Roadha Mihaaru
ރާއްޖޭގެ ފުރަތަަމަ ސްޕޭސް ޕްރޮގްރާމް އިފްތިތާހު ކޮށްފި

ރާއްޖޭގެ ފުރަތަަމަ ސްޕޭސް ޕްރޮގްރާމް އިފުތިތާހު ކޮށްފި

15 ނޮވެމްބަރ 2020

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް އަމިއްލަ ޖަމިއްޔާއަކުން މިއަދު ތައާރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް އަމިއްލަ ޖަމިއްޔާއަކުން މިއަދު ތައާރަފު ކޮށްފި އެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައި، އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ ރާއްޖޭގައި ސްޕޭސް ކްރާފްޓު ތައްޔާރު ކުރުމާއި ޑިޒައިން ކުރުމާއި ސްޕޭސް ކްރާފްޓުތައް ލޯންޗު ކުރުމާއި އެކަމާ ގުޅޭ ސައިންޓިފިކް ދިރާސާތައް ކުރާނެ ކަމަށެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް މައުލޫމާތު ދޭނީ އެމެރިކާގެ ތަޖުރިބާކާރު މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިން ތަމްރީން ކުރުމަށް އައިޖީއެސްއާއި އިނގިރޭސި ވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ އެވެ.

"މި ވަގުތު އަޅުގަނޑުމެން މި ކުރާ މަަސައްކަތަކީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ރިސާޗް ޕްރޮޖެކްޓް ފައިނަލް ކުރުމުގެ މަސައްކަތް. އޭގެ ފީސިބިލިޓީ އާއި ޓެކްނިކަލް ސްޓަޑީ މިހާރު ހަދާ ނިމިފައި ވަނީ. ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކުން މި މަސައްކަތް ކޮށްފައިވަނީ،" ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގެ އިސް މަގާމުތަކެއް އަދި "ހަވީރު" އާއި "މިހާރު" ގެ ސީއީއޯގެ މަގާމު ވެސް ފުރުއްވި ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު ކުރިއަށް ގެންދަނީ ޕްރޮޖެކްޓަށް ބޭނުންވާ ޕާޓްނަރުން ފައިނަލް ކުރުމުގެ މަސައްކަތެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ރިސާޗް ޕްރޮޖްޓު ތައާރަފު ކުރާނީ އަންނަ އަހަރުގެ ކުރީ ކޮޅުގަ އެވެ.

ރިފްއަތު ވިދާޅުވީ، މި ޕްރޮގްރާމުގެ ފެށުމުގެ މަގުސަދަކީ ކުރިމަގުގައި ސައިންސުގެ ދާއިރާ އިން ރާއްޖެ ކުރިއަރައި ދިވެހި އެސްޓްރޮނޮޓުން އުފެއްދުން ކަމަށެވެ. މި ޕްރޮގްރާމުގައި ދިވެހިން ތަމްރީންކޮށް، ދާއިރާ އިން ހުރި ފުރުސަތުތައް ތަނަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެސް އަކީ ލީޑަރުން ބިނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިންސްޓިޓިއުޓެކެވެ. މި އިންސްޓިޓިއުޓުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ލީޑަރުން ބިނާކުރުމަށް ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމުތަކެއް ރާއްޖެއަށް ތައާރަފު ކުރަން ވަނީ ނިންމައިފަ އެވެ.