Roadha Mihaaru

ހަ އަހަރު އެކުގައި އުޅުމަށް ފަހު އަރްޖުން އާއި ގެބްރިއޭލާ އެންގޭޖުވެއްޖެ

ބޮލީވުޑްގެ އެކްޓަރު އަރްޖުން ރާމްޕާލް އާއި އޭނާގެ ގިނަ ދުވަސްވީ ލޯބިވެރިޔާ އަދި ދެކުނު އެފްރިކާގެ މޮޑެލް ގެބްރިއޭލާ ޑެމެޓްރިއޭޑްސް އެންގޭޖުވެއްޖެ އެވެ.

އަރްޖުން އާއި ގެބްރިއޭލާ އެންގޭޖުވެއްޖެ

ބޮލީވުޑްގެ އެކްޓަރު އަރްޖުން ރާމްޕާލް އާއި އޭނާގެ ގިނަ ދުވަސްވީ ލޯބިވެރިޔާ އަދި ދެކުނު އެފްރިކާގެ މޮޑެލް ގެބްރިއޭލާ ޑެމެޓްރިއޭޑްސް އެންގޭޖުވެއްޖެ އެވެ.

އަރްޖުން އާއި ގެބްރިއޭލާ އެންގޭޖުވިކަން ހާމަކުރީ އިންޑިއާގެ ކުރީގެ އެކްޓްރެސް ރިއާ ޗަކްރޮބަތީގެ ޕޮޑްކާސްޓަށް އިއްޔެ ދިން އިންޓަވިއުއެއްގަ އެވެ. އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން އެކި ވާހަކަތައް އެ އިންޓަވިއުގައި ދެއްކި އެވެ.

"އަހަރެމެން ކައިވެންޏެއް ނުކުރަން އަދި، އެކަމަކު ކާކަށް އެނގޭނީ؟،" ގެބްރިއޭލާ ބުންޏެވެ.

"އަހަރެމެން މިހާރު އެންގޭޖުވެއްޖެ. މި ޝޯގައި އެކަން މި ހާމަކުރީ،" އެ އިންޓަވިއުގައި އަރްޖުން ބުންޏެވެ.

ނަމަވެސް، އެންގޭޖުމަންޓާ ގުޅޭ މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އަރްޖުން ބުނި ގޮތުގައި، އެއީ އާއިލާއާ އެކު ބޭއްވި ވަރަށް "ޕްރައިވެޓް" ހަފުލާއެކެވެ.

އަރްޖުން އާއި ގެބްރިއޭލާގެ ގުޅުން ފެށުނީ 2018 ވަނަ އަހަރު އެވެ. އެކުގައި ހަ އަހަރު އުޅުމަށް ފަހު ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމުގެ އިޝާރާތެއް މިހާރު އެ ލޯބިވެރިން ވަނީ ދީފަ އެވެ.

ގެބްރިއޭލާއާ ހިތާވުމުގެ ކުރިން އަރްޖުން ކައިވެނިކޮށްގެން އުޅުނީ އިންޑިއާގެ މޮޑެލް އަދި ފިލްމު ޕްރޮޑިއުސަރު މެހެރް ޖެސިއާއާ އެވެ. އެމީހުން 1998 ވަނަ އަހަރު ކުރި ކައިވެނި 21 އަހަރު ފަހުން ރޫޅާލީ 2019 ގަ އެވެ. އެކަމަކު، ވަރީގެ ހުރިހާ ކަމެއް ނިމުމުގެ އަހަރެއް ކުރިން 2018 ގައި އެމީހުން ވަނީ ވަކިވެފަ އެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިން ތިބެ އެވެ.

އަރްޖުންގެ އާ ފިލްމު "ދުރަންދަރު" މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. އޭނާ މުހިންމު ރޯލެއް ކުޅުނު އެ ފިލްމު މިހާރު ވަނީ މި އަހަރު ނުކުތް ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނިފަ އެވެ. އެ ފިލްމަށް ހަފުތާއެއްގެ ތެރޭގައި، ދުނިޔޭގެ ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ.