Roadha Mihaaru

ދޮގު މައުލޫމާތު ފެތުރުން މަދުކުރަން އެމްއެންޔޫގެ ދަރިވަރުންތަކެއް ފޯރަމެއް ބާއްވައިފި

މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދީ، އެކަމަށް ދަރިވަރުން ހޭލުންތެރިކުރުވަން، ގައުމީ ޔުނިވާސިޓީގައި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރުންތަކެއް އިސްނަގައިގެން އިއްޔެ ފޯރަމެއް ބާއްވައިފި އެވެ.

ދޮގު ފެތުރުން މަދުކުރަން ދަރިވަރުންގެ ފޯރަމެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

02 ޑިސެމްބަރ 2025

މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދީ، އެކަމަށް ދަރިވަރުން ހޭލުންތެރިކުރުވަން، ގައުމީ ޔުނިވާސިޓީގައި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރުންތަކެއް އިސްނަގައިގެން އިއްޔެ ފޯރަމެއް ބާއްވައިފި އެވެ.

"ނޯ ކެޕް ޖަސްޓް ފެކްޓްސް" ގެ ނަމުގައި ހިންގާ ކެމްޕެއިންގެ ދަށުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަނީ، ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފަ އެވެ.

އެ ފޯރަމް ޝަރަފުވެރިކޮށްދެއްވައި، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ފަދަ މުޖުތަމައުއެއްގައި "ނޯ ކެޕްސް ޖަސްޓް ފެކްޓްސް"ގެ ނަމުގައި ކެމްޕެއިނަކަށް އިސްނެގުމަކީ, ރަނގަޅާ ދިމާލަށް ދިއުމުގެ ފެށުމެއް ކަމަށެވެ.

މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް އެމްއެންޔޫގެ އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރުންތަކެއް އިސްނަގައިގެން ބޭއްވި ފޯރަމްގެ ބައިވެރިންގެ މެދުގައި ގުރުއަތު ނަގައިގެން ލެޕްޓޮޕް ލިބުނު ދަރިވަރަށް، ހޯމް މިނިސްޓަރު އިހުސާން އަދި ވައިސް ޗާންސެލާ ޑރ. ޝެހެނާޒް ލެޕްޓޮޕް ހަދިޔާކޮށްދެއްވަނީ.-- ފޮޓޯ: އެމްއެންޔޫއެސްޔޫ

އޭނާ ވިދާޅުވީ ހަގީގީ ހާދިސާއަކުން ލިބޭ ގެއްލުމަކަށް ވުރެ، ނޭނގި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވެދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ޒަމާންތަކެއް ކުރިން 100,000 މީހުންނަށް ވާހަކައެއް ހިއްސާކުރަން އަހަރު ދުވަސްނަގަ އެވެ. ނަމަވެސް, އެއް ސިކުންތުގެ ތެރޭގައި މިހާރު އެކަން ހާސިލްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުރިން އެއް ލައްކަ މީހުންނަށް ވާހަކަ ސްޕްރެޑް ކުރަން ނަގާ އެއް އަހަރުގެ ތެރޭގައި އޭގެ ހަގީގަތް ހާމަކުރުމަށާއި އެ މައުލޫމާތު ރަނގަޅުކުރުމަށާއި އެއަށް ޓެކުލް ކުރުމަށް ހަމަ އެބަ ލިބޭ އެއް އަހަރު ދުވަސް. މިހާރު ޓެކުލްކުރަން އޭނާ އެ މައުލޫމާތު ލިބޭއިރު އޮންނަނީ ސްޕްރެޑްވެފައި." އެ ޔުނިވާސިޓީގައި ބޭއްވި ފޯރަމްގައި އޭނާ ވިދާޅުވި އެވެ.

ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން ފަހިވެފައި ވަނީ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެ ހައްގުގެ ބޭނުން ޒިންމާދާރުކަމާއެކު ބޭނުންކުރަން ބާރުއަޅުއްވައިފަ އެވެ.

ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވީ ދުނިޔޭގައި ކަންކަން ބަދަލުވާ ވަރަކަށް ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ކޯސްތަކަށް ވެސް ބަދަލު އަންނަން ޖެހޭ ކަމަށެވެ.

އެގޮތަށް, އެމްއެންޔޫގައި މީގެ ކުރިން ނޫސްވެރިން ތަމްރީނުކުރަމުން ދިޔަ ކޯސް, ޖާނަލިޒަމް ކޯހަށް ބަދަލުތަކެއް ގެނެސް, މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ނަމުގައި އަލަށް ފެށި ކޯހަކީ އެ އުސޫލުން ގެނައި ބަދަލެއް ކަމަށް އާސިމް ވިދާޅުވި އެވެ.

މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް އެމްއެންޔޫގެ އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރުންތަކެއް އިސްނަގައިގެން ބޭއްވި އިއްޔެ ފޯރަމްގައި ހޯމް މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޔޫއެސްޔޫ

އޭނާ ވިދާޅުވީ ޔުނިވާސިޓީގައި ކިޔަވައިދޭ އެއްޗެހި ދަސްކޮށް, އަމަލީ މައިދާނުގައި އެ ބޭނުންކޮށް އަދި މުޖުތަމައުއަށް އިތުރަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ ބޭނުމެއް ކަމަށެވެ.

"ދަރިވަރުން އެ ކިޔަވާ އެއްޗެއްގެ އަމަލީ ތަޖުރިބާ ވަރަށް ރަނގަޅަށް, މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކޮށްދޭން ކޮމިއުނިކޭޝަން ކެމްޕެއިނެއް އެ ހިންގީ." އާސިމް ވިދާޅުވި އެވެ.

ދޮޅުގަޑިއިރަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި މައުލޫމާތު ދިނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭގެ) ގެ އެކްސްކޯ މެންބަރު މުހައްމަދު މާހިލާއި ވިމެން އިން ޓެކްގެ ފައުންޑާ އާއިޝާ އަދުނާނާއި އެމްއެންޔޫގެ ވިޒިޓިން ލެކްޗަރާ އަހްމަދު އަފްރު ރަޝީދު އަދި އިންފޮމޭޝަން ކޮމިޝަންގެ ކުރީގެ ލީގަލް ޑިރެކްޓަރު އާއިޝަތު އިޝާ އެވެ.

އެ ފޯރަމްގައި މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގައި ކިޔަވާ 80 އެއްހާ ދަރިވަރުން ބައިވެރިވި އެވެ.

މި ފޯރަމްގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ވަނީ ދީފަ އެވެ. އެ ލެޕްޓޮޕް ލިބުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ގްރޭޑު 12 ގައި ކިޔަވަމުން އަންނަ ދަރިވަރު އައިޝަތު އަޒްހާ އަހުމަދަށެވެ.