Roadha Mihaaru
ބަޔަކު އުޅެނީ ހައްޖު ކޯޕަރޭޝަން ނައްތާލަން: ޝަހީމް

ހައްޖު ގުރޫޕުތަކުގެ ދަށުވެފައިވާ ބަޔަކު އުޅެނީ ކޯޕަރޭޝަން ނައްތާލަން: ޝަހީމް

04 މެއި 2017

ހައްޖަށް މީހުން ގެންދާ ގުރޫޕުތަކުގެ ނުފޫޒު ދަށުވެފައި ތިބި ފަރާތްތަކުން އަންނަނީ ސަރުކާރުން އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަން ނައްތާލަން މަސައްކަތް ކުރަމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހައްޖަށް މީހުން ގެންދާ ގުރޫޕުތަކުގެ ނުފޫޒު ދަށުވެފައި ތިބި ފަރާތްތަކުން އަންނަނީ ސަރުކާރުން އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަން ނައްތާލަން މަސައްކަތް ކުރަމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ރައީސް ވަހީދުގެ ގަރާރަކުން ހައްޖު ކޯޕަރޭޝަން އުފެއްދީ، ހައްޖަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމުން ވެސް ގްރޫޕްތަކުގެ އިހުމާލުން އެތައް ބަޔަކަށް ހައްޖަށް ނުދެވުމުގެ މައްސަލަ ކުރިމަތިވާން ފެށުމުންނެވެ. ހައްޖު ކޯޕަރޭޝަން އުފެއްދުމުން، ފަސޭހަކަމާއެކު މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތު އޮތް ނަމަވެސް، އިސްލާމިކް މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އަލަށް އަމަލު ކުރަން ފެށި އާ އުސޫލުގެ ދަށުން، އެ ފުރުސަތުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

މި ކޯޕަރޭޝަން އުފެއްދި އިރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޝަހީމް އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ "ހައްޖު ގުރޫޕުތަކުގެ ނުފޫޒާއި މަންފާގެ ދަށުވެފައި ތިބި ފަރާތްތަކުން އެ ކޯޕަރޭޝަން ނައްތާލައި ކޯޓާ މަދު ކުރަން ހިފާފައި"ވާ ކަމަށެވެ.

ޝަހީމް އެންމެ ފުރަތަމަ ފޭސްބުކްގައި ލިޔުއްވީ ހައްޖު ކޯޕަރޭޝަން ނައްތާލަން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އާއި އައުވާނުން ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ. އެކަމަކު ފަހުން ވަނީ އެ ޕޯސްޓްތައް ނަންގަވާފަ އެވެ.

ފަހުން "މިހާރު"އާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ "އޭނާގެ މަގްސަދަކީ ރުޅިވެރިކަން ފެތުރުއްވުން ނޫން ކަމަށާއި މިކަން މީހުންގެ ސަމާލުކަމަށް ގެނައުން" ކަމަށެވެ.

ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަން އުފެއްދީ ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށާއި އެހެންވެ، އެ ކުންފުންޏަށް ލިބިފައިވާ އިމްތިޔާޒުތައް ބަލިކަށިވެގެން ނުވާނެ ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް އެކުލަވައިލި އުސޫލުގައިވާ ގޮތުން އަމިއްލަ ގްރޫޕްތަކެކޭ އެއްގޮތަށް، ހައްޖު ކޯޕަރޭޝަނަށް ވެސް ހައްޖަށް މީހުން ގެންދަން ހުއްދަ ލިބޭނީ ޕްރޮޕޯޒަލް ހުށަހަޅައި އެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު މިނިސްޓްރީން ހުއްދަ ދީފި ނަމަ އެވެ.

ފަސޭހަކަމާއެކު މީހުން ހައްޖަށް ގެންދިޔުމަށް "ހައްޖު ސްކީމެއް" އެ ކޯޕަރޭޝަނުން އެކުލަވާލައި 33 އިދާރާއަކާ އެކު މިހާރު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ގިނަ ކުންފުނިތަކެއް ހިމެނެ އެވެ.

މި ސްކީމުގައި މުވައްޒަފަކު ބައިވެރިވުމުން، ލިބޭ މުސާރަ އިން، އެ މީހަކު ކަނޑައަޅާފައިވާ ވަކި މިންވަރެއް ކޮންމެ މަހަކު ވެސް ކޯޕަރޭޝަންގެ ވަކި އެކައުންޓަކަށް ދާނީ ޖަމާވަމުންނެވެ. އަދި ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދުގެ 75 ޕަސެންޓު ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނެ އަހަރު ހައްޖު ކޯޕަރޭޝަނުން އަންގައި، އެކަން ހަމަޖައްސައިދޭނެ އެވެ.

އެކަމަކު އާ އުސޫލުގެ ދަށުން، މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނަށް ނުލިބިއްޖެ ނަމަ މި ސްކީމްގެ ދަށުން ވެސް ފުރުސަތު ގެއްލޭނެ އެވެ.

ޝަހީމް ވިދާޅުވީ މި ސްކީމުގެ ދަށުން ދެތިން އަހަރަށް މިހާރު މީހުން ފައިސާ ދައްކާފައިވާ ކަމަށާއި ހައްޖު ކޯޕަރޭޝަނަށް ފުރުސަތު ހަނިވުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.