Roadha Mihaaru
ޗައިނާއާ ގުޅުން އޮތުމަކީ އިންޑިއާގެ ކަންބޮޑުވުމެއް ނޫން

ޗައިނާއާ ގުޅުން ބަދަހި ކުރުމަކީ އިންޑިއާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން: ރަނިލް

04 އެޕްރީލް 2017

ކޮލަމްބޯ (އެޕްރީލް 4) - ޗައިނާއާ އެކު ސްރީ ލަންކާ އިން ގުޅުން ބަދަހި ކުރުމަކީ އަވައްޓެރި އިންޑިއާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 4) - ޗައިނާއާ އެކު ސްރީ ލަންކާ އިން ގުޅުން ބަދަހި ކުރުމަކީ އަވައްޓެރި އިންޑިއާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ރަނިލް ވިދާޅުވީ އިންޑިއާއާ އެކު ދިފާއީ އަދި އިގްތިސާދީ ރަނގަޅު ގުޅުމެއް ގާއިމްކުރެވިފައިވާ ކަމަށާއި އަދި މިއީ ދެ ގައުމުގެ ގުޅުމުގައި އެންމެ ފާގަތި ދުވަސްތައް ކަމަށެވެ.

"ލަންކާ އިން ވަރަށް ގިނަ ގައުމުތަކާ އެކު ރަހުމަތްތެރިކަމުގެ ގުޅުން އޮވޭ. އެއް ގައުމާ އެކު ރަހުމަތްތެރިކަން ބޭއްވުމަކީ އަނެއް ގައުމުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. އިންޑިއާ އާއި ލަންކާ ސަރުކާރާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް. އެ ގުޅުމާ ބެހޭ ގޮތުން ސުވާލު އުފައްދަނީ އިންޑިއާގެ މީޑިއާ އިން،" ރަނިލް ވިދާޅުވި އެވެ.

ލަންކާގެ ބޮޑު ވަޒީރު ވިދާޅުވީ 2007 ވަނަ އަހަރު ދުނިޔެ އަށް ކުރިމަތިވި މާލީ މައްސަލަތަކުގައި ޗައިނާ އިން ވަރަށް ގިނަ ގައުމުތަކަށް އެހީވި ކަމަށެވެ. އެ ގޮތުން ލަންކާގައި ވެސް އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ޗައިނާގެ އެހީތެރިކަން ލިބިފައިވާ ކަމަށް ރަނިލް ވިދާޅުވި އެވެ.

ލަންކާގެ ޓްރިންކޮމަލީ ބަނދަރު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގައި އިންޑިއާގެ ބައިވެރިވުން ބޮޑުކުރަން ބޭނުންވާ ކަމަށް ވެސް ރަނިލް ވަނީ ވިދާޅުވެފަ އެވެ.