Roadha Mihaaru

މަރުވެފައި އޮއްވާ ފެނުނު މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް

ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި 800 ގްރާމް ހުރި 78 ބުލެޓްގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފުލުހުން ނަގައިފި އެވެ.

މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނާޒިމް ހަސަން
ނާޒިމް ހަސަން

05 ޑިސެމްބަރ 2025

ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި 800 ގްރާމް ހުރި 78 ބުލެޓްގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފުލުހުން ނަގައިފި އެވެ.

ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މީހަކު މަރުވެފައި ފެނުނު ނޭޕާލްގެ ފިރިހެން މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ނެތަސް، އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހެދިއިރު ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށެވެ.

އެކަމުގައި ގާނޫނީ ގޮތުން އަމަލު ކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، މިދިޔަ އަންގާރަ ދުވަހު އެ މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާ އެކު ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފަޅައިގެން އެ ތަކެތި ނަގާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ. ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުން އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ނުކުރީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ މިންވަރަށް ވުރެ ބޮޑަށް ހަށިގަނޑު ކުނިވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.

އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާ އެކު ޑޮކްޓަރުން ކަމަށާއި އަދި އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި އެތެރެ ކުރާއިރު ދިރުވާލައިގެން އެތަކެތި އެތެރެ ކުރުމަކީ އަބަދުވެސް ބޭނުންކުރާ އުކުޅެކެވެ.

މިހާތަނަށް ބެލިބެލުމުން އެމީހާ ރާއްޖެ އައިސްފައިވަނީ ފުލުހުން ބުނިގޮތުގައި އިތުރު ދެ މީހަކާ އެކު މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެ މީހުން ކ. މާފުށީގައި އުޅުމަށް ފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ އޭގެ ދެ ދުވަސް ފަހުންނެވެ. އަދި އޭނާއާ އެކު ރާއްޖެ އައި ދެ މީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގެ މައުލޫމާތު ހާމަކޮށްފައި ނުވަނީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމާއި ވަށައިގެންވާ ކަންކަމަށް ބަލައި އަދި ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށް ފުލުހުން ބުންޏެވެ.

އެ މަސައްކަތް މިހާރު ވެސް ފުލުހުން ކުރަމުންދާ ކަމަށާއި އެހެންވެ، މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަ ކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.