Roadha Mihaaru
އާ ސީޕްލޭން ޓާމިނަލް އަޅަން ބިން ހިއްކަން ފަށައިފި

އާ ސީޕްލޭން ޓާމިނަލް އަޅަން 3.2 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި

26 އެޕްރީލް 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީ ޕްލޭން ޓާމިނަލެއް ހެދުމަށް 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ހަވީރު ރަސްމީކޮށް ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީ ޕްލޭން ޓާމިނަލެއް ހެދުމަށް 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ހަވީރު ރަސްމީކޮށް ފަށައިފި އެވެ.

އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށް ވާގޮތަށް އޮންނަ ފަޅު ހިއްކައިގެން ހަދާ ޓާމިނަލްގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އާ ޓާމިނަލް ހެދުމުގެ ގޮތުން 18،000 އަކަމީޓަރުގެ ސަރަހައްދެއް، ޓާމިނަލް އެޅުމަށް ހިއްކަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ސީ ޕްލޭންގެ ހެނގަރު ހެދުމަށް 14،000 އަކަމީޓަރު ބިން ހިއްކަން ނިންމާފައިވާ ކަމަށް ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ އެ ޓާމިނަލް ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން ޓާމިނަލަށް ކަމަށެވެ. އެއީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން ހިންގާ ގައުމަށް ވާތީ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އެއާޕޯޓުގެ އާ ސީ ޕްލޭން އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓަރު ސައީދު (ކ) މިއަދު ހަވީރު ފައްޓަވައިދެއްވަނީ. --ފޮޓޯ: ނިޝާން އަލީ /މިހާރު

އެއާޕޯޓުގެ އާ ސީ ޕްލޭން އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓަރު ސައީދު (ކ) މިއަދު ހަވީރު ފައްޓަވައިދެއްވަނީ. --ފޮޓޯ: ނިޝާން އަލީ /މިހާރު

"މި އަހަރު ނިމެންވާއިރަށް އަޅުގަނޑުމެން އާ ސީއައިޕީ، ވީއައިޕީ ޓާމިނަލްގެ މަސައްކަތް ނިމުމަކަށް އަންނާނެ. އެއާއެކު އަންނަ އަހަރު މެދުތެރޭގައި އާ ރަންވޭގެ މަސައްކަތް ނިމި މަތިންދާބޯޓު ޖައްސަން ފަށާއިރު މި ޓާމިނަލްގެ މަސައްކަތް ވެސް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެއާޕޯޓުގައި ހިންގާ މަޝްރޫއުތައް ނިމުމުން ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ބޮޑުކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދޭ އެއާޕޯޓުގެ ދެވަނަ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތާއެކު އެއާޕޯޓުގެ ޖުމްލަ މަސައްކަތްތައް ލޯމައްޗަށް ފެނިގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދުވެސް އަރުވާ ޔަގީން ކަމަކީ ސަރުކާރުން އެކަށައަޅުއްވާފައިވާ އިގްތިސާދީ ގޮތުން ރޭވިފައިވާ ޕްރޮޖެކްޓްތައް، ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެކަށައެޅިފައި ހުރި ޕްރޮޖެކްޓްތައް ޝެޑިއުލާއެއް ގޮތަށް، އެއްވެސް މެދުކެނޑުމެއް ނެތި ކުރިޔަށް ދާނޭ. އަދި މިކަމުގެ ސަބަބުން މިއަދު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިއްބެވި ފަރާތްތަކަށާއި އިންވެސްޓްކުރާ ފަރާތްތަކަށް ވަރަށް ބޮޑު އިތުބާރެއް ދިވެހިރާއްޖެއާ މެދު މިހާރު ވަނީ އުފެދިފައި،" ސައީދު ވިދާޅުވި އެވެ.

އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ވ) އަދި އެމްއޭސީއެލް އާއި ޓީއެމްއޭ، މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ވ) އަދި އެމްއޭސީއެލް އާއި ޓީއެމްއޭ، މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިޔަށްދާ ކަމަށެވެ. އޭގެ އިތުރުން ވެސް އެންމެ މުހިންމު އެއް ޕްރޮޖެކްޓަކީ އާ ސީ ޕްލޭން ޓާމިނަލް ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"މި މަސައްކަތަކީ އަލަށް ބިން ހިއްކައިގެން އަލަށް ޓާމިނަލެއް އަޅައިގެން މުޅި ސެޓަޕް އަލަށް ފެށޭ މަޝްރޫއެއް. މި ޕްރޮޖެކްޓް ނިމިގެންދާއިރު މި އެއާޕޯޓުގައި އަލަށް ގާއިމުކުރެވޭ ސީ ޕްލޭން ޓާމިނަލަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ހިދުމަތެއް ދެވިގެންދާނެ ތަނެއް،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެއާޕޯޓުގެ އާ ސީއައިޕީ، ވީއައިޕީ ޓާމިނަލްގެ މަސައްކަތް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެ ކަމަށެވެ. އެ ޓާމިނަލަކީ ވެސް ހިދުމަތުގެ ގޮތުން ވަރަށް ފުރިހަމަ ޓާމިނަލަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދުގެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދުގެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"އޭގެ އިތުރުން ފްރެންޗައިސް ބްރޭންޑްތަކެއް ގެނައުމަށް މަސައްކަތް ފެށި އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިމި މިއަހަރުގެ ތެރޭގައި ހުޅުވި ބޭނުންކުރަން ފެށޭނެ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގެ އެއާލައިން ކޮމްޕްލެކްސް އާއި ޓާމިނަލްގައި އިތުރު ގޭޓްތަކެއް ހަދައި ލައުންޖްތަކުގެ ޖާގަ އިތުރުކުރަން މަސައްކަތް ވެސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އެ މަޝްރޫއާއެކު މިހާރު ބޭނުންކުރާ ސީ ޕްލޭން ޓާމިނަލް ބަންދުކޮށް، އެއާޕޯޓުގައި އަލަށް ހަދާ 3،400 މީޓަރުގެ ދިގު 60 މީޓަރު ފުޅާ ރަންވޭއަށް އެ ސަރަހައްދު އިތުރުކުރެވިގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އެއާޕޯޓުގެ އާ ރަންވޭ ހަދާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.