Roadha Mihaaru

ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފި އެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

27 ނޮވެމްބަރ 2025

އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓު ދެއްވި އެވެ.

އެ އިސްލާހުގައިވާ ގޮތުން 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ. އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. މީގެތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ލާޒިމެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން 3،000 އަށްވުރެ މަދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވަ އެވެ.

ރަށު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ އަދި ފުވައްމުލައް ސިޓީ ކައުންސިލްގައި ތިބޭނެ ކައުންސިލަރުންގެ އަދަދު ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

މާލެ ސިޓީ ކައުންސިލްގައި 16 މެންބަރުން ތިބޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. މާލެ ސިޓީ ކައުންސިލްގައި މިހާރު ތިބެނީ 19 ކައުންސިލަރުންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ 8 އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް އިސްލާހުގައިވެ އެވެ.

ދެން އޮތް އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިސްލާހުގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި އެއިން ކޮންމެ ސިޓީއެއްގައި ވެސް އެކުލަވާލަން ޖެހޭނީ މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭ ކައުންސިލެކެވެ.