނޫނެވެ. މިއީ ރާއްޖޭގައި ވެސް ތާރީހެއް އޮތް ކަމެކެވެ.

"ކޯޓު ޕެކިން" އުކުޅު އެންމެ ފުރަތަމަ ތައާރަފުވެގެންދިޔައީ 1937 ވަނަ އަހަރު ޖުޑިޝަލް ރިފޯމް ޕްލޭންގެ ނަމުގައި އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އިތުރު ކުރަން ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އެ ގައުމުގެ އޭރުގެ ސަރުކާރުން ކުރި މަސައްކަތްތަކާ ގުޅިގެންނެވެ. ޖުޑިޝަލް ރިފޯމްގެ ނަމުގެ ފަހަތުގައި ތިބެ ސަރުކާރުގެ އަމާޒަކަށްވީ ބެންޗުގެ މެޖޯރިޓީ ހޯދައި، ސަރުކާރަށް މަންފާވާ ނިންމުންތަކެއް ކޯޓުން ނެރޭށެވެ. މިކަން އެމެރިކާގައި އެކި ސަރުކާރުތަކުގައި އެކި ނަންނަމުގައި ވަނީ ތަކުރާރުވެފަ އެވެ.

"ކޯޓް ޕެކިންގެ ޓެކްޓިކަކީ ކޯޓުގެ ކޮންޓްރޯލް ނެގުމަށް އާންމުކޮށް ސިޔާސީ މީހުން ކޮށް އުޅޭ ކަމެއް،" ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

ފެހި ގާނޫނުއަސާސީއާ އެކު، ރާއްޖޭގައި ސުޕްރީމް ކޯޓު ވުޖޫދުވުމަށް ފަހު އައި ކޮންމެ ސަރުކާރަކުން ވެސް ފެނުނީ ކޯޓު ޕެކިންގެ އުކުޅު ސަގާފަތަކަށް ހަދާފައި އޮތް ތަނެވެ. އިންތިގާލީ ސުޕްރީމް ކޯޓު ރައީސް މައުމޫން އަބްދުއްގައްޔޫމް ނޮމިނޭޓް ކުރެއްވިއިރު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. ނަމަވެސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކޯޓު ދާއިމީ ވެގެންދިޔައިރު އެ އަދަދު ހަތަކަށް އިތުރުކުރި އެވެ.

އެކަމަކު، އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ތިރިކޮށް، އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ ކޮން ހަމައަކުން ކަމެއް މިހާތަނަށް ވެސް އެނގޭކަށް ނެތެވެ. ފެންނަން އޮތް ހަގީގަތަކީ އެއީ ސިޔާސީ ނިންމުމެއް ކަމެވެ. ސަރުކާރުން ހިންގި "ކޯޓު ޕެކިން"ގެ އަމަލެއް ކަމަށް އެތައް ބަޔަކު އެއްބަސްވެ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ކުރިން ތިއްބެވި ތިން ފަނޑިޔާރުން: ކޮންމެ ސަރުކާރާ އެކު ބެންޗުގެ އަދަދަށް ބަދަލު އާދޭ - ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ބެންޗުގައި ކުރިން ތިއްބެވި ތިން ފަނޑިޔާރުން: ކޮންމެ ސަރުކާރާ އެކު ބެންޗުގެ އަދަދަށް ބަދަލު އާދޭ - ފޮޓޯ: މިހާރު

ޔާމީންގެ ވެރިކަން ނިމި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، އަނެއްކާވެސް ބެންޗުގެ އަދަދު ހަތަކަށް އިތުރު ކުރި އެވެ. އޭރު ވެރިކަންކުރި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހުން އެ ނިންމުމާ ހަމައަށް ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެގޮތަށް ބޭނުންފުޅުވުމުންނެވެ. ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެކީ އެކަށް ބަދަލުކުރި އެވެ. މިހާރު އެ ތިއްބެވީ އެ ހަތް ފަނޑިޔާރުންނެވެ. ކުރީގެ ދެ ރައީސުން ކަމަށްވާ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުރެއްވީ އެއް ކަމެކެވެ.

މިހާރުގެ ސަރުކާރު ވެރިކަމަށް އައީ އެ ސަގާފަތް ހުއްޓުވުމުގެ ޔަގީންކަމާ އެކު އެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވިތާ މާ ގިނަ މަސްތަކެއް ނުވަނީސް، ސަރުކާރަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ތިރިކުރަން މަޖިލީހަށް ބިލެއް ވައްދައިފި އެވެ. އަދި އެ ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭ، ފަނޑިޔާރު ކަމަށް ގާބިލް ނޫން ބޭފުޅުން މަގާމުން ވަކިކުރުމުގެ ހުރިހާ ކަމެއް ނިންމަން، "އަވަސް ޓްރެކަށް" ދާން ވެސް ވަނީ ބިލްގައި ހިމަނައިފަ އެވެ.

ސަރުކާރުގެ ތާއިދާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލުގެ ވާހަކަ ފެށިފައިމިވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ފުލް ބެންޗުން މައްސަލައެއް ބަލަމުންދަނިކޮށް ވެސްމެ އެވެ. ދައުލަތުން އެ ބެންޗުގައި އެދުނު ގޮތަށް، ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ބޭރުކޮށްފައެއް ނުވެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައިވަނީ، އެނގިފައިވާ ގޮތުގައި ބައެއް ފަނޑިޔާރުން އެކަމާ ދެކޮޅު ހަދާފައިވަނިކޮށެވެ.

ގާނޫނުއަސާސީގެ މައްސަލަ ބޭރު ނުކުރުމުގެ އަދަބެއް؟

އިދިކޮޅު ބައެއް ބޭފުޅުންނާއި ގާނޫނީ ގިނަ ބަޔަކު ދެކޭ ގޮތުގައި މަޖިލީހަށް ވެއްދި ބިލަކީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ މެދު ކޯޓުން ނިންމި ނިންމުމާ ގުޅިގެން ފަނޑިޔާރުންނަށް ދެވޭ އަދަބެކެވެ. އެއީ ސަރުކާރުގެ ބާރު ދައްކާލަން ކުރާ ކަމެއް ކަމަށް އެ މައްސަލަގައި ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލް މަހުފޫޒު ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ.

"ކޯޓަށް ހުށަހެޅިފައި އޮތީ ގާނޫނީ ބަހުސެއް އޮތް މައްސަލައެއް. ރައްޔިތުންގެ މަޖިލީހުން ކަންކޮށްފައި އޮތީ ރަނގަޅަށް ކަމަށް ދެކޭ ނަމަ އެ ނަތީޖާ ހޯދުމަށް ކޯޓުގައި ވަކާލާތު ކުރެވޭނެ. އެ މަގު އިހުތިޔާރު ނުކޮށް ބާރު ދައްކާލަން ކުރާ މަސައްކަތުގައި ތިޔަ ފުނޑާލެވެނީ މުޅި ޝަރުއީ ނިޒާމު،" މަހުފޫޒު ލިޔުއްވާފައިވެ އެވެ.

އެ ހެކި ވެސް އެބަހުރި. އަނެއްކާ ޖޭއެސްސީގައި އެބަހުރި ސުޕްރީމް ކޯޓުގެ މިހާރުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތައް މިހާރު ވެސް ވަކި ގޮތެއް ނުނިންމާ. އެ ހުރިހާ ކަމަކާ އެކު ހެން ބޮޑަށް ހީވަނީ ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް މަދުކުރުމުގެ ވިސްނުން އައިސްގެން އުޅެނީ،"--- ސަރުކާރުގެ އިސްވެރިއެއް

އަލީ ހުސެއިން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ދުސްތޫރީ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށް ބިލެއް ހުށަހެޅުމަކީ ސީދާ ގޮތުން ސަރުކާރުން ފަނޑިޔާރުގެއަށް އަތްބޭނުމެވެ.

ނަމަވެސް ސަރުކާރަށް ނިސްބަތްވާ އިސްވެރިއަކު އެކަމާ އެއްބަސްވެވަޑައި ނުގަންނަވަ އެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ދަށްކުރުމުގެ ވިސްނުން އައީ އެ ބެންޗުގައި މިހާރު ތިއްބަވާ ބައެއް ބޭފުޅުންނަށް ވެސް އަމަލު ކުރެއްވުނު ގޮތަކުން ކަމަށެވެ. އޭގެ ތެރޭގައި ދަށު ކޯޓުގައި ދާދި ފަހުން ތާވަލްކުރި މައްސަލައަކަށް ސުޕްރީމް ކޯޓުގެ މިހާރުގެ ބެންޗުގެ ބައެއް ބޭފުޅުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

"އެ ހެކި ވެސް އެބަހުރި. އަނެއްކާ ޖޭއެސްސީގައި އެބަހުރި ސުޕްރީމް ކޯޓުގެ މިހާރުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތައް މިހާރު ވެސް ވަކި ގޮތެއް ނުނިންމާ. އެ ހުރިހާ ކަމަކާ އެކު ހެން ބޮޑަށް ހީވަނީ ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް މަދުކުރުމުގެ ވިސްނުން އައިސްގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗާ "ކުޅެން" ކުއްލިއަކަށް އުޅުނީ ދުސްތޫރީ މައްސަލައާ ހެދިކަން ސާބިތުވާ ކަންކަން ބައެއް ބޭފުޅުން ދައްކަވަ އެވެ. އެގޮތުން، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ފަހު، ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރަކާ ގުޅޭ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އަދި އެ ދެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލިފައިވާކަން ދައްކުވައިދޭން މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގެ ތެރެއިން --

ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގެ ތެރެއިން --

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީގައި އެ މަނިކުފާނުގެ މެންބަރެއްގެ ގޮތުގައި އިންނަވާ މެންބަރު ކުއްލި ގޮތަކަށް ވަކިކުރައްވައިފަ އެވެ. ގާނޫނީ ވަކީލް މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވައި އައްޔަން ކުރެއްވީ އެކައުންޓެންޓެއް ކަމަށްވާ ޔަޒްމީދު މުހައްމަދެވެ.

މި ބަދަލު ރައީސް ގެންނެވިތާ ގަޑިއިރުތަކެއް ތެރޭ، ޖޭއެސްސީއަށް މުހިންމު ދައުރެއް އޮންނަ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ އިސްލާހު މަޖިލީހަށް ހުށަހެޅި އެވެ. މިއީ އާދައިގެ އިއްތިފާގުތަކެއް ނޫންކަން ގިނަ ބޭފުޅުން ދެކެ އެވެ.

ބައެއް މެމްބަރުންގެ ހިޔާލު ތަފާތު

ސައްތާރުގެ ބިލާ މެދު ޕީއެންސީގެ ބައެއް މެމްބަރުންގެ ހިޔާލު ތަފާތެވެ. އެ ބިލާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕީއެންސީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސާޅީހަކަށް މެމްބަރުންގެ ތެރެއިން މަދު ބޭފުޅުންތަކެއް ހިޔާލު ތަފާތުވި ކަމަށް ވެ އެވެ. އެ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ މުހިންމު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެފަދަ ބަދަލެއް ގެނައުމެވެ. މިއީ އެކަން ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމާއި އެ ބަދަލު ގެނައުން ވެގެންދާނީ ކޯޓަށް ނުފޫޒު ފޯރުވުން ކަމަށް އެ މެންބަރުން ގަބޫލުކުރައްވަ އެވެ. ހާއްސަކޮށް ކުއްލިއަކަށް ނިންމާ ނިންމުމަކާ އެކު، "ޑެމޭޖު" ވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ފާޅުކުރެއްވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންގެ ސުވާލަކަށް ވީ، ސުޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލަ ނިމުނީމާ ފިޔަވަޅު އަޅައިފި ނަމަ އެ މައްސަލައާ ގުޅުވައިގެން ވާހަކަ ދައްކަފާނެތީ. އެހެންވެ، ކޮންމެ ގޮތަކަށް ބަލާފައި ވިޔަސް ކުރަންޖެހޭ ކަމެއް ކުރުމަށް ގިނަ މެމްބަރުންނަށް ބުރަވެވުނީ،" ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި އެހެން ބޭފުޅަކު ވިދާލުވި އެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ބިލަށް ތާއީދު ކުރައްވައި، މަޖިލީހުގައި ބަހުސް ކުރުމަށް މެންބަރުންނަށް އަންގަވައިފަ އެވެ. ޕީޖީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕަށް ފަލާހު ރޭ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ސައްތާރުގެ ބިލަށް ތާއިދު ކުރަން އެ ޕާޓީގެ ލީޑަޝިޕުން ވަނީ ނިންމައިފަ އެވެ. ލީޑަޝިޕްގައި ތިއްބެވީ ސަރުކާރުގެ އިސް ބޭފުޅުންނެވެ.

"ބައެއް މެންބަރުން ވަނީ ކޮންމެ ގޮތަކަށް އެންގިޔަސް ބިލަށް ތާއިދު ނުކުރާނެ ކަމަށް ވިދާޅުވެފައި. އެ ބޭފުޅުން ދެކޭ ގޮތުގައި މި ބިލްގެ ސަބަބުން ސަރުކާރަށް ވެސް ލިބޭނީ ގެއްލުން. މިގޮތަށް ނިޒާމާ ކުޅެން އެ ބޭފުޅުން ނުރުހޭ ކަން ޕީޖީ ބައްދަލުވުމުގައި ފާހަގަކުރެއްވި،" ނަން ނުޖެހުމަށް ޝަރުތުކޮށް މެންބަރަކު ވިދާޅުވި އެވެ.

މިއީ ކުރިން ވެސް ރަނގަޅު ގޮތެއް ނޫން އަދި މިހާރު ވެސް ރަނގަޅު ގޮތެއް ނޫން."--- ހަމްޒާ

ސަރުކާރާއި ޕީއެންސީގެ ލީޑަޝިޕުން ތާއިދު ކުރަން ނިންމާފައިވާ ބިލާ ގުޅިގެން ޕީއެންސީ ޕީޖީން ތްރީލައިން ވިޕެއް ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެހެން ވެއްޖެ ނަމަ، ޕީއެންސީގެ ހުރިހާ މެންބަރުން ވެސް ބިލަށް ތާއިދު ކުރާނެ ކަމަށް ބެލެވޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ތްރީލައިން ވިޕާ ހިލާފުވެ، ޕާޓީން މެންބަރާ މެދު ފިޔަވަޅު އެޅުމަށް އެއްވެސް މެންބަރަކު ބޭނުން ނުވާތީ އެވެ.

"އެގޮތަށް ފިޔަވަޅު އަޅަން ވެއްޖެ ކަމަށްވާ ނަމަ، ގޮނޑި ގެއްލުމުގެ ފުރުސަތު އެބަ އޮތް. އަޅުގަނޑަކަށް ހިއެއް ނުވޭ މެންބަރުން ތިބީ އެ ޗާންސް ނަގާ ގޮތަކަށް ހެނެއް،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު

ޕީއެންސީގެ މަޖިލިސް މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު

އެކަމަކު، ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކެވި މެންބަރު ވަނީ ބިލަށް ވޯޓު ދޭން ދެކޮޅު ސަބަބެއް ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދުކުރިޔަސް، ޖޭއެސްސީ އަށް ފަނޑިޔާރެއްގެ ގާބިލްކަމާ މެދު ސުވާލު އުފެދިގެން ނުވަތަ ސުލޫކީ މައްސަލައެއް ސާބިތުވެގެން ނޫން ގޮތަކަށް އެ ފަނޑިޔާރަކު ވަކިނުކުރެވޭނެ އެވެ. އެކަން ގާނޫނުއަސާސީން ވެސް ސާފެވެ. އަދި ސައްތާރު ހުށަހެޅުއްވި ބިލްގައި ވެސް އޮތީ އެގޮތަށެވެ.

"އެހެންވީމާ، އަޅުގަނޑަކަށް ނުފެނޭ ބެންޗު ކުޑަކުރަން ޖެހޭ ސަބަބެއް. ފަނޑިޔާރެއްގެ މައްސަލައެއް އޮތް ނަމަ، އެކަމެއް މިހާރު ވެސް ބެލޭނެ. ބަލާފައި ފިޔަވަޅު ވެސް އެޅޭނެ. ބެންޗުގެ އަދަދަށް ބަދަލު ގެނައުމުގެ އެއްވެސް ސަބަބެއް ނުފެނޭ. އެ ބިލް ހުށަހެޅި ބޭނުމާއި މަގުސަދުގައި މެންބަރަށް ވެސް ނޭނގުނު ލިޔާނެ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ގާނޫނު ބަދަލުކުރިޔަސް ފަނޑިޔާރަކު ވަކިނުކުރެވޭނެ!

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އެހެންކަމުން، ގާނޫނެއް ފާސްކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ އޮތް ފުރުސަތެއް ނޫން ކަން ސާފެވެ. ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކިނުކުރެވޭނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖޭއެސްސީން ދަނީ ތައްޔާރުވަމުންނެވެ. ސަރުކާރުގެ ބައެއް ބޭފުޅުން ގަބޫލުކުރާ ގޮތުގައި އެ ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް އޮވެމެ، އެ މައްސަލަތައް ޖޭއެސްސީން މީގެ ކުރިން ތިބީ "ޕާކް" ކޮށްގެންނެވެ. އަދި އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލޭ ފަދަ އެތައް ކަމެއް ހިނގާފައިވާ ކަމާއި އެކަން ސާބިތުވާނެ ކަން ވެސް ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓު --

ސުޕްރީމް ކޯޓު --

ގާނޫނީ ވަކީލް ހަމްޒާ ލަތީފް ވެސް ވިދާޅުވެފައިވާ ގޮތުގައި ބިލްގެ ޖުމްލަތައް ކިޔާލުމުން ދޭހަވަނީ ބެންޗު ކުޑަރުމުގެ ބިލް ފާސްކުރުމާ އެކު ޖޭއެސްސީން އޮޓޯއިން، ބައެއް ފަނޑިޔާރުން ނާގާބިލް ކަމަށް ކަނޑައަޅާނެ ކަމަށް އެ ބިލް ޑްރާފްޓްކުރި ބޭފުޅުން ދެކެވަޑައިގަންނަވާ ކަމެވެ. ނަމަވެސް، އެ ބިލް ފާސްކުރުމާއި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ޖޭއެސްސީން ބެލުމާ އެއްވެސް ގުޅުމެއް ނޯންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބިލް ފާސްވުމުގެ ކުރިން، ކުށެއް ނެތް ކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުން، ކުއްލިއަކަށް އަވަސް އިޖުރާއަތެއްގެ ދަށުން ކުށްވެރިވާ ކަމަށް ފެނިއްޖެ ނަމަ، މިއީ ވަކި ފަރާތަކަށް ބުރަވާ ގޮތަށް ފަނޑިޔާރުގެ އެކުލަވާލުމަށް ކުރެވޭ މަސައްކަތެއް ކަމަށް ދޭހަވޭ. މިއީ ރަނގަޅު ގޮތެއް ނޫން. އަދި މި ދެ ކަންތައް މިފަދަ ގޮތަކަށް އެއްކޮށްގެން ނުވާނެ،" ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަން ހިންގާ ފަރާތާއި، ގާނޫނު ހަދާ ފަރާތާއި އަދި ޝަރުއީ ދާއިރާއާ ދެމެދު އުފެދޭ މައްސަލައެއް ކޮންމެ ގޮތަކަށް އޮތްކަމުގައި ވިޔަސް، އެކަން ހައްލުކުރަން ވާނީ ޑިޕްލޮމަސީގެ އުސޫލުތަކާއި އެއްބަޔަކު އަނެއް ބަޔަކަށް ދޫދިނުމުގެ އުސޫލުންނެވެ. ކަންކަން ބޭނުންވާ ގޮތަށް ނުދާ ކޮންމެ ފަހަރަކު ފަނޑިޔާރުގެ އަލުން އެކުލަވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ކުރިން ވެސް ރަނގަޅު ގޮތެއް ނޫން އަދި މިހާރު ވެސް ރަނގަޅު ގޮތެއް ނޫން."

ސުޕްރީމް ކޯޓުގެ ބެންޗާ "ކުޅުމުގެ" ސަގާފަތް ރާއްޖޭގައި އޮތް ވަރާ ގުޅޭ ގޮތުން ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ޝަރުއީ ދާއިރާ އާއި ކޯޓުތައް ގަޑުބަޑުކުރުމުގެ ތާރީހެއް އޮތީ އެމްޑީޕީގައި ކަަމށެވެ. އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު އޮތް ބައެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ސުޕްރީމް ކޯޓުގެ ބެންޗެއް ގަނޑުކޮށް ބަދަލުކޮށް، ގަނޑުކޮށް ބަދަލުކޮށް ހައި ކޯޓުގެ އިލްމީ ފަނޑިޔާރުން ތިބޭފުޅުންގެ މުށުތެރެއަށް ފަނޑިޔާރުގެ ލައި މުޅިނިޒާމު ގަޑުބަޑުކޮށް މި ނިޒާމަށް ރައްޔިތުން ކުރި އިތުބާރު ވެއްޔާމޮޑެލީ ތިބޭފުޅުންގެ ޕާޓީން މަގުމަތީ ކޯޓު ހަދައިގެން ހިންގި ހަޑިމުޑުދާރު އަމަލުތަކުންކަން ހަނދުމަފުޅު ނެތުނީތޯ؟،" ޝުޖާއު އިއްޔެ ވިދާޅުވެފައި ވެ އެވެ.

ވެރިކަމުގައި ޝަރުއީ ދާއިރާއަށް ނުފޫޒެއް ނޯންނާނެ ކޮންމެ ވެރިޔަކު ވެސް، ރައީސުލްޖުމްހޫރިޔާ ކަމުގެ ހުވަޔަކާ އެކު އެކީ ވިދާޅުވިޔަސް "ކޯޓު ޕެކިން" އަކީ ރާއްޖޭގައި ސަގާފަތަކަށް ވަނީ ވެފަ އެވެ. ބޭނުންވާ ކަމެއް ނުވުމުން ނުވަތަ ވެރިކަމަށް ލޮޅުމެއް އަރާފާނެ ކަމަށް ބެލެވޭ ހިސާބުން ކޮންމެ ބޭފުޅަކު ވެސް މި ކުރަނީ އެއް ކަމެކެވެ.