Roadha Mihaaru
މިހާތަނަށް 67،800 ވަޒީފާ އުފެދިއްޖެ: މިނިސްޓަރު

މިހާތަނަށް 67،800 ވަޒީފާ އުފެދިއްޖެ: މިނިސްޓަރު

19 އެޕްރީލް 2017

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 94،000 ވަޒީފާ އުފެއްދުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދަކަށް ވާއިރު، މިދިޔަ ތިން އަހަރުގެ ތެރޭގައި 67،800 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 94،000 ވަޒީފާ އުފެއްދުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދަކަށް ވާއިރު، މިދިޔަ ތިން އަހަރުގެ ތެރޭގައި 67،800 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ނިއުސް ބްރީފިންއެއްގައި މިނިސްޓަރު ވަނީ އެ ވަޒީފާތައް އުފެދިފައިވާ ގޮތުގެ ތަފުސީލު ހާމަކުރައްވައިފަ އެވެ.

އިރުތިޝާމް ވިދާޅުވި ގޮތުގައި 67،800 ވަޒީފާގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް އިން އުފެދުނު 3،000 އަށް ވުރެ ގިނަ ވަޒީފާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 5،000 އަށް ވުރެ ގިނަ ވަޒީފާ އާއި ޓޫރިޒަމް ދާއިރާ އިން އުފެދުނު 18،000 އަށް ވުރެ ގިނަ ވަޒީފާ އާއި މަސްވެރިކަމުގެ ދާއިރާ އިން އުފެދުނު 6،000 އަށް ވުރެ ގިނަ ވަޒީފާ އަދި އެހެނިހެން ދާއިރާތަކުން އަލަށް އުފެދުނު 34،000 އަށް ވުރެ ގިނަ ވަޒީފާ އެވެ.

"އަޅުގަނޑުމެން ބޭނުންވޭ ވަޒީފާގެ ފުރުސަތުތައް އަދިވެސް އިތުރު ކުރަން. އެ ގޮތުން ޒުވާނުންގެ ދުވަހެއް ފާހަގަކޮށް ޔޫތު ޗެލެންޖެއް ބޭއްވުމަށް މި ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިރުތިޝާމް ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރުމަށް ވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކަންތައްތައް ކުރިއަށް ގެންދާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.----ފޮޓޯ: ޔޫތު މިނިސްޓްރީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.----ފޮޓޯ: ޔޫތު މިނިސްޓްރީ

އިރުތިޝާމް ވިދާޅުވި ގޮތުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރަމުން އަންނައިރު، އެތަންތަން ބަލަހައްޓައި ވަޒީފާ އުފެއްދުމުގެ މަސައްކަތް ވެސް ކުރެ އެވެ. ބޮޑެތި މަޝްރޫއުތައް އެކި ރަށްރަށުގައި ހިންގަމުން އަންނައިރު، އާބާދީ ބޮޑެތި ރަށްރަށުގައި ސްޕޯޓްސް އެރީނާތައް ގާއިމު ކުރުމުގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުން ޔޫތު މިނިސްޓްރީ އަށް ކަނޑައެޅި 300 މިލިއަން ރުފިޔާގެ ތެރެއިން ޒުވާނުންނާ ގުޅޭ ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ތަންފީޒު ކުރުމަށް 167 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހޭދަކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ގިނަ އަދަދެއްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓާއި ބަށި ކޯޓުތައް ގާއިމުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން ބުނި ގޮތުގައި ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ، މިނިސްޓްރީން ހިންގަން ބޭނުންވާ ބައެއް ޕްރޮޖެކްޓްތައް ނުފެށި އެބަހުއްޓެވެ. އެހެންވެ ސީދާ މިނިސްޓްރީން އިއުލާންކޮށްގެން ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގަން މަސައްކަތް ކުރާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.