Roadha Mihaaru
ޕީޕީއެމްގެ ވައިބާ ގުރޫޕުން ސައުދު ބޭރުކޮށްލައިފި

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ އިން ސައުދު ބޭރުކޮށްލައިފި

02 އެޕްރީލް 2017

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތަކާ ގުޅިވަޑައިގަތްކަން އިއުލާން ކުރެއްވިތާ ގިނަ އިރުތަކެއް ނުވަނީސް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާ ގުރޫޕުން މިރޭ ބޭރުކޮށްލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތަކާ ގުޅިވަޑައިގަތްކަން އިއުލާން ކުރެއްވިތާ ގިނަ އިރުތަކެއް ނުވަނީސް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާ ގުރޫޕުން މިރޭ ބޭރުކޮށްލައިފި އެވެ.

ސައުދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ ވައިބަ ގުރޫޕުން ބޭރުކުރީ މިރޭ 10 ޖަހާކަންހާއިރު އެވެ.

މައުމޫންގެ އިސްލާހީ މަސައްކަތަކާ ގުޅިވަޑައިގަތްކަން މިރޭ ހަތެއް ޖަހާކަންހާއިރު އިއުލާން ކުރެއްވި ސައުދު ވިދާޅުވީ، އިސްލާހީ ކަމެއްގައި އުޅުއްވުމަކީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން އޭނާ ބޭރުކުރަން ޖެހޭ ސަބަބެއް ކަމަށް ދެކެވަޑައިނުގަނަންވާ ކަމަށެވެ.

"އަޅުގަނޑު ނޯންނާނެ ޕާލެމްންޓްރީ ގުރޫޕުން އެޅި ތްރީލައިން ވިޕަކާ ވެސް ޚިލާފުވެފައި. އެހެންވީމާ މިފަދަ ފިޔަވަޅެއް އަޅަން ޖެހުނު ސަބަބެއް ނުވިސްނޭ. އިސްލާހީ ކަމެއްގައި ބައިވެރިވެ އެކަމަށް މަސައްކަތް ކުރުމަކީ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން ބޭރުކުރަން ޖެހޭ ސަބަބެއް ނޫން. މިއީ ވަރަށް ދެރަ ކަމެއް،" ސައުދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަޝިޕާ މެދު ހިތްހަމަޖެހިވަޑައިނުގެން އޭނާ މީގެ ކުރިން އަމިއްލަ އަށް ވައިބަ ގުރޫޕުން ނުކުމެވަޑައިގަތެވެ. އެކަމަކު ފަހުން ވަނީ އެ ގުރޫޕަށް ސައުދު ވައްދައިފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން ސައުދު ބޭރުކުރިއިރު، އޭނާ ވަނީ އިސްލާހީ މަސައްކަތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ ކުރީގެ މެމްބަރުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތެވެ.

ސައުދު މިރޭ ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ފަޅި ދޫކުރައްވައި މައުމޫންގެ އިސްލާހީ މަސައްކަތާ ގުޅިވަޑައިގަތީ، މައުމޫނާ މެދު ގަބޫލުކުރައްވަން ދަތި އަމަލުތަކެއް ހިންގަމުންދާތީ ކަމަށެވެ.

ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި، ކުރިއަށް އޮތް ތަނުގައި އޭނާ ވޯޓު ދެއްވާނީ ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ. ވަކި ބޭފުޅަކު އަންގަވާ ގޮތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަނަށް ރައްޔިތުންގެ މަޖިލިހުގައި ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި އެ ޕާޓީން މެމްބަރުން ވަކިކުރަމުންދާތީ، މެޖޯރިޓީ އަށް ވަނީ ލޮޅުން އަރަން ފަށައިފަ އެވެ. އެންމެ ފަހުން ޕީޕީއެމުން ވަކިކުރި މަޖިލިސް މެމްބަރަކީ މަޑުއްވަރީ ދާއިރާގެ އަމީތެވެ. އޭނާ އެ ޕާޓީން ވަކިކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި މަސީހް ސަލާމަތް ކުރުމަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.

ޕީޕީއެމުން ވަކިކޮށްފައިވާ މަޖިލިސް މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ފާރިސް އާއި ލޯޔަރު ވައްޑެ އެވެ. ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ރައީސް ޔާމީންގެ ފެކްޝަން ދޫކުރައްވައި މައުމޫންގެ ފެކްޝަންގެ ބޭފުޅުންނާ އެކު އުޅުއްވި ނަމަވެސް އޭނާ ޕީޕީއެމުން ވަތްކެއް ނުކުރެ އެވެ. އެކަމަކު މުސްތަފާ ގެންދަވަނީ ޕީޕީއެމްގެ ނިންމުންތަކާ ދެކޮޅަށް މަޖިލިހުގައި ވޯޓު ދެއްވަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވެ އެވެ.

މި ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ މެމްބަރު އަދި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް ވެސް ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.