Roadha Mihaaru
ކާނާ ކަމުނުދާ ކަމަށް ބުނި ސިފައިންގެ މީހާގެ ވަޒީފާ ގެއްލިއްޖެ

ކާއެއްޗެހި ކަމުނުދާ ކަމަށް ބުނި އިންޑިއާ ސިފައިންގެ މީހާ ވަޒީފާ އިން ވަކިކޮށްފި

20 އެޕްރީލް 2017

ނިއު ދިއްލީ (އެޕްރީލް 20) - ކާން ލިބެނީ ވަރަށް ފެންވަރު ދަށް ކާނާ ކަމަށް ބުނެ ވީޑިއޯއެއް އާއްމު ކުރި އިންޑިއާ ސިފައިންގެ މީހާ ވަޒީފާ އިން ވަކިކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 20) - ކާން ލިބެނީ ވަރަށް ފެންވަރު ދަށް ކާނާ ކަމަށް ބުނެ ވީޑިއޯއެއް އާއްމު ކުރި އިންޑިއާ ސިފައިންގެ މީހާ ވަޒީފާ އިން ވަކިކޮށްފި އެވެ.

ކަޝްމީރުގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ތާޖް ބަހާދުރު ޔަދާވް ޕޯސްޓްކުރި ވީޑިއޯ ވަނީ އަށް މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ. އަދި އެ ވީޑިއޯއާ ގުޅިގެން އިންޑިއާ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

ޔަދާވް ބުނީ ކާން ލިބޭ ކާނާގެ ފެންވަރު ދަށްކަމުގެ ވާހަކަ ބުނުމުން ވަޒީފާ އިން ވަކިކުރި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ. ބޯޑާ ސިކިއުރިޓީ ފޯސް (ބީއެސްއެފް) ގައި ހިމެނޭ ޔަދާވް ޖެނުއަރީ މަހު ވަނީ އެ މީހުންނަށް ކާން ލިބެނީ އަނދާފައިވާ ރޮއްޓާއި ރީނދުލާއި ލޮނު އަޅައިގެން ތައްޔާރުކޮށްފައިވާ ރިހަ ކަމަށް ބުނެ އޭގެ ވީޑިއޯއެއް ޕޯސްޓްކޮށްފަ އެވެ.

ބޯޑާ ސެކިއުރިޓީ ފޯސް އިން ބުނީ ޔަދާވް ވަޒީފާ އިން ވަކިކުރީ ދޮގު ތުހުމަތުކޮށް ސިފައިން ބަދުނާމް ކުރުމުންނާއި ދެ މޯބައިލް ފޯނު ގެންގުޅުމުން ކަމަށެވެ. ޑިއުޓީގައި ދެ ފޯނު ހިފައިގެން އުޅުމަކީ އޮޕަރޭޓިން ސްޓޭންޑަޑާ ޚިލާފު ކަމެއް ކަމަށް ވެސް ބީއެސްއެފް އިން ބުންޏެވެ. އަދި އެ ސިފައިންގެ މީހާގެ މައްސަލަތައް ކުރިން ވެސް ބަލާފައިވާ ކަމަށާއި އޭނާއާ ދެކޮޅަށް 2010 ވަނަ އަހަރު އަޚުލާގީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.