Roadha Mihaaru

އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނެވިއްޖެ: އިންޑިގޯ

ޕައިލެޓުންނަށް ދޭންޖެހޭ ހުސް ވަގުތު އިތުރުކުރި އުސޫލަށް އަމަލުކުރަން ފެށުމާ އެކު އިންޑިއޯގެ އޮޕަރޭންތަކަށް ބުރޫއަރައި މިދިޔަ އެއް ހަފްތާ ތެރޭ އެތައް ހާސް ފްލައިޓެއް ކެންސަލްކުރަން ޖެހުމަށް ފަހު މިހާރު ހަމަޔަކަށް އެޅިއްޖެ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނެވިއްޖެ: އިންޑިގޯ

ޕައިލެޓުންނަށް ދޭންޖެހޭ ހުސް ވަގުތު އިތުރުކުރި އުސޫލަށް އަމަލުކުރަން ފެށުމާ އެކު އިންޑިއޯގެ އޮޕަރޭންތަކަށް ބުރޫއަރައި މިދިޔަ އެއް ހަފްތާ ތެރޭ އެތައް ހާސް ފްލައިޓެއް ކެންސަލްކުރަން ޖެހުމަށް ފަހު މިހާރު ހަމަޔަކަށް އެޅިއްޖެ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

"ވަގުތަށް ފުރުމުގެ ގާބިލްކަން ... މިހާރު ވަނީ ކުރިން އޮތް ހާލަތަށް ގެނެވިފައި،" އިންޑިއާގެ އެންމެ ބޮޑު އެއާލައިނުން ނެރުނު ބަޔާނުގައިވެ އެވެ.

އެ އެއާލައިނުން ބުނީ މިއަދު 1،800 ފްލައިޓް ބޭއްވި ކަމަށާއި މާދަމާ ގާތްގަނޑަކަށް 1،900 ފްލައިޓް އޮންނާނެ ކަމަށެވެ.

ނަމަވެސް އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓާ، ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ އެ އެއާލައިނުން ކުރަން ރާވާފައިވާ ދަތުރުތައް ފަސް ޕަސެންޓް މަދުކުރަން އަންގައިފަ އެވެ. އެއީ އެ ހުރިހާ ދަތުރެއް އެކަށީގެންވާ ގޮތުގައި ކުރުމުގެ ގާބިލްކަން ހުރި ކަމަށް ނުފެންނާތީ ކަމަށް ބުންޏެވެ.

ޕައިލެޓުންނަށް ހުސް ވަގުތު އިތުރުކޮށް ޑީޖީސީއޭ އިން މީގެ ދޮޅު އަހަރު ކުރިން އިއުލާނުކުރި އުސޫލު ތަންފީޒުކުރުމުގެ ސުންގަޑި ޖެހުނު އިރު ވެސް އެކަމަށް އެކަށީގެންވާ ގޮތުގައި ތައްޔާރު ނުވެވި ޕައިލެޓުންގެ ޑިއުޓީ ތާވަލްތަކާއި އެކަމާ ގުޅޭ އެތައް ކަމެއް ފުރިހަމަ ނުވެ ހުރި ކަމަށް އިންޑިގޯއިން ވަނީ އެއްބަސްވެފަ އެވެ. އަދި އެ މައްސަލައިގެ ތެރޭ ފްލައިޓްތައް ކެންސަލްކުރަން ޖެހި އިންޑިއާގެ އެކި އެއާޕޯޓްތަކުގައި ހަމަނުޖެހުން ހިނގަމުން ދިޔަ އެވެ.

އިންޑިއާގައި މިހާތަނަށް ކުރިމަތިވި ދަތުރުފަތުރުގެ އެންމެ ބޮޑު ކާރިސާއާ އެކު އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ މިދިޔަ ހަފުތާގައި ވަނީ ފްލައިޓް ޑިއުޓީ ޓައިމް ލިމިޓް ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކޮށްފަ އެވެ. މިއީ އިންޑިގޯއަށް ދިން ލުޔެއް ނޫން ކަމަށާއި މިއީ އާންމު ރައްޔިތުންނަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ވަނީ ބުނެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކަންކަން ޕްލޭންކުރުމުގައި ފެއިލްވެ މިހާ ބޮޑު ތުރާލެއް އާންމުންނަށް ކުރިމަތިކުރުމަކީ އެއާލައިނަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ މި މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. -- އޭއެފްޕީ