Roadha Mihaaru

ނުވަ ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބުރު ހަތަރެއްގައި ހަމަޖެހިލައިފި

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބުރު ސްޕޯޓްސް މޮޅުވެއްޖެ އެވެ.

ނުވަލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުން ބުރު ހަމަޖެހިލައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

13 ޑިސެމްބަރ 2025

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބުރު ސްޕޯޓްސް މޮޅުވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ޔޫވީން ނިންމާލީ ދެ ރަތް ކާޑާ އެކު އެވެ. އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

އެ ޓީމުގެ ފުރަތަމަ ރަތް ކާޑަކީ، ބެންޗުގައި ހުރި ޓީމުގެ އޮފިޝަލް ފަރީޒަށް ދެއްކި ރަތްކާޑެކެވެ. އެކަމަކު އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ހާލަތު ކުރިމަތިވީ މެޗުގެ 77 ވަނަ މިނެޓްގައި އިބްރާހިމް އިމްރާނަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.

ލީގުގެ ފުރަތަމަ ބުރުގައި ބުރުގެ ގޯލް ބެލެހެއްޓި ކީޕަރު މުހައްމަދު ފައިސަލް، ނިއު ރޭޑިއަންޓަށް ދޫކޮށްލުމަށް ފަހު، ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ގޯލް ބެލެހެއްޓީ ހަސަން އަލީފް އިބްރާހިމެވެ. ކީޕަރު އަލީފް ބޯޅަ ފޮނުވާލި ފަހު އިމްރާން ގޮސް އޭނާ އަށް ޓެކްލުކުރުމުން ރެފްރީ އާދަމް ފަޒީލް، އިމްރާނަށް ވަގުތުން ރަތް ކާޑް ދެއްކި އެވެ.

ޔޫވީގެ އެއް ކުޅުންތެރިޔަކު މަދުވުމުގެ މާ ކުރިން ވެސް ބުރުން ވަނީ ނުވަ ލަނޑު، ޔޫވީގެ ކޮޅަށް ޖަހައިފަ އެވެ.

އޭގެ ތެރެއިން ހަތް ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ބްރެޒިލްގެ ފޯވާޑް ހަޖްސަން ޑިއާޒް ހެޓްރިކް ހެދި އެވެ. އޭނާ ވަނީ ޖުމުލަ ހަތަރު ލަނޑު ޖަހައިފަ އެވެ.

އެ ޓީމުގެ މިޑްފީލްޑަރު ސެނެގާލްގެ ޑިއާވަންޑޫ ޑައީން، ދެ ލަނޑު ޖެހި އެވެ. މެޗުގެ ހަ ވަނަ މިނެޓްގައި ބުރަށް ލީޑް ނަގައި ދިނީ ވެސް އޭނާ އެވެ.

އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ މުހައްމަދު ނާއިމް އާއި އަރީން އަބްދުﷲ އިބްރާހިމްގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އެވެ.

ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، ބުރު ވަނީ 17 ޕޮއިންޓް ހޯދައި ހަތަރުވަނައިގައި ހަމަޖެހިލައިފަ އެވެ. ޔޫވީ އޮތީ 10 މެޗުން ހަތް ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ.