Roadha Mihaaru
ކަޝްމީރު ބޯޑަރު ކައިރީ އިންޑިއާގެ 3 ސިފައިން މަރާލައި

ކަޝްމީރު ސަރަހައްދީ ރޮނގު ކައިރީ އިންޑިއާގެ ތިން ސިފައިން މަރާލައިފި

24 ޑިސެމްބަރ 2017

ޕާކިސްތާނާއި އިންޑިއާއާ ދެމެދު އަރައިރުން އުފެދިފައިވާ ކަޝްމީރުގެ ސަރަހައްދީ ރޮނގު ކައިރީގައި ހިނގި ކުރިމަތިލުންތަކެއްގައި އިންޑިއާ ސިފައިންގެ ތިން މީހަކު މަރުވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ޕާކިސްތާނާއި އިންޑިއާއާ ދެމެދު އަރައިރުން އުފެދިފައިވާ ކަޝްމީރުގެ ސަރަހައްދީ ރޮނގު ކައިރީގައި ހިނގި ކުރިމަތިލުންތަކެއްގައި އިންޑިއާ ސިފައިންގެ ތިން މީހަކު މަރުވެއްޖެ އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގެ ސަރަހައްދީ ރޮނގު ކައިރީގައި ތިބި ފުލުހުން ބުނި ގޮތުގައި ސަރަހައްދީ ރޮނގު ހުރަސްކޮށް އެންމެ ފުރަތަމަ ހަމަލާ ދޭން ފެށީ ޕާކިސްތާން ސިފައިންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާ ސިފައިންގެ އޮފިސަރެއް ވެސް ހިމެނެ އެވެ. އަދި އިތުރު ސިފައިންގެ މީހަކު ޒަޚަމްވި ކަމަށް އިންޑިއާ ފުލުހުން ބުނެ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ޕާކިސްތާނު ސަރުކާރުން ވެސް އަދި އަސްކަރިއްޔާ އިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. ކަޝްމީރުގެ ސަރަހައްދީ ރޮނގު ކައިރީގައި މި ގޮތަށް ދޭތެރެ ދޭތެރެ އިން ހިނގާ ކުރިމަތިލުންތަކުގެ ޒިންމާ އަބަދުވެސް އަޅުވަނީ އެއް ގައުމުން އަނެއް ގައުގެ ބޮލުގަ އެވެ.

ކަޝްމީރު ދެބައި ވެގެން ދިޔައީ 1947 ވަނަ އަހަރު އިނގިރޭސީންގެ އަޅުވެތިކަން ނިމުމަކަށް އައުމާ އެކުގަ އެވެ. ޕާކިސްތާނާއި އިންޑިޔާ އިން ވެސް ބުނަނީ ކަޝްމީރަކީ އެ ގައުމެއްގެ ބައެއް ކަމަށާއި ކަޝްމީރަކީ ބައި ނުކުރެވޭނެ ބިމެއް ކަމަށެވެ.

ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައިގައި އިންޑިޔާ އާއި ޕާކިސްތާނުން މިހާތަނަށް ތިން ހަނގުރާމަ ކޮށްފައިވެ އެވެ. އެއީ 1947 ވަނަ އަހަރު ކުރި ހަނގުރާމަ އާއި 1965 ވަނަ އަހަރުގެ ހަނގުރާމަ އާއި 1999 ވަނަ އަހަރުގެ ތެރޭގައި ކަރްގީލް ސަރަހައްދުގައި ކުރި ހަނގުރާމަ އެވެ. އޭގެ އިތުރުން ވެސް ދެ ގައުމުގެ ސިފައިންގެ މެދުގައިވަނީ ކަޝްމީރުގެ މައްސަލައިގައި ކިތަންމެ ފަހަރަކު ހަމަލާތައް ބަދަލުކޮށްފަ އެވެ.

ކަޝްމީރުގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިރު، ޕާކިސްތާނުން ބާރުއަޅަނީ ކަޝްމީރު ރައްޔިތުން ބޭނުންވާ ގޮތެއް ބެލުމަށް ކަޝްމީރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ. ނަމަވެސް އިންޑިޔާ އިން މި ކަމަށް ދެކޮޅުހަދަ އެވެ.