Roadha Mihaaru
ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ސަލީމް ހަމަޖައްސައިފި

ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ސަލީމް ހަމަޖައްސައިފި

11 ޖޫން 2019

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހަމަޖައްސައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޖީ ގްރޫޕްގެ ލީޑަރަކަށް ސަލީމް ހަމަޖެއްސީ އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ޝިޔާމްގެ ޓްވީޓް

ސަލީމަކީ މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ޕީޕީއެމްގެ މެމްބަރެކެވެ.

އޭނާ ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން އޭދަފުށި ދާއިރާގެ ގޮނޑި ފުރުއްވަމުންނެވެ. އަދި ސަލީމަކީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ޕީޕީއެމްގެ އެތައް މެމްބަރުންނެއްގެ ތެރެއިން 19 ވަނަ މަޖިލިހަށް އިންތިޚާބުވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެވެ. މިދިޔަ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މި ފަހަރު ކާމިޔާބު ކުރެއްވުނީ އެންމެ ހަތަރު ބޭފުޅަކަށެވެ.

އާ މަޖިލީހުގައި ޕީޕީއެމްގެ ފަސް މެމްބަރުން ތިއްބަވަ އެވެ. އެއީ ޝިޔާމާއި ސަލީމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. މަޖިލީހުގައި ޕީޕީއެމާ އެކު ދެން މަސައްކަތް ކުރަނީ ޕީއެންސީގެ ތިން މެމްބަރުންނެވެ.