Roadha Mihaaru
ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި

ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި

08 މެއި 2017

ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

އަމިއްލަ ތަންތަނުން އާސަންދަ ލިބޭ ގޮތަށް ރައީސް ޔާމީން މި ނިންމެވީ، އެ ޚިދުމަތް އާސަންދަ ކުންފުނިން އިއްޔެ އިން ފެށިގެން ކަނޑާލާފައި ވަނިކޮށެވެ.

ކުރިން އެންގުމެއް ނެތި، ކުއްލި ގޮތަކަށް އާސަންދައިގެ ޚިދުމަތް އަމިއްލަ ތަންތަނުން ކަނޑާލިކަން އެ ތަންތަނަށް އާސަންދަ ކުންފުނިން އެންގީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް، އެ ރޭ 11:30 ވާން އުޅެނިކޮށެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސަންދަގެ ޚިދުމަތުގެ ނިޒާމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އެންސްޕާ އަށް ކުުރިން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ދެމުން ގެންދިޔަ، އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯރެޓަރީ އަދި ސްކޭން ކުރުމުގެ ޚިދުމަތްތައް އާސަންދަ އިން އުނިކުރުމަށް މިދިޔަ ބުދަދުވަހު އެންސްޕާގެ ބޯޑުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މި ގޮތަށް އަމަލުކުރުމަކީ، އެއްގޮތަކަށް ވެސް ސަރުކާރުގެ ހުށަހެޅުމެއް ނޫނެވެ. އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފައެއް ނުވެ އެވެ،" ބަޔާނުގައިވެ އެވެ.

"މީގެ އިތުރުން، މިކަމާ ގުޅޭ ގޮތުން 6 މޭ 2017 ގައި އެންސްޕާ އިން މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށް އެންގި އެންގުމަކީ، ވަކި ތާރީޚެއްގެ ކުރިން ނުވަތަ، ވަކި ތާރީޚެއްގައި ތަންފީޒު ކުރުމަށް ސަރުކާރުން އެންސްޕާ އަށް އަންގާފައިވާ އެންގުމެއް ނޫންކަން ވެސް ފާހަގަކުރަމެވެ."

ރައީސް އޮފީހުން ބުނީ އާސަންދަ ނިޒާމު މިހާރު ބައްޓަން ކޮށްފައި ވަނީ، އެ ޚިދުމަތް އެންމެ ދެމެހެއްޓެނިވި ގޮތަކަށް ހިންގޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ނިޒާމު ހިންގުމުގެ ޚަރަދުތަކާއި ސިއްހީ ޚިދުމަތުގެ ހަރަދުތައް ކުޑަކޮށް، ސިއްހީ ވަސީލަތްތައް އެންމެ ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރަމުން ނުދާތީ، އާސަންދަ އަށް ސަރުކާރުން ކުރާ ޚަރަދުތަކުގައި ލީކޭޖްތަކެއް އުޅޭ ކަމަށް ބޭރުގެ މާލީ އިދާރާތަކުން ފާހަގަކުރާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެއާ އެކު، އާސަންދަ ނިޒާމުގެ ކަންކަން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ތަރުތީބު ކުރުމަށް ވެސް އެ އިދާރާތަކުން ލަފާދީފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން އަލުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ފަހު، ރައީސް އޮފީހުން ބުނީ ސަރުކާރުގެ ޚަރަދުތަކުގެ ލީކޭޖް ކުޑަކުރުމަށް އެހެން ގޮތްގޮތުން ހައްލު ހޯދައި، އެކަން ހުށަހެޅުމަށް ސަރުކާރުން ވާނީ އަންގާފައި ކަމަށެވެ.