Roadha Mihaaru
ވީޑިއޯ ގޭމް ކުޅެގެން ގެއްލުން ވާނެތަ؟

ވީޑިއޯ ގޭމް ކުޅެގެން ގެއްލުން ވާނެތަ؟

29 އެޕްރީލް 2017

ވީޑިއޯ ގޭމްތަކާ ދެކޮޅަަށް ދައްކާ ވާހަކަތައް ވަރަށް ގިނަ އެވެ. ވީޑިއޯ ގޭމް ކުޅުމަކީ ކުޑަކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ގޮތުގައި ވަރަށް ގިނަ ބެލެނިވެރިން ގަބޫލުކުރެ އެވެ. ނަމަވެސް ފަހުގެ އެކި ދިރާސާތަކުން ދައްކާ ގޮތުގައި ވީޑިއޯ ގޭމުން ސިކުނޑި އިތުރަށް ތަރައްގީވުން އެކަށީގެންވެ އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ވީޑިއޯ ގޭމްތަކާ ދެކޮޅަަށް ދައްކާ ވާހަކަތައް ވަރަށް ގިނަ އެވެ. ވީޑިއޯ ގޭމް ކުޅުމަކީ ކުޑަކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ގޮތުގައި ވަރަށް ގިނަ ބެލެނިވެރިން ގަބޫލުކުރެ އެވެ. ނަމަވެސް ފަހުގެ އެކި ދިރާސާތަކުން ދައްކާ ގޮތުގައި ވީޑިއޯ ގޭމުން ސިކުނޑި އިތުރަށް ތަރައްގީވުން އެކަށީގެންވެ އެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިން 2015 ވަނަ އަހަރު ހެދި "ދި ޖާނަލް އޮފް ނިއުރޮ ސައެންސް" ގައި ޝާއިއުކޮށްފައިވާ ދިރާސާއިން ދެއްކި ގޮތުގައި، ތްރީޑީ ވީޑިއޯ ގޭމް ކުޅުމުން ހަނދާން ގަދަވެ އެވެ. އެ މީހުން ދިރާސާގައި ބޭނުންކުރީ "ސުޕަ މާރިޔޯ ތްރީޑީ ވޯލްޑް" ގޭމެވެ.

ދިރާސާ ޓީމުން ބުނި ގޮތުގައި ހަނދާން ވަރުގަދަވާ ސަބަބަކީ، ގޭމުތަކުން ފެންނަ ކުލަގަދަ ގްރެފިކްސްތަކާއި ފެންނަ ތަފާތު އެކި މަންޒަރުތައް އަދި ގޭމް ކުޅެމުންދާއިރު ފިކުރުކޮށް، ގަދަޔަށް ވިސްނައިގެން ސިކުނޑިއަށް ލިބޭ "ތަޖުރިބާ" އެވެ. "ޕްލޮސް ވަން" ގެ ދިރާސާއަކުން ވެސް އެ ދިރާސާއަކަށް ބާރު ލިބިފައިވެ އެވެ.

ވީޑިއޯ ގޭމްތަކުން ފެންނަ ތަފާތު އެކި މަންޒަރުތަކުގެ ސަބަބުން ސިކުނޑި ތަނަވަސްވޭ

ވީޑިއޯ ގޭމްތަކުން ފެންނަ ތަފާތު އެކި މަންޒަރުތަކުގެ ސަބަބުން ސިކުނޑި ތަނަވަސްވޭ

ލިޔެ ކިޔައި، ދަސްކުރަން އުނދަގޫވާ ކުދިންނަށް، އެކްޝަން ގޭމު ކުޅެގެން ފައިދާތަކެއް ކުރާ ކަމަށް "ސެލް" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވެ އެވެ. ލިޔެފައި ހުންނަ އެއްޗެހި ކިޔުމުގައި ދަތިކަން ކުރިމަތިވާ ހާލަތެއް ކަމަށްވާ ޑިސްލެކްސިޔާގެ އަސަރުކޮށްފައިވާ ކުދިންނަށް ގޭމް ކުޅެގެން ކުޑަކޮށް ނަމަވެސް އެދެވޭ ކުރިއެރުމެއް ލިބުނުކަން އެ ދިރާސާއިން ހާމަވި އެވެ. މި ދިރާސާއިން އެނގުނު އެންމެ މުހިންމު ކަމަކީ ގޭމް ކުޅެގެން ލިޔެ، ކިޔުމަށް ނޭދެވޭ އަސަރެއް ނުކުރާކަމެވެ.

މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ޓެޓްރިސް" ގޭމުން ކުރާ އަސަރުތަކާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ އޮކްސްފޯޑްގެ ހޮސްޕިޓަލަކުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ބޮޑެތި އެކްސިޑެންޓް ހިނގައިގެން ފަރުވާ ހޯދާ މީހުންގެ ތެރެއިން ޓެޓްރިސް ކުޅޭ މީހުނަށް ނަފްސާނީ ގޮތުން ހަމަޖެހުން ލިބެ އެވެ. އެމެރިކަން ޕެއިން ސޮސައިޓީންވެސް މިކަން ކަށަވަރު ކުރަން ދިރާސާއެއް ކުރި އެވެ. އެ ދިރާސާއިން ވެސް އެނގުނީ، ގޭމު ކުޅުމުން ނަފްސާނީ ބަލިތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ކުޑަވެގެންދާ ކަމަށެވެ.

"މޮލިކިއުލާ ސައިކިއަޓްރީ" ގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ވީޑިއޯ ގޭމް ކުޅެގެން ސިކުނޑި ތަނަވަސްވެ އެވެ. ޖަރުމަނުގެ މެކްސް ޕްލާންކް އިންސްޓިޓިއުޓުން ކުރި މި ދިރާސާއިން ދައްކަނީ ވީޑިއޯ ގޭމް ކުޅޭ ވަރަކަށް ސިކުނޑީގެ "ގްރޭ މެޓަ" އިތުރުވާ ކަމަށެވެ.

ވީޑިޔޯ ގޭމުން ސިކުނޑިއަށް ކުރާ އަސަރު ބެލުމަށް ނަގާފައިވާ އެމް-އާރް-އައި ސްކޭން - މޮލެކިއުލާ ސައިކިއެޓްރީ

ވީޑިޔޯ ގޭމުން ސިކުނޑިއަށް ކުރާ އަސަރު ބެލުމަށް ނަގާފައިވާ އެމް-އާރް-އައި ސްކޭން - މޮލެކިއުލާ ސައިކިއެޓްރީ

ވީޑިޔޯ ގޭމް ކުޅޭ މީހުންގެ ސިކުނޑިއަށް އަންނަމުން ދިޔަ ބަދަލުތައް ދެ މަސް ވަންދެން އެމް.އާރް.އައި މެޝިނަކުން، އެ ދިރާސާގައި ބެލި އެވެ. އެމީހުނަށް ފެނުނީ ހިޕޮކެމްޕަސް އާއި ރައިޓް ޕްރީ-ފްރަންޓަލް ކޯޓެކްސް، އަދި ކެރެބެލަމް ގައި ގްރޭ މެޓަ އިތުރުވަމުން ދިޔަ މަންޒަރެވެ. ސިކުނޑީގައި ހިމެނޭ މި ފާހަގަކުރި ބައިތަކަކީ ހަނދާން ވަރުގަދަވުމާއި ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލް ކުރުން އަދި ފިކުރުކޮށްގެން ކަންކަން ރަނގަޅަށް ރޭވުމަށް ބޭނުންކުރާ ބައިބަ އެވެ.

މި ފައިދާތަކަކީ ބޮޑެތި މީހުންގެ އިތުރުން ހެދި ބޮޑުވާ ކުދިންނަށް ވެސް ކުރާނެ ފައިދާތަކެކެވެ. ނަމަވެސް ކުޑަކުދިންނަށް ގޭމް ޚިޔާރުކުރުމުގައި، އެ ކުދިންނާ ގުޅޭ ގޭމްތައް ހޯދުމަށް މައިންބަފައިން ސަމާލުވާން ޖެހެ އެވެ. އަދި ގޭމު ކުޅެން މާ ގިނަ އިރު އިނދެ ވަގުތު ބޭކާރުކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ސިކުނޑި ކިތަންމެ މުއްސަނދި ވިޔަސް އެ ސިކުނޑީގެ ބޭނުން ހިފަން، ހަގީގީ ދިރިއުޅުމަށް ލޯ ހުޅުވާލަން ވަގުތު އޮންނަން ޖެހޭނެ އެވެ.