Roadha Mihaaru

އިތުރު ފަސް ޓަވަރަކުން ފްލެޓްތައް ހަވާލުކުރަން ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް އެތަނުގެ އިތުރު ފަސް ޓަވަރަކުން ފްލެޓްތައް ހަވާލުކުރަން ފަށައިފި އެވެ.

އިތުރު ޓަވަރުތަކުން ފްލެޓް ހަވާލުކުރަން ފަށައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

08 ޑިސެމްބަރ 2025

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް އެތަނުގެ އިތުރު ފަސް ޓަވަރަކުން ފްލެޓްތައް ހަވާލުކުރަން ފަށައިފި އެވެ.

މީގެ ކުރިން 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށާފައި ވާއިރު އެފްސީން ބުނި ގޮތުގައި މިއަދު ހަވާލުކުރަން ފެށީ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުގެ ފްލެޓްތަކެވެ. އެއިން ކޮންމެ ޓަވަރެއްގައި 120 ފްލެޓް ހުރެ އެވެ.

އެތަންތަން ހަވާލުކުރުމުގެ މަަސައްކަތް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:30 އިން މެންދުރު ފަހު 3:30 އަށް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެފްޑީސީގެ މެނޭޖިން ޑިރެެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުގެ އަމާޒަކީ ފްލެޓްތައް ހަވާލުކުރަން ކުރިން ކަނޑައެޅި ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދިއުމެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ހުރިހާ ޓަވަރެއްގައި ވެސް ފެށުން،" ޝަކީލް ވިދާޅުވި އެވެ.

ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ ފްލެޓުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އެ ޓަވަރުގައި މީހުން ވަނީ ދިރިއުޅެން ފަށައިފަ އެވެ.

އެފްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ޑިސެމްބަރު މަސް ނިމޭއިރު އެ ޓަވަރަކުން ފްލެޓުތައް އެންމެންނަށް ހަވާލުކޮށް ނިމޭނެ އެވެ. އެކަމަކު މިހާރު އައިސްފައިވާ ބަދަލާ އެކު ފްލެޓުތައް ދީ ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށް ފަހުން ބުންޏެވެ.

ފްލެޓުތައް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީހުތައް:

- އަމާން އުދަރެސްގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށް ހަވާލުކުރެވޭނީ މި މަހުގެ ދެވަނަ ހަފުތާ ހިސާބުގައި.

- އަމާން އުދަރެސްގެ 8 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.

- އަމާން އުދަރެސްގެ 1، 2، 3، 4 އަދި 7 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 4 ވަނަ ހަފުތާގައި.

- އަމާން އުދަރެސްގެ 5 އަދި 6 ވަނަ ޓަވަރު ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި.

- އަމާން އުދަރެސްގެ 9 އަދި 10 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 5 ވަނަ ހަފުތާގައި.

- އަމާން ދޯދި 1، 2، 3، 4، 12، 13، 14 ވަނަ ޓަވަރު - ޖެނުއަރީ ފަހު ހަފުތާގައި.

- އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު، ޖެނުއަރީ 2 ވަނަ ހަފުތާގައި.

- އަމާން ދޯދި 5، 6، 7، 8، 9، 10 އަދި 11 ގެ ޓަވަރުތައް ޖެނުއަރީ ފަހު ހަފުތާގައި ހަވާލުކުރެވޭނެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ ފްލެޓުތައް ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ. ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.

ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.

އެ ތަނުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު 8،000ރ. މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަށް މެއިންޓެނަންސް ފީއާ އެކު ނަގަނީ 11،500ރ. އެވެ.

އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.