Roadha Mihaaru

މި މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރަން އަންގައިފި

ދައުލަތުގެ ބަޖެޓުން މާލީ އެހީގެ ގޮތުގައި އަމިއްލަ މީޑިއާތަކަށް ދޭން ނިންމި ފައިސާ މި މަސް ނިމުމުގެ ކުރިން ދޫކުރުމުގެ ކަންކަން މޯލްޑިވްސް މީޑިއާ ކޮމިޝަނާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީ އަށް ރައީސް އޮފީހުން އަންގައިފި އެވެ.

މި މަހު މީޑިއާތަކަށް ފައިސާ ދޫކުރަން އަންގައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

14 ޑިސެމްބަރ 2025

ދައުލަތުގެ ބަޖެޓުން މާލީ އެހީގެ ގޮތުގައި އަމިއްލަ މީޑިއާތަކަށް ދޭން ނިންމި ފައިސާ މި މަސް ނިމުމުގެ ކުރިން ދޫކުރުމުގެ ކަންކަން މޯލްޑިވްސް މީޑިއާ ކޮމިޝަނާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީ އަށް ރައީސް އޮފީހުން އަންގައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ މި އަހަރު ނިމުމުގެ ކުރިން ދިނުމަށް ޔޫތު މިނިސްޓްރީ އަށް މިދިޔަ ހަފުތާގައި އަންގާފައިވާ ކަމަށެވެ.

އެ ފައިސާ ދޫކުރުމާ ގުޅޭ އުސޫލު ނުވަތަ ޕޮއިންޓު ދޭނެ ގޮތްތައް ކަންކަން ބަލާނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަމަށް ވިޔަސް ފައިސާ ދޫކުރުމުގައި މެދުވެރިއަކަށް ވާނީ ޔޫތު މިނިސްޓްރީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މީޑިއާތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން މީޑިއާ ކޮމިޝަނުން ކަނޑައަޅާ އެއްވެސް އުސޫލަކާ ޔޫތު މިނިސްޓްރީން ނުބެހޭނެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މީޑިއާތަކަށް ފައިސާ ދޫކުރަން ޔޫތު މިނިސްޓްރީން ކުރިން ކަނޑައެޅި އުސޫލު ބަދަލުކޮށް، އެކަން ކުރާނީ މީޑިއާ ކޮމިޝަނުންނެވެ.

"ދެފުށް ފެންނަ ގޮތަކަށް މިކަން ކޮށްދޭން އަޅުގަނޑުމެން އެދިފައި ވާނީ. މި އަހަރު ނިމުމުގެ ކުރިން ފައިސާ ދޫކުރަން މި އެންގީ،" އޮފިޝަލް ވިދާޅުވި އެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރު މަހު ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފަ އެވެ. އެ ނިންމުން އައީ ބައެއް މީޑިއާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިސާބަށް ޝަކުވާތައް ގެންދިއުމާ އެކު އެވެ.

މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް އާންމުކުރި އެވެ.

އެ ލިސްޓުގައިވާ ގޮތުގައި، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެއީ ޖުމްލަ 5.1 މިލިއަން ރުފިޔާ އެވެ. އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ މަސްލަހަތު އޮންނަ ދަ ޕްރެސްއަށް އެ އުސޫލުގެ ދަށުން 1.3 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ޔޫތު މިނިސްޓްރީން އެ ލިސްޓު އާންމުކުރުމާ އެކު، ބައެއް މީޑިއާތަކުންނާއި އާންމުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. މަސްލަހަތު ފުށުއަރާ ގޮތަށް މީޑިއާތަކަށް ފައިސާ ދޭން ނިންމާފައިވުމާއި އިންސާފުވެރި އުސޫލެއް ނެތި ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.

އެ ފައިސާ ދެނީ އެކަމާ ބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓު ލިބޭ މީޑިއާތަކަށް އެކަންޏެވެ. އެއީ ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.