Roadha Mihaaru

ސައޫދީ އާއި ގަތަރު ހައި ސްޕީޑް ރޭލުން ގުޅާލަނީ

ސައޫދީ އަރަބިއްޔާ އާއި ގަތަރު ހައި ސްޕީޑް ރެއިލްވޭއަކުން ގުޅާލުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް އެ ދެ ގައުމުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސައޫދީ އާއި ގަތަރު ހައި ސްޕީޑް ރޭލުން ގުޅާލަނީ

ސައޫދީ އަރަބިއްޔާ އާއި ގަތަރު ހައި ސްޕީޑް ރެއިލްވޭއަކުން ގުޅާލުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް އެ ދެ ގައުމުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގުޅުން ގޯސް ދެ ގައުމުގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޮތުމަށް ފަހު މި ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނަ ކަމުގެ އިތުރު ނިޝާނަކަށް މި އެއްބަސްވުން ވަނީ ވެފަ އެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ މީޑިއާއިން ބުނީ "ހައި ސްޕީޑް އިލެކްޓްރިކް ޕެސެންޖާ ރެއިލްވޭ" އިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް އާއި ގަތަރުގެ ވެރިތަށް ދޯހާ ގުޅުވާލާނެ ކަމަށެވެ.

މީގެ އިތުރުން ސައުދީގެ ހުފޫފް އާއި ދައްމާމް ސިޓީ ވެސް މި ރޫޓުގައި ހިމަނާނެ ކަމަށް ބެލެވެ އެވެ.

މި ރޭލު ގަޑިއަކު 300 ކިލޯމީޓަރު (186 މޭލު) އަށް ވުރެ ބާރުމިނުގައި ދުވާނެ ކަމަށާއި ރިޔާޟް އާއި ދޯހާއާ ދެމެދު ދެ ގަޑިއިރުން ދަތުރު ފުރިހަމަވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިއީ މަތިންދާބޯޓުގައި ވެސް މި ދެ ސިޓީގެ ދެމެދުގައި 90 ވަރަކަށް މިނެޓް ހޭދަވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ހަ އަހަރު ތެރޭ ނިންމަން އަމާޒު ހިފާފައިވާ މި މަޝްރޫއު ނިމޭއިރު އަހަރަކު 10 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އަދި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ. ގަތަރުގެ އަމީރު މި އެއްބަސްވުމުގައި ސޮއިކުރައްވަން ވަޑައިގަތީ ސައޫދީއަށެވެ.

ސައޫދީ އާއި ގަތަރާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ ނަމަވެސް މި ފަހުން އަންނަނީ އާދަޔާ ހިލާފް ހަލުވިމިނެއްގައި އެކަން ބަދަލުވަމުންނެވެ.

ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ ބައިވެރިން ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރެއިން އަދި މިސްރުން 2017 ވަނަ އަހަރު، ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް އަދި ދަތުރުފަތުރުގެ ގުޅުން ކަނޑާލި އެވެ.

އެ ހަތަރު ގައުމުން ތުހުމަތުކުރި ގޮތުގައި ގަތަރުން މުސްލިމް ބްރަދަހުޑް ފަދަ "ހަރުކަށި ފިކުރަށް" ވާގިވެރިވެ އެވެ. އަދި ސައުދީ އަރަބިއްޔާގެ ވާދަވެރި އީރާނާ ގުޅުން ބަދަހިކުރަން ވެސް މަސައްކަތްކުރެ އެވެ. އެކަމަކު ޖެނުއަރީ 2021 ގައި ސައޫދީގައި ބޭއްވި ސަމިޓަކަށް ފަހު އަލުން ވަނީ ސިޔާސީ ގުޅުން އިޔާދަކޮށްފަ އެވެ.

އޭގެ ފަހުން ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ސައޫދީ ވަލީއަހުދު މުހައްމަދު ވަނީ ގަތަރަށް ވެސް ވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ދެ ގައުމުގެ ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ. -- އޭއެފްޕީ