ޝަރީއަތްތައް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ މައްސަލަތައް ނުވަތަ އާންމު ބަހުން ނަމަ "ވާނުވާ" ބަންދު މީހުންގެ ޝަރީއަތްތައް އަވަހަށް ނިންމައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
11 ނޮވެމްބަރ 2025
ޝަރީއަތްތައް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ މައްސަލަތައް ނުވަތަ އާންމު ބަހުން ނަމަ "ވާނުވާ" ބަންދު މީހުންގެ ޝަރީއަތްތައް އަވަހަށް ނިންމައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު އެކަމަށް އެދިވަޑައިގަތީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ "އެ ގޮތަށް ވާނުވާގައި މީހުން ތިބެގެން ނުވާނެ" ކަމަށާއި އެ މީހުންގެ ވެސް ހައްގުތަކެއް ހުންނާނެ ކަމަށެވެ.
"އެހެންވީމާ އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކީގައި، އަޅުގަނޑު ހަމަ 100 ޕަސެންޓު ޔަގީން ޖުޑިޝަރީން ވަރަށް އަވަހަށް މިކަން ނިންމަވާނެ. ގާނޫނީ ނިޒާމުގެ ތެރެއިން ކޮށްދޭން ޖެހޭ ކަމެއް ވިއްޔާ ސަރުކާރުން ކަމާބެހޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ވިއްޔާ ފުރިހަމަ އެއްބާރުލުން ދޭނަން ގެންނަން،" ރައީސް ވިދާޅުވި އެވެ.
- ޝަރުއީ ނިޒާމުގެ ބަޖެޓް ވަކިކޮށް، މާލީ މިނިވަންކަން ދިނުން
- ސުޕީރިއާ ކޯޓްތަކަށް ބޭނުންވާ ޖާގަ ދޭން ކޯޓް ކޮމްޕްލެސް އަޅަން ވަރަށް އަވަހަށް ފަށާނެ
- ކްރިމިނަލް ކޯޓަށް ވަކި އިމާރާތެއް އަޅައިދިނުން
- ޑްރަގް ކޯޓަށް ޖާގަ ހޯދައިދިނުން
ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުގެ ތެރެއިން ކުރާ ބައެއް ކަންކަމުގެ މައްޗަށް އަލިއަލުވާލައްވައިފަ އެވެ.
ރައީސް ވިދާޅުވީ ޖުޑީޝަރީގެ ހަރަދުތައް އަމިއްލަ އަށް ކުރާ ގޮތަށް ބަޖެޓް ވަކިކޮށްދިނުމަކީ ހަގިގީ މާނައިގައި މިނިވަންކުރުން ކަމަށެވެ.
ޝަރުއީ ދާއިރާ އަށް މާލީ ބާރުވެރިކަން ދިނުމަށް، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާ އަށް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓާ އެކު، ޝަރުއީ ދާއިރާގެ ހިންގުން މިހާރު ވާނީ މިނިވަންކޮށްދީފައި ކަމަށެވެ. ހިދުމަތް ދިނުމުގައި އަމިއްލަ އަށް ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން އެ ބަޖެޓުން ޝަރުއީ ދާއިރާ އަށް ލިބޭނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ބަޖެޓުން ވަކި އިންސައްތައެއް އެއީ މުޅި ޖުޑިޝަރީ އަށް ކަނޑައަޅައި، ވަކި އެކައުންޓެއް އެމްއެމްއޭގައި އުފައްދައި، އެ އެކައުންޓު ތެރެއިން ޖުޑިޝަރީގެ ހިދުމަތްތަކަށް ހަރަދު ކުރެވޭނެ ގޮތްތައް ޖުޑިޝަރީގެ އަތްމައްޗަށް ދޫކޮށްލަނީ. ހިންގުމުގެ ހަރަދުތައް ވަކިކޮށްދިނީ. މިނިވަންކަން ކޮށްދިނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގެ ހަރަދުތަކާއި ކުރަންޖެހޭ ކަންކަން މިނިވަންކޮށްދިނީ ކޮންމެ ދުވަހަކު ވަކި ތަނަކުން ވަކި ހުއްދައެއް ނަގަން ނުޖެހޭ ގޮތަށެވެ. އޭގެ އިތުރުން ސުޕީރިއާ ކޯޓް ކޮމްޕްލެކްސްއެއް ވެސް އިމާރާތް ކުރަން ވަރަށް އަވަހަށް ފެށޭތޯ މަސައްކަތް ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ޖުޑިޝަރީއަކީ މިނިވަންކަމާ އެކީގައި އަދުލުވެރިކަމާ އެކީގައި ހިނގާ ޖުޑިޝަރީއަކަށް ހަދަން،" ރައީސް ވިދާޅުވި އެވެ.
އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
ޖޭއެސްސީގެ ރައީސް ހޮވަން މުއިއްޒުގެ ހިޔާލެއް
"މުސާރައިގެ ބަދަލު އެނގުމުން ހިތްހަމަޖެހުން ލިބޭނެ"
ޖުޑިޝަރީ ސެކްޓޯރަލް ގްރާންޓަށް 808 މިލިއަން ރުފިޔާ
ޑްރަގުގެ ވިޔަފާރި މިފަހަރު ހުއްޓުވާނަން: އިހްސާން
ޑްރަގާ ދެކޮޅަށް އެޅި ފިޔަވަޅުގެ ނަތީޖާ ނިކުތީ ގޯސްކޮށް
ރައީސްގެ ނިންމުމުން އަދުލުއިންސާފުގެ މަސައްކަތްހަލުވިވާނެ
ޖުޑިޝަރީއަށް އާމްދަނީން ވަކި ޕަސެންޓެއް ކަނޑައަޅަނީ
އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި
ޖޭއެސްސީން ލަފާދޭން ނިންމީ ޣަނީ އައްޔަންކުރަން