Roadha Mihaaru
ރައުދާގެ ފޯނުން މުހިންމު މައުލޫމާތުތަކެއް ލިބިއްޖެ

ރައުދާގެ ފޯނުން މުހިންމު މައުލޫމާތުތަކެއް ލިބިއްޖެ: ޕޮލިސް

06 އެޕްރީލް 2017

ބަނގްލަދޭޝްގައި މެޑިސިންގެ ރޮނގުން ކިޔަވަމުން އަންނަނިކޮށް މަރުވި ދިވެހި މޮޑެލް ރައުދާ އާތިފް، 20، ގެ ފޯން، ދިވެހި ފުލުހުން އަންލޮކްކޮށް އޭނާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ބަނގްލަދޭޝްގައި މެޑިސިންގެ ރޮނގުން ކިޔަވަމުން އަންނަނިކޮށް މަރުވި ދިވެހި މޮޑެލް ރައުދާ އާތިފް، 20، ގެ ފޯން، ދިވެހި ފުލުހުން އަންލޮކްކޮށް އޭނާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ބަންގްލާދޭޝްގައި ހުރި ދިވެހި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު "މިހާރު" އަށް ވިދާޅުވީ ރައުދާގެ ފޯނު ހުޅުވީ އޭނާގެ ގާތް ރަހުމަތްތެރިންގެ ފަރާތުން ލިބުނު، ލަފާކުރެވޭ ޕާސްވޯޑުތަކެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އޭނާގެ ފޯނުން ލިބިފައިވަނީ ކޮންކޮން މައުލޫމާތެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން މިއަދު ދިވެހި ފުލުހުން ކުރި ޓުވީޓް

ބަނގްލަދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ އެންޑް ހޮސްޕިޓަލްގެ ދެ ވަނަ އަހަރުގައި މެޑިސިންގެ ރޮނގުން ކިޔަވަމުން އައި ރައުދާ އާތިފް، އޭނާގެ ކޮޓަރީގެ ފަންކާގައި ފޮތިގަނޑެއް އައްސައި "ދަންޖެހި" މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް މިކަން ހިނގި ގޮތެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައި ބަނގްލަދޭޝްގައި ވަޅުލާފައިވާ އިރު، އޭނާގެ މަރާ ބެހޭ ގޮތުން ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. ބަނގްލަދޭޝްގެ ފުލުހުން ބުނެފައިވަނީ ރައުދާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ.

ބަނގްލަދޭޝްގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ދިވެހި ފުލުހުން ވެސް ބަނގްލަދޭޝް އަށް ގޮސް ރައުދާގެ ތަހުގީގުގައި ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް އެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުމާ ބެހޭ ގޮތުން އެއް ގައުމެއްގެ ފުލުހުން ވެސް ތަފްސީލެއް ނުދެ އެވެ.

ރައުދާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ގެއްލުމެއް އަދި ޖިންސީ ގޯނާއެއްގެ އަސަރު ވެސް ފެންނަން ނެތް ކަމަށް ބަންގާޅު ފުލުހުން ބުނެފައިވާ އިރު، ރައުދާގެ މައިންބަފައިން ބުނާ ގޮތުގައި ރައުދާގެ މޫނާއި ކަރުން އަނިޔާތަކެއްގެ އަސަރު ފެންނަން ހުއްޓެވެ. އެހެންކަމުން ރައުދާގެ ބައްޕަ ޝައްކު ކުރަނީ ރައުދާގެ ކަރުގައި ހިފައި އޭނާ މަރައިލީ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަނގްލަދޭޝްގެ ކޯޓަށް ހުށަހަޅަން އާއިލާ އިން މިހާރު ވަނީ ނިންމައިފަ އެވެ.