Roadha Mihaaru

އާސަންދައިގެ ދަށުން ޔޫއޭއީއަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ މީހުން

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރުމަށް ޔޫއޭއީ އަށް މި ވަގުތު ފޮނުވާނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ މީހުން އެކަނި ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

ޔޫއޭއީއަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

15 ޖެނުއަރީ 2025

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރުމަށް ޔޫއޭއީ އަށް މި ވަގުތު ފޮނުވާނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ މީހުން އެކަނި ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

ތައިލެންޑާއި ޔޫއޭ އިން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށް ވާއިރު، އެ ހިދުމަތް މިއަދު ވަނީ ފަށައިފަ އެވެ.

އާސަންދައިން މިއަދު މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރަން ބޭއްވި ސެޝަނެއްގައި ބުނީ، މި ވަގުތު ޔޫއޭއީ އަށް ފޮނުވާނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ބަލި މީހުން އެކަނި ކަމަށެވެ. އެގޮތަށް ނިންމީ ޔޫއޭއީގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާ ނަމަ ދުރު މީހަކަށް ވެސް ކިޑްނީ ޑޮނޭޓް ކުރުމުގެ ހުއްދަ އެ ގައުމުގައި ދޭތީ ކަމަށް އާސަންދައިން ބުންޏެވެ.

"[ޔޫއޭއީއަށް ފޮނުވުމުގައި] ފުރަތަމަ އިސްކަންދިނުމަށް ހަމަޖެހިފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލި މީހުންގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާއެއް [އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް] ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލު ކުރަމުން ދާ ފަރާތްތަކެވެ،" ޔޫއޭއީ އާއި ތައިލެންޑުގައި އާސަންދައިގެ ހިދުމަތް ފެށުމުން އާސަންދައިން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ، މިހާތަނަށް އާސަންދަ އަށް އެމްޕެނަލް ކޮށްފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ ފަސްޓް ޑިގްރީ ޑޯނާއަކަށް ވުން އެ ގައުމުތަކުގެ ގާނޫނާއި ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައި ނުވާ މީހުން ތިބި ކަމަށެވެ. އެހެންވެ، އާސަންދަ ސްކީމަށް އިތުރު ކުރާ މި އެމްޕެނަލްމަންޓާ އެކު، މި ކަހަލަ ހާލަތުގައި ތިބި މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މަގުފަހިވާނެ ކަމަށް ބުންޏެވެ.

ތައިލެންޑަށް ފޮނުވަނީ ބަލި ހާލަތަށް ކުރިއެރުން ނުލިބި ތިބި މީހުން

އާސަންދައިން ބުނީ ފަރުވާއަށް ދިވެހިން ތައިލެންޑަށް ފޮނުވުމުގައި މި ވަގުތު އިސްކަންދޭނީ އެއް ބައްޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކުރަން ޖެހި، ބަލި ފަސޭހަ ނުވެފައި ތިބޭ މީހުންނަށް ކަމަށެވެ.

"ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީ ލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެ ފަރާތެއްގެ ބަލި ހަލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ކަމާ ބެހޭ ޑޮކްޓަރުންގެ ޓީމުގެ ފަންނީ ލަފައާ އެކު، ބަލިމީހާ ރިފާ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ އަށް އެހީ ފޯރުކޮށްދެވޭނެ އެވެ،" އާސަންދައިގެ ބަޔާނުގައި ބުންޏެވެ.

އާސަންދައިން ބުނީ ބޭސްފަރުވާ އަށް ޔޫއޭއީ އާއި ތައިލެންޑަށް ވެސް ފޮނުވާނީ މިހާރު ވެސް އެ ސްކީމްގެ ދަށުން އިންޑިއާ އާއި ސްރީ ލަންކާ އަށް ދިވެހިން ފަރުވާއަށް ފޮނުވަމުން އަންނަ އުސޫލުން، ރިފަރަލް ނިޒާމުގެ ތެރެއިން ކަމަށެވެ.

އާސަންދައިގެ އުސޫލުގެ ދަށުން މިހާރު ވެސް އެހެން ގައުމުތަކަށް ބޭސްފަރުވާއަށް ދާއިރު ދޭ ފަރުވާގެ ހަރަދާއި ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުންބުއިމުގެ ހަރަދު ވެސް ލިބޭނެ އެވެ. އަދި ޔޫއޭއީ އަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ދާ ބަލި މީހާގެ އިތުރުން ޑޯނާ އަށް ވެސް ޓިކެޓާއި ހުރުމުގެ ހަރަދު ހަމަޖައްސައިދޭނެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބަލިތަކަށް ވެސް އެ ދެ ގައުމުން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާސަންދަގެ ހިދުމަތް ދިނުމަށް ޔޫއޭއީގެ އެއް ހޮސްޕިޓަލާއި ބެންކޮކްގެ ދެ ހޮސްޕިޓަލަކާ އެކު އާސަންދަ ކުންފުނިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ، ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލާ އެކުގަ އެވެ.