Roadha Mihaaru

އިންވެސްޓްކުރަން އައި ސައުދީ ވަފްދު ރައީސާ ބައްދަލު ކުރައްވައިފި

އިންވެސްޓް ކުރުމުގެ މަޝްވަރާތަކަށް ރާއްޖެ އައި ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިންގެ ވަފްދުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލު ކުރައްވައި، ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ސައުދީގެ ވިޔަފާރި ވަފްދު ރައީސާ ބައްދަލު ކުރައްވައިފި

އިންވެސްޓް ކުރުމުގެ މަޝްވަރާތަކަށް ރާއްޖެ އައި ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިންގެ ވަފްދުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލު ކުރައްވައި، ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލު ކުރެއްވުމަކީ ރައީސް މުއިއްޒު މިއަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި އިންވެސްޓްމަންޓާއި އިގްތިސާދީ ދާއިރާ އާއި އަމިއްލަ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސައުދީގެ ވަފްދުގެ ބޭފުޅަކު ރައީސް މުއިއްޒުއާ ސަލާން ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް

ސައުދީގެ ވަފްދުގެ ބޭފުޅަކު ރައީސް މުއިއްޒުއާ ސަލާން ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް

ރައީސް އޮފީހުން ބުނިގޮތުގައި ރާއްޖެ އާއި ސައުދީއާ ދެމެދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ވެސް އެ ވަފްދުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއެކު އެ ވަފްދުން މަޝްވަރާ ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުންދާ އެހީތައް ފާހަގަ ކުރައްވައި އަދި އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާތީ އެކަމަށްޓަކައި ސައުދީ ސަރުކާރަށް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމަން ސައުދީގެ ސަރުކާރުން ދިން އެހީތެރިކަމާއި އަދި އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ މަތީ ފެންވަރުގެ ވަފްދެއް ފޮނުއްވި ކަމަށްޓަކައި ވެސް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސައުދީ ވަފްދުގެ ބޭފުޅުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް

ސައުދީ ވަފްދުގެ ބޭފުޅުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީން އިއްޔެ ބުނެފައިވަނީ އެ ވަފްދުން ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރަން ދިވެހި ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސައުދީ ފަންޑުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭއިރު، އޭގެ ތެރޭގައި ފެނާއި ނަރުދަމާ ފަދަ ބޮޑެތި މަޝްރޫއުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ވެސް ސައުދީ ފަންޑުން ލޯނު އެހީ ދިނެވެ. އަދި މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުން ވެސް އިތުރަށް ވަނީ ވަރުގަދަކޮށްފަ އެވެ.