Roadha Mihaaru

ރައީސް ވިދާޅުވެ ދެއްވީ ވާނުވާ ބަންދު މީހުން އެ މަނިކުފާނަށް ފަސް މިނިޓް ތެރޭގައި ދޫނުކުރެވޭ ސަބަބު!

ޝަރީއަތް ނިމެންދެން ބަންދުކުުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް ވާނުވާ ނޭނގި ބަންދުގައި އެތައް އަހަރެއް ވެފައިވާ މީހުން [ވާނުވާ ބަންދު މީހުން] ގެ މައްސަލަތައް ނުނިމެނީސް ދޫކުރެވެން ނެތް ކަމަށް ދެކެވަޑައިގަންނަވާ ސަބަބަކީ އެ މީހުންނަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

05 ޑިސެމްބަރ 2025

ޝަރީއަތް ނިމެންދެން ބަންދުކުުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް ވާނުވާ ނޭނގި ބަންދުގައި އެތައް އަހަރެއް ވެފައިވާ މީހުން [ވާނުވާ ބަންދު މީހުން] ގެ މައްސަލަތައް ނުނިމެނީސް ދޫކުރެވެން ނެތް ކަމަށް ދެކެވަޑައިގަންނަވާ ސަބަބަކީ އެ މީހުންނަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަން ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ކަންބޮޑުވުންތަކެއް ހިއްސާކުރި މީހަކު ބުނީ ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ނަމަ ފަސްމިނިޓުގެ ތެރޭގައި ވެސް އެ މަނިކުފާނަށް އަމިއްލަފުޅަށް ކުރެއްވޭނެ ކަމެއް ކަމަށެވެ.

ވާނުވާ ބަންދުގެ މީހުންގެ މައްސަލަތަކާ ގުޅިގެން ރޭގައި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ ބައްދަލުވުމުގައި ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ފުރަތަމަ ހާމަކުރެއްވީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުގެ ބާވަތްތަކާއި އެ ގޮތަށް ބަންދުކޮށްފައި ތިބި މީހުންގެ އަދަދެވެ.

މި ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ މާނައިގައި މިނިވަން ކޮށްދޭން."--- ރައީސް

ރައީސް ވިދާޅުވީ، ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަޅުގަނޑު ކޮށްގެން ވާނެ ކަމެއް ވެސް ނޫން އެއީ. އެހެންވީމާ އެކަން ނުވަނީ،" ވާނުވާ ބަންދު މީހުން އެ މަނިކުފާނަށް ފަސްމިނިޓް ތެރޭގައި ވެސް ދޫނުކުރެވޭ ސަބަބު ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޯޓުތަކުން ޝަރީއަތްތައް އަވަސްކުރަން ބޭނުންވާ ވަސީލަތްތައް މި ސަރުކާރުން ފުރިހަމަކޮށްދެމުން އަންނަ ކަަމަށެވެ. ކްރިމިނަލް ކޯޓަށް ކޯޓް ރޫމްގެ ޖާގަ އިތުރު ކޮށްދިނުމަކީ ރައީސް ވިދާޅުވި ގޮތުގައި އެކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ބައެކެވެ. ނަމަވެސް ޖުޑީޝަރީން ވަކި ގޮތަކަށް ކަމެއް ކުރަން ބުނުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ރައީސް ރޭ ވެސް ވިދާޅުވި އެވެ.

"މިހާރު ވަރަށް ގިނަ މައްސަލަތައް އަވަސްކުރެވި، ނޫނިއްޔާ ވާނުވާ [ގައި] ފުނިޖެހިފައި ހުރި މައްސަލަތައް ބެލެމުން އެ ދަނީ. ކުރީގައި ކެޕޭސިޓީ ނެތީމާ، ޖާގަ ނެތީމާ ވަސީލަތް ނެތީމާ ނުބެލި ހުރި މައްސަލަތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވާނުވާ ބަންދުކުގައި ތިބި މީހުން ފަަސްމިނެޓް ތެރޭގައި ދޫކޮށްލެވިދާނެ ކަމަށް ބުނެ ކުރި ކޮމެންޓަށް ޖަވާބު ދެއްވަން އެ މަނިކުފާނު ދެއްވީ ތަފާސްހިސާބުތަކެކެވެ. އެއީ ވާނުވާ ބަންދުގައި ތިބި މީހުންނަށް ކުރާ ތުހުމަތުތަކުގެ ސީރިއަސްކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ.

ވާނުވާ ބަންދުގެ ތަފާސްހިސާބު

- ޖުމްލަ 314 މީހުން.

- މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން.

- ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުން.

- ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުން.

- މާރާމާރީގެ ތުހުމަތު ކުރެވޭ 70 މީހުން.

- ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ 116 މީހުން.

ތަފާސް ހިސާބުތައް ދެއްވުމަށް ފަހު ބައްދަލުވުމުގެ ބައިވެރިންނާ ސުވާލު ކުރެއްވީ އެމީހުން ދޫކޮށްލަން ރައްޔިތުން ބޭނުންވާނެތޯ އެވެ.

"ފަސް މިނެޓް ތެރޭގައި މިބޭފުޅުން މަގުމައްޗަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ؟" އޯޑިއަންސަށް ދޫކޮށްލެއްވި ސުވާލުގައި ރައީސް އެއްސެވި އެވެ.

އެ އަށް ފަހު ދެއްވީ ބޮޑެތި ކުށްތަކުގެ އިތުރުން ދެން ހުރި "އެހެނިހެން" މައްސަލަތަކުގެ މީހުންގެ ތަފުސީލެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އެހެނިހެން" ގެ ތެރޭގައި ވެސް ތިބީ ވައްކަން ކުރުމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުމާއި މީހުން ކިޑްނެޕް ކުރުން، ހިއުމަން ޓްރެފިކިން، އެއްޖިއްސުން ގުޅުން ހިންގުން، ތަންތަނުގައި ހުޅުޖެހުމާއި ސްމަގްލް ކުރުން ފަދަ ކުށްތަކުގެ ތުުހުމަތުވާ މީހުން ހިމެނެ އެވެ.

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު ސިފަކުރެއްވި ގޮތުގައި "ވާނުވާ" ކަމަށް ބަލާ އުސޫލަށް، މިހާރު ހުރި މައްސަލަތައް ނުވެސް ފެތެ އެވެ. މިހާރު ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަށް އެ މީހުންގެ ޝަރީއަތް ތާވަލުކުރާ ދުވަސްތަކުގެ މައުލޫމާތު އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެމައުލޫމާތު ކުރިއަށް ވުރެ ވެސް ރަނގަޅަށް މީހުންނަށް ދޭ ކަމަށް ކޯޓުތަކާ ހަވާލާ ދެއްވަމުން ރައީސް ވިދާޅުވި އެވެ.

"މި ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ މާނައިގައި މިނިވަން ކޮށްދޭން. މިނިވަން ކޮށްދޭން ކޮން ކަމެއްތޯ ސަރުކާރުން ކޮށްދެވޭނީ؟ ޖުޑިޝަރީ ފަންކަޝަން ކުރެވޭނެ ގޮތް ހަދައިދިނުން. ކުރީގައި އޮތީ [ޖުޑިޝަރީގައި] ތަޅު އަޅުވާފައި. މަސައްކަތް ކުރެވޭނެ ޖާގައެއް ވެސް ނެތީ. އިމާރާތް ބޮލަށް ވެއްޓިފައި ހުރީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓަށް އިމާރާތެއް ހޯދައިދީފައިވާ ކަމަށާއި ސުޕީރިއާ ކޯޓުތަކުގެ އިމާރާތުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"ވަސީލަތްތައް މި ގާއިމް ކޮށްދެނީ. މުސާރަ އިރާދަކުރެއްވިއްޔާ ޕޭހާމަނައިޒް މި ކޮށްދިނީ. ދެން ބަޖެޓް މި ވަކިކޮށްދިނީ. ބަޖެޓް ވަކިކުރުމަކީ ވެސް [ޖުޑިޝަރީ] މިނިވަންކުރުމަށް ވަރަށް މުހިންމު ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.