Roadha Mihaaru

ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑު ސާފުކުރަން ހުޅުވާލައިފި

އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލާ މީހުންގެ ކުށުގެ ރެކޯޑު ވަގުތު އޮއްވައި ސާފުކުރަން (އީސީ) އިން އެދިއްޖެ އެވެ.

ކައުންސިލް އިންތިހާބު: ކުށުގެ ރެކޯޑު ސާފުކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 ޑިސެމްބަރ 2025

އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލާ މީހުންގެ ކުށުގެ ރެކޯޑު ވަގުތު އޮއްވައި ސާފުކުރަން (އީސީ) އިން އެދިއްޖެ އެވެ.

އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، ދެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން، އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ޑޮކިއުމަންޓުތަކުގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދޭން ބޭނުންވާ ކަމަށެވެ.

ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރަން ޖެހެނީ އީސީގެ އިއުލާނުގައިވާ ގޮތުން، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް މެދުވެރިކޮށް ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަލައިގަންނަ ކަމަށް އީސީން ބުންޏެވެ.

އެ ދެ އިދާރާ މެދުވެރިކޮށް ސާފުކުރަން ޖެހޭ މައުލޫމާތު:

- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ records.judiciary.gov.mv ޕޯޓަލް އިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ބޭނުމަށް އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު.

- އިންތިހާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑު ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ސާފުކުރިކަން އަންގައިދޭ ފޯމު.

- މީރާ އަށް ފައިސާ ދެއްކުމަށް ކޯޓަކުން ހުކުމެއް ކޮށްފައިވާ ނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު.

އީސީން ބުނި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި 226 ދާއިރާއަކުން ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އީސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އީސީން ކުރިން ވަނީ ލަފާކޮށްފަ އެވެ.