Roadha Mihaaru

ފްލެޓްތައް ހަވާލުކޮށް ނިމޭނެ ކަމަށް ބެލެވޭ އާ ތާރީހުތަކެއް ދީފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް އެތަންތަން ހަވާލުކޮށް ނިމޭނެކަމަށް މިހާރު ބެލެވޭ އާ ތާރީހުތަކެއް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

ފްލެޓްތައް ހަވާލުކޮށް ނިންމަން އާ ތާރީހުތަކެއް ދީފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 ޑިސެމްބަރ 2025

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް އެތަންތަން ހަވާލުކޮށް ނިމޭނެކަމަށް މިހާރު ބެލެވޭ އާ ތާރީހުތަކެއް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ ފްލެޓުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން ޓަވަރުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.

އެފްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ޑިސެމްބަރު މަސް ނިމޭއިރު އެ ޓަވަރަކުން ފްލެޓުތައް އެންމެންނަށް ހަވާލުކޮށް ނިމޭނެ އެވެ. އެކަމަކު މިހާރު އައިސްފައިވާ ބަދަލާ އެކު ފްލެޓުތައް ދީ ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށް މިހާރު ވަނީ ބުނެފަ އެވެ.

ފްލެޓުތައް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީހުތައް:

- އަމާން އުދަރެސްގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށް ހަވާލުކުރެވޭނީ މި މަހުގެ ދެވަނަ ހަފުތާ ހިސާބުގައި.

- އަމާން އުދަރެސްގެ 8 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.

- އަމާން އުދަރެސްގެ 1، 2، 3، 4 އަދި 7 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 4 ވަނަ ހަފުތާގައި.

- އަމާން އުދަރެސްގެ 5 އަދި 6 ވަނަ ޓަވަރު ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.

- އަމާން އުދަރެސްގެ 9 އަދި 10 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 5 ވަނަ ހަފުތާގައި.

- އަމާން ދޯދި 1، 2، 3، 4، 12، 13، 14 ވަނަ ޓަވަރު - ޖެނުއަރީ ފަހު ހަފުތާގައި.

- އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު، ޖެނުއަރީ 2 ވަނަ ހަފުތާގައި.

- އަމާން ދޯދި 5، 6، 7، 8، 9، 10 އަދި 11 ގެ ޓަވަރުތައް ޖެނުއަރީ ފަހު ހަފުތާގައި ހަވާލުކުރެވޭނެ.

ހުޅުމާލޭގައި އަލަށް އެޅި ފްލެޓުގައި ބަޔަކު ދިރިއުޅެން ފަށާފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހުޅުމާލޭގައި އަލަށް އެޅި ފްލެޓުގައި ބަޔަކު ދިރިއުޅެން ފަށާފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ ފްލެޓުތައް ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ. ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.

ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.

"އަމާން ދޯދި" ފްލެޓްގެ ސިޓިން ރޫމް އޭރިއާ.--  ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އަމާން ދޯދި" ފްލެޓްގެ ސިޓިން ރޫމް އޭރިއާ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ތަނުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު 8،000ރ. މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަށް މެއިންޓެނަންސް ފީއާ އެކު ނަގަނީ 11،500ރ. އެވެ.

އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.