Roadha Mihaaru
ކޮންމެ މުނާސަބަތަކަށް ކޮސްޓިއުމެއް މުހިއްމުތަ؟

ކޮންމެ މުނާސަބަތަކަށް ކޮސްޓިއުމެއް މުހިއްމުތަ؟

12 މެއި 2017

ގައުމީ ހެދުމާއި ކާޓޫން ކެރެކްޓާތަކުން ފެށިގެން ގޮސް އެކި ކަހަލަ ދިރޭއެއްޗެއްސާއި ބޭރުގެ ސަގާފަތްތަކާއި މޫސުންތައް ރަމްޒުކޮށްދޭ ހެދުންތަކެވެ. ދަރިވަރުން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ އެވެ. ނަލަ ހެދިލައިގެން ތިބޭ ގޮތް ހިތްގައިމެވެ. ކުދިންތައް އެހާމެ ލޯތްބެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ގައުމީ ހެދުމާއި ކާޓޫން ކެރެކްޓާތަކުން ފެށިގެން ގޮސް އެކި ކަހަލަ ދިރޭއެއްޗެއްސާއި ބޭރުގެ ސަގާފަތްތަކާއި މޫސުންތައް ރަމްޒުކޮށްދޭ ހެދުންތަކެވެ. ދަރިވަރުން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ އެވެ. ނަލަ ހެދިލައިގެން ތިބޭ ގޮތް ހިތްގައިމެވެ. ކުދިންތައް އެހާމެ ލޯތްބެވެ.

ފަހަކަށް އައިސް ވަރަށް ބޮޑަށް އާއްމުވެ، ތަކުރާރުވަމުންދާ މަންޒަރެކެވެ. މުނާސަބަތުތަކާ ގުޅުވައިގެން ތަފާތު ކޮސްޓިއުމްތަކުގައި ކުދިން ސްކޫލަށް ގެންދިޔުމުގެ ފޯރި ވަރަށް ގަދަވެއްޖެ އެވެ. އެ ހެދުންތަކަށް މައިންބަފައިން ކުރާ ޚަރަދު ވެސް ބޮޑެވެ. ސުވާލަކީ، އެކި ކަހަލަ ދުވަސްތައް ފާހަގަކުރުމުގެ މަގްސަދު މި ކޮސްޓިއުމްތަކުން ހާސިލްވޭ ހެއްޔެވެ؟

ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން ހަފީޒާ އަހުމަދު އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ސްކޫލަށް ފޮނުވީ ޒަމާނީ ލިބާހެއްގަ އެވެ. މާދަރީ ބަހުގެ ދުވަހު، ހެދުންބުރިއެއްގަ އެވެ. ކުޑަކުދިންގެ ދުވަހުގެ ހެދުން ތައްޔާރުކުރަން ޖެހުނީ އޯޓަމް ތީމް އަށެވެ. ފަސް ވަނަ މަހާ ހަމައަށް އައި އިރު، ތަފާތު ތިން ކޮސްޓިއުމެއް ހޯދަން ޖެހުނު އިރު އަހަރުގެ ބޮޑު ބައި އަދި އޮތީ އެވެ. އަނެއްކާ އަންނަ އަހަރު ވެސް މުޅިން އާ ހެދުންތަކެއް ބޭނުންވާނެ އެވެ.

"މިއީ ހަގީގަތުގައި ވަރަށް ބޮޑު ޚަރަދެއް. މިސާލަކަށް ގައުމީ ހެދުމެއް ވިޔަސް، އެއް ހެދުމެއް ދެ ފަހަރު ލެއްވޭކަށް ނޯވޭ. އެއީ އެހެން ކުދިން ލާނީ އާ އެއްޗެހި ވީމަ. ކުރިން ލައްވާފައި އޮތް އެއްޗެއް ލައްވާކަށް ނުކެރޭނެއެއްނު؟ އަނެއްކާ އެއް އަހަރު ލައްވާ ހެދުން އަނެއް އަހަރު ލައްވަން ބޭނުންވިޔަސް ލެއްވޭކަށް ވެސް ނޯވޭ. ހެދުން އޮންނަނީ ކުޑަވެފައި. ދެން ހުންނަނީ އެކި ދުވަހަށް ސްކޫލުން އެކި ތީމްތައް ކަނޑައަޅާފައި. އެހެންވީމަ ހަމަ އާ ހެދުމެއް ތައްޔާރުކުރަން ޖެހެނީ،" ހަފީޒާ ބުންޏެވެ.

މި ނިމުނު ހަފްތާގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރި އިރު ސްކޫލްތަކުން ވަރަށް ތަފާތު މަންޒަރުތައް ފެނުނެވެ. ސްކޫލް ތެރެ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް، އެކި ކަހަލަ ހަރަކާތްތައް ހިންގި އެވެ. ވަރަށް މޮޅެތި، ފަންނުވެރި ކަންކަން ފާހަގަކުރެވުނެވެ. ކޮސްޓިއުމްތައް ވެސް ހަމަ އެހާމެ ޝައުގުވެރި އެވެ. މާބުރާއި ކޮކާލާއި މާމެލާމެއްޔާއި މަސްމަހާމެއްސާއި އެކި ކަހަލަ ޖަނަވާރުތަކުގެ ގޮތުގައި ވެސް ކުދިން ފެނުނެވެ. ފެޝަން ޑިޒައިނަރުންނާއި ފެހުންތެރިންގެ ހުނަރާއި ފަންނުވެރިކަން ދައްކައިދޭ އެތައް މަސައްކަތެކެވެ. އޯޑަރުކޮށްގެން ރާއްޖެ އިން ބޭރުން ގެނެސްފައި ހުރި ރެޑީމޭޑް ކޮސްޓިއުމްތަކެވެ. ބަލާބެލުމަށް ހާހުން، ދެތިން ހާހުން ގުނާލެވޭ ބޮޑެތި ޚަރަދުތަކެވެ.

"އަހަރެންގެ އަންހެން ދަރިފުޅުގެ ކޮސްޓިއުމަށް 1،200 ރުފިޔާ އަތުން ދިޔަ. އަނެއްކާ ހެދުމުން އެކަންޏެއް ނުވެސް ފުދޭ. އެއާ ގުޅޭ ގޮތަށް ބޫޓާއި ގަހަނާއާ އެއްޗެހި ވެސް ހޯދަން ޖެހޭ،" އެއް ބެލެނިވެރިޔަކު ޝަކުވާކުރި އެވެ.

"މިއީ ހާދަ ބޮޑު މައްސަލައެކޭ! ހުރިހާ އާއިލާއެއްގައި ހުންނާނީ އެންމެ ކުއްޖެއް ވެސް ނޫން."

ބައެއް މައިންބަފައިން ބުނަނީ މި ގޮތަށް، ކޮންމެ މުނާސަބަތަކަށް ވަކިން، ޚާއްސަ ހެދުންތައް ލައްވަން ބޭނުން ނުވިޔަސް އެކަން ކުރަން މަޖުބޫރުވަނީ ކަމަށެވެ. އެއް ސަބަބަކީ ސްކޫލުން ނުވަތަ ޓީޗަރުން ވަކި ތީމެއް ކަނޑައަޅައި ނުވަތަ ވަކި ގޮތަކަށް ކުދިން ހެދުން އަޅާ ގޮތަށް ނިންމައި އެ ގޮތަށް އަމަލުކުރަން ބުނުމެވެ. އަނެއް ސަބަބަކީ އެހެން ކުދިންނާ ތަފާތު ގޮތަކަށް ދަރިން ސްކޫލަށް ފޮނުވަން ބޭނުން ނުވުމެވެ.

"މިއީ ހަމަ ހުސް ބޭކާރު ޚަރަދު! އެކަމަކު ކީއްކުރާނީ؟" ދެ ކުދިންގެ ބައްޕައަކު ބުންޏެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި ކޮސްޓިއުމްތަކަށް ދޭ ސަމާލުކަން ބޮޑުކަމުން، އެ މުނާސަބަތެއް ފާހަގަކުރާ މަގްސަދު ހާސިލެއް ނުވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ހަމައެކަނި ހެދުމެއް ލައިގެން ގޮސް ފޮޓޯ ނަގާލަނީ އެވެ. ދުވަހުގެ މުހިއްމުކަމާއި ދުވަސް ފާހަގަކުރަނީ ކީއްވެގެންކަން ވެސް ކުދިންނަށް ރަނގަޅަކަށް ނޭނގެ އެވެ. އޭގެ ބަދަލުގައި ކުދިންނަށް ދަސްކޮށްދެވެނީ ބޮޑެތި ޚަރަދުތައް ކުރުން ފަދަ ގޯސް ކަންތައްތަކެއް ކަމަށް އެއް ބެލެނިވެރިޔަކު ދެކެ އެވެ.

"ކޮސްޓިއުމްތަކާ އުޅެން ހަދައިގެން ވަރަށް ބޮޑު ފުރުސަތެއް މި ނަގާލެވެނީ. ސަމާލުކަން ދޭންވީ ކުދިންގެ މައުލޫމާތާއި ވިސްނުމާއި ފިކުރު މުއްސަނދިކޮށް، މި ދުވަސްތައް ނުވަތަ އިޝޫތަކަށް ކުދިންގެ ލޯ ހުޅުވޭ ކަހަލަ ކަންތައްތަކަށް،" އޭނާ ބުންޏެވެ.

ސަރުކާރުގެ ސްކޫލްތަކާ ޚިލާފަށް އަމިއްލަ ބައެއް ސްކޫލްތަކުގައި ކޮސްޓިއުމް ބޭނުން ނުކުރުމުގެ އުސޫލެއް ގެންގުޅެ އެވެ. އޭގެ ފަހަތުގައި ރަނގަޅު ސަބަބުތަކެއް އެބަ ހުއްޓެވެ.

"ދިވެހި ބަހުގެ ދުވަސްތައް ކަހަލަ ދުވަސްތައް ފާހަގަކުރާ އިރު ވަކި ކަހަލަ ހެދުމެއް އަޅައިގެން އަންނާކަށް އަޅުގަނޑުމެން ނާންގަން. ކޮންސަޓްތަކަށް ވެސް އަޅުގަނޑުމެން ބުނަނީ އަތުގައި އޮންނަ ހެދުމެއް ނުވަތަ ބޮރޯކުރާ ހެދުމެއް ބޭނުންކުރަން. ނުވަތަ ސްކޫލުން ދޫކުރާ ޖެކެޓްކޮޅެއް ކަހަލަ އެއްޗަކަށް 100 ވަރަކަށް ރުފިޔާ ހޭދަކޮށްލަން ޖެހޭނީ،" ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.

"ވަކި ތީމެއް ހެދިޔަސް ކުދިން އެ ތީމަށް ހެދުން އަޅައިގެން އައުން އެއީ ބާރުއަޅާ ކަމެއް ނޫން. އެއީ ޚަރަދު ބޮޑުވުމާއި ހެދުން ފަހަން އެންމެން އެއްފަހަރާ ތަންތަނަށް ގޮސް ކިޔު ޖެހިގެން އެ ހާސްކަމުގައި އުޅެން ޖެހޭތީ އަޅުގަނޑުމެން ދަމަހައްޓާ ގަވާއިދެއް."

ބައެއް މައިންބަފައިން ދެކޭ ގޮތުގައި ކޮސްޓިއުމެއް ލުމަކީ މައްސަލައެއް ނޫނެވެ. އަދި އޭގެ ޚަރަދުތައް ކޮންޓްރޯލްކުރުމުގެ ބާރު ބެލެނިވެރިންގެ އަތުގައި އެބަ އޮތެވެ.

ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ) ގަބޫލުކުރައްވާ ގޮތުގައި ދުވަަސްތައް ފާހަގަކުރާ އިރު ޚާއްސަ ހެދުމެއްގައި ހުރިހާ ކުދިން އެއްތަންވެ، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލަން އެ ލިބޭ ފުރުސަތު ވަރަށް މުހިއްމެވެ.

"އެއްބައިވަންތަކަމާއި ޓީމްވޯކް ވެސް އެއިން ކުދިންނަށް އެބަ ދަސްވޭ. އެއީ ވެސް މުހިއްމު ބައެއް. ހަމައެކަނި ފޮތްތަކެއް ނުވަތަ ފިލާވަޅުތަކެއް ނޫން މުހިއްމު ވާނީ ވެސް،" މަރީ ފާހަގަކުރެއްވި އެވެ.

"މާލެއަކީ ކުޑަ ތަންކޮޅަކަށް ވެފައި، ޕްރިޓެންޑް ޕްލޭގެ ފުރުސަތު ކުދިންނަށް ވަރަށް ކުޑަކޮށް މި އޮންނަނީ. ބޭރު ގައުމުތަކުގައި އޮންނަ ގޮތަކަށް ނޫން. ވަރަށް ލިމިޓެޑް. މި ތަނުގައި މި ކަހަލަ ގޮތަކަށް ކަންނޭނގެ ކުދިންނަށް އެ ފުރުސަތު ހޯދައިދެވޭނީ."

އޭނާ ވިދާޅުވީ މިފަދަ ކަންކަމުގައި މުހިއްމު ވަނީ "ޕޭރެންޓުންގެ އެޓިޓިއުޑް" ކަމަށެވެ. އެގޮތުން، ޚަރަދު ކުޑަކުރުމުގެ އިޚްތިޔާރު މައިންބަފައިންނަށް އެބައޮތް ކަން އޭނާ ފާހަގަކުރައްވަ އެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ކޮސްޓިއުމަށް އެންމެ ފަހަރަކު ވެސް 100 ރުފިޔާ އަށް ވުރެ ގިނައިން ޚަރަދުކޮށްފައެއް ނުހުންނާނެ. މި ފަހަރު ކުޑަކުދިންގެ ދުވަހުގެ ކޮސްޓިއުމަށް ވެސް ހޭދަވީ ޖުމްލަ 83 ރުފިޔާ. އަޅުގަނޑު ދަރިފުޅަށް ބުނެދީފައި އޮންނާނީ، އޭނަ އަގުބޮޑު އެއްޗެއްސެއް ނުލާނެކަން. އެއީ އަޅުގަނޑުމެންނަށް ނުލިބޭތީއެއް ނޫން. އެ ގޮތް ބޭނުން ނުވަނީ،" މަރީ ވިދާޅުވި އެވެ.

އެކަމަކު މުނާސަބަތުތައް ފާހަގަކުރުން ކޮސްޓިއުމާ ހިސާބުން ނިންމާލައިގެން ނުވާނެ ކަމަށް މަރީ ވެސް ގަބޫލުކުރައްވަ އެވެ.

"ހަމައެކަނި ކޮސްޓިއުމަކުން ނުފުދޭނެ. ކޮސްޓިއުމް ލައިގެން، ތިބޭ އިރު، އެ ދުވަހަކާ ގުޅޭ ގޮތަށް ކަންތައްތައް ދަސްކޮށްދިނުން މުހިއްމު. އަދި އެ ދުވަހެއްގެ ފަހުން ވެސް އެ ކަންތައްތައް ދަމަހައްޓަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.