Roadha Mihaaru
އަނިޔާ ލިބޭ ކުދިން ދިރިއުޅުމާ މެދު އުންމީދު ކަނޑާލާ

އަނިޔާ ލިބޭ ކުދިން ދިރިއުޅުމާ މެދު އުންމީދު ކަނޑާލާ

16 ޖޫން 2016

ކުޑައިރު މައިންބަފައިންގެ އަނިޔާއާ ކުރިމަތިވެފައި ތިބޭ ކުދިން އަމިއްލައަށް މަރުވުން މާގިނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކުޑައިރު މައިންބަފައިންގެ އަނިޔާއާ ކުރިމަތިވެފައި ތިބޭ ކުދިން އަމިއްލައަށް މަރުވުން މާގިނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޔުނިވަސިޓީ އޮފް ޓޮރޮންޓޯގައި ހަދާފައިވާ މި ދިރާސާއިން ދައްކާ ގޮތުން ބޮޑެތި މީހުންގެ ތެރެއިން ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ މީހުންގެ 17.3 ޕަސެންޓު މީހުންނަށް ކުޑައިރު މައިންބަފައިންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާ ލިބިފައިވެ އެވެ. ކުޑައިރު އަނިޔާ ނުލިބޭ ކުދިން އަމިއްލައަށް މަރުވާ ރޭޓް އުޅެނީ 2.3 ޕަސެންޓުގަ އެވެ.

މި ދިރާސާކުރުމުގެ ކުރިން ސައިންސްވެރިން ހީކުރީ އަމިއްލައަށް މަރުވާ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ ބޭނުން މާގިނައިން ކުރާ މީހުންނާއި ކުޑައިރު ޖިންސީ އަނިޔާތައް ލިބިފައި ތިބި މީހުން ކަމަށެވެ. ނަމަވެސް މިފަދަ މީހުންނަށް ވުރެ ވެސް މައިންބަފައިންގެ އަނިޔާއާ މާބޮޑަށް ކުރިމަތިވެފައި ތިބޭ ކުދިންގެ މެދުގައި މި މައްސަލަ މާބޮޑުކަން ސައިންސްވެރިންގެ އާ ހޯދުމުން ވަނީ ހާމަވެފަ އެވެ.

މި ދިރާސާގައި ސައިންސްވެރިން ބެލީ 2012 ގައި ކެނޭޑިއަން ކޮމިއުނިޓީ ހެލްތު ސާވޭއަށް އެއްކުރި ކެނެޑާގެ 22،559 މީހެއްގެ ސާމްޕަލް އެވެ.

ވަރަށް ބޮޑަށް މައިންބަފައިން އަނިޔާކުރާ ކަމަކަށް ބަލާފައިވަނީ ކުއްޖާގެ އުމުރުން 16 އަހަރު ފުރުމުގެ ކުރިން އެކުއްޖާއަށް 10 ފަހަރަށް ވުރެ ގިނައިން ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ނަމަ އެވެ.

ކުދިންނަށް އަނިޔާކުރުމަކީ މުޅި އުމުރަށް އޭގެ އަސަރު ކުރާ ކަމެއް

ކުދިންނަށް އަނިޔާކުރުމަކީ މުޅި އުމުރަށް އޭގެ އަސަރު ކުރާ ކަމެއް

"ގޭގައި މައިންބަފައިން ކުދިންނަށް ގަދަޔަށް އަނިޔާކުރުމަކީ އެ ކުއްޖާގެ ހިތުގައި ނޭދެވޭ ޝުއޫރުތައް އުފެދި މުޅި އުމުރަށް ކުއްޖާގެ ވިސްނުން ނެގެޓިވް ވުމަށް މެދުވެރިވާ ސަބަބެއް. ކުއްޖާއަށް މައިންބަފައިން އަނިޔާ ނުކުރި ނަމަވެސް ގޭގެ މާހައުލަކީ ޒުވާބުކުރުމާއި ތަޅާފޮޅުންބޮޑު މާހައުލެއް ނަމަ އެކުއްޖާގެ ހަޔާތަށް އެކަމުގެ ހިޔަނި އެޅޭނެ،" ދިރާސާގައި ބައިވެރިވި ސައިންސްވެރިޔަކު ވިދާޅުވެފައިވެ އެވެ.

ކުޑައިރު މައިންބަފައިންގެ އަނިޔާތަކާ ކުރިމަތިވާ ކުދިން ބޮޑެތިވެގެން އަމިއްލައަށް މަރުވާން މަސައްކަތްކުރާ މިންވަރު 16.9 ޕަސެންޓުގައި ހުރިއިރު، ޖިންސީ އަނިޔާތައް ލިބިފައިވާ ކުދިން އެންމެ މަދުވެގެން ވެސް އެއްފަހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރާ މިންވަރު އުޅެނީ 12.4 ޕަސެންޓުގަ އެވެ.

ކުޑައިރު ކުދިންގެ ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވުން އިތުރުވުމާއި ހިތްނު ތަނަވަސްވުމާއި މަސްތުވާތަކެތި ބޭނުންކުރުން އަދި ބައްޔެއްގެ ސަބަބުން ނަމަވެސް ކެތް ނުކުރެވޭ ވަރުގެ ވޭނެއް ހަށިގަނޑުގައި ހުރުމަކީ ވެސް އަމިއްލައަށް ފުރާނަ ދުއްވާލަން މީހުން ގަސްތުކުރާ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

މި ދިރާސާ ޝާއިއުކޮށްފައިވަނީ ޖާނަލް ޗައިލްޑް ކެއާ، ހެލްތު އެންޑް ޑިވެލޮޕްމަންޓްގަ އެވެ.