Roadha Mihaaru
3،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކެއްގައި ސޮއިކޮށްފި

3،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކެއްގައި އެފްޑީސީން ސޮއިކޮށްފި

04 ޖެނުއަރީ 2024

ހައުސިންގެ ބޮޑު ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމާ ގުޅޭ ޖޮއިންޓް ވެންޗާ ފްރޭމްވޯކެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައުސިންގެ ބޮޑު ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމާ ގުޅޭ ޖޮއިންޓް ވެންޗާ ފްރޭމްވޯކެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ސޮއިކޮށްފި އެވެ.

އެ ކުންފުނީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، 3،000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސްކޮށް އިމާރާތް ކުރުމުގެ ފްރޭމްވޯކްގައި އެފްޑީސީން ސޮއި ކޮށްފައިވަނީ ލަންކާގެ ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް އަދި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއާ ކުންފުންޏަކާ އެކު އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވީ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލާއި ހޭލީސްގެ ރާއްޖޭގެ މަންދޫބު އޮނިކްސް ބިލްޑާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ހުސެއިނެވެ.

ހަމްދާން "މިހާރު" އަށް ވިދާޅުވީ އެ ހައުސިން ޕްރޮޖެކްޓް ފެށުމަށް އެންމެ ފުރަތަމަ ޕްރޮޕޯޒަލް ހުށަހެޅީ ޖޮއިންޓް ވެންޗާއިން ކަމަށެވެ. އެ ހުށަހެޅުން ފުރިހަމަ ވުމާއި ރާއްޖޭގެ މާލީ ހާލަތު ވެސް ހުރި ގޮތުން އެ ކުންފުންޏާއެކު ހައުސިން މަޝްރޫއުގެ މަޝްވަރާތައް ކުރިއަށް ގެންދަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޮއިންޓް ވެންޗާއާއެކު ސޮއިކުރި ފްރޭމްވޯކްގެ ދަށުން، ޕްރޮޖެކްޓު އަގުގެ އިންޓްރެސްޓް ރޭޓް ކުޑަ ކުރުމާއި ދިވެހި ސަރުކާރާއި އެ ކުންފުންޏަށް ފައިދާވާނެ ގޮތަށް މަޝްވަރާތައް ކުރުން ހިމެނެ އެވެ. އެ ހުރިހާ ކަމެއް ނިންމުމަށްފަހު، އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ސޮއި ކުރާނެ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެންދަން ނިންމާފައިވާ ޕްރޮޖެކްޓަށް ހުށަހަޅާފައިވަނީ 199 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެވެ.

ހަމްދާން ވިދާޅުވީ ފްރޭމްވޯކްގެ އެއްބަސްވުމުގައި ސޮއިކުރިއަސް، ހައުސިން ޔުނިޓުތައް އަޅާނެ ތަނެއް ނުނިންމާ ކަމަށެވެ. އެކަން ކުރާނީ އެފްޑީސީ އަދި ސަރުކާރު ގުޅިގެންނެވެ. ނަމަވެސް، މާލެ ސަރަހައްދުގައި ވެސް ބިން ހުރި ވަރަކުން ހައުސިން ޔުނިޓުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީ ކުންފުނި، ހޭލީސް އަކީ ސްރީލަންކާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބަޔަކަށް ވާތީ މި ހައުސިން ޕްރޮޖެކްޓް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހަމްދާން ވިދާޅުވި އެވެ.

ހޭލީސް އަކީ ލަންކާގައި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ލިސްޓެޑް ކުންފުންޏެވެ.