Roadha Mihaaru
ގޭގައި ކިޔަވައިދޭއިރު ބެލެނިވެރިން ވިސްނަންވީ ކަންތައް

ގޭގައި ކިޔަވައިދޭއިރު ބެލެނިވެރިން ވިސްނަންވީ ކަންތައް

22 ފެބުރުއަރީ 2021

ކޮވިޑު-19 ގައި މާލެ ސަރަހައްދުގެ ހާލަތު ގޯސްވުމުގެ ސީދާ އަސަރުކުރާ އެއް ބަޔަކީ ދަރިވަރުންނެވެ. ސްކޫލާ ދުރުގައި ގާތްގަނޑަކަށް އަހަރެއް ވަންދެން ތިބުމަށް ފަހު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް މިިދިޔަ މަހު 10 ގައި ސްކޫލު ހުޅުވާލުމެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު އެޑިއުކޭޝަން މިނިސްޓްރީއަށް ޖެހުނީ އޭގެ މަހެއް ފަހުން، މި މަހުގެ 12 ގައި، ގްރޭޑް 1-6 އަށް ސްކޫލުތައް ބަންދުކުރާށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ގައި މާލެ ސަރަހައްދުގެ ހާލަތު ގޯސްވުމުގެ ސީދާ އަސަރުކުރާ އެއް ބަޔަކީ ދަރިވަރުންނެވެ. ސްކޫލާ ދުރުގައި ގާތްގަނޑަކަށް އަހަރެއް ވަންދެން ތިބުމަށް ފަހު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް މިިދިޔަ މަހު 10 ގައި ސްކޫލު ހުޅުވާލުމެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު އެޑިއުކޭޝަން މިނިސްޓްރީއަށް ޖެހުނީ އޭގެ މަހެއް ފަހުން، މި މަހުގެ 12 ގައި، ގްރޭޑް 1-6 އަށް ސްކޫލުތައް ބަންދުކުރާށެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ގްރޭޑްތަކުގެ ކުދިންނަށް ކިޔަވައިދޭނީ އޮންލައިންކޮށެވެ. ސްކޫލަށް ހާޒިރުކޮށްގެން ގްރޭޑު 7-12ގެ ދަރިވަރުންނަށް ކިޔަވައިދެ އެވެ. މާލެ ސަރަހައްދުން ކޮވިޑުގެ ކޭސްތައް މަދުވަމުން ނުދާތީ ހާލަތަށް ބަލާފައި އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ.

މި ހާލަތުގައި ދަށް ގްރޭޑުތަކުގެ ދަރިވަރުން ކިޔަވަމުން އަންނަ ގޭތެރޭގެ މާހައުލަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ. އެއީ އެ ކުދިން ހޭނިފައިވާ ކްލާސްރޫމާ ވަރަށް ތަފާތު ތަނެކެވެ.

ސްޕެޝަލް އެޑިއުކޭޓަ އައިޝަތު ލޫބާ ވިދާޅުވާ ގޮތުގައި ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ބެލެނިވެރިން ވީހާ ވެސް ބޮޑަށް ބާރު އަޅަންވީ ކްލާހުގެ ގަޑީގައި ފިލާވަޅުތައް ނިންމުމަށެވެ. އެހެން ނޫނީ އެ ފިލާވަޅުތައް ނިންމަން ޖެހޭނީ ކުއްޖާ މަޖާކޮށްލައި އަރާމުކޮށްލަން ލިބޭ ވަގުތުގައި ކަމަށް ވިދާޅުވި އެވެ.

ދިރިއުޅުމަށް އައި ބޮޑު ބަދަލާ އެކު ސްކްރީން ކައިރީގައި ކުދިން ހޭދަކުރާ ވަގުތު އިތުރުވެއްޖެ އެވެ. އޮންލައިން ކްލާހުން ފެށިގެން ގޭމާއި މުނިފޫހިފިލުވުމަށް ތަފާތު އެކި ކަންކަމެވެ. ނަމަވެސް ލޫބާ ވިދާޅުވީ ސޯޝަލް އިންޓަރެކްޝަނާ އެކު ސްކްރީނުގައި ކުއްޖާ ހޭދަކުރާ ވަގުތު މަދުކުރުން ވަރަށް މުހިއްމު ކަމަށެވެ. ކުއްލިއަކަށް އެހެން ގޮތަކަށް ހޭނެން އުނދަގޫވާނެ ކަން ވެސް، ދެ ކުދިންގެ މަންމަ، ލޫބާ ގަބޫލުކުރައްވަ އެވެ.

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި މީގެ ކުރިން ބޭއްވި ހަރަކާތެއްގައި، އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ -- ފޮޓޯ: ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލު

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި މީގެ ކުރިން ބޭއްވި ހަރަކާތެއްގައި، އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ -- ފޮޓޯ: ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލު

މިހާރު މި އޮތީ ލޮކްޑައުންގެ ހާލަތުގައި ނުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުދިން ބޭރަށް ގެންދިއުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ބޭރުތެރެ ބަލާލައި އާ އެއްޗެހި ހޯދައި އާ ކަންކަން ދަސްކުރުމަކީ ކުއްޖާގެ ހެދިބޮޑުވަމުންދާއިރު ސަމާލުކަންދޭން ޖެހޭ ކަންތައްތަކަށް ވާތީ އެގޮތަށް ނުކުންނައިރު ކުދިންގެ ރައްކާތެރިކަމަށް އިތުރަށް ފަރުވާ ބަހައްޓަން ޖެހެ އެވެ.

ފަތިސް ވަގުތު މަގުމައްޗާއި އާއްމު ތަންތަނުގައި މީހުން މަދެވެ. ބޭރަށް ދިއުމަށް އެ ވަގުތުގެ ބޭނުން ހިފިދާނެ ކަން ފާހަގަކުރައްވައި ލޫބާ ވިދާޅުވީ ނިއު ނޯމަލްގައި އުޅެން ކުޑަކުދިން ހޭނިފައިވާ ކަމަށެވެ. މާސްކް އަޅައިގެން އުޅެން އެ ކުދިންނަށް އުނދަގުލެއް ނުވެ އެވެ.

"ކުޑަކުދިން ދަސްކުރާނެއޭ ބޮޑެތި މީހުން ސްޓްރަކްޗާ ފޯމް ކުރާ ގޮތަކަށް. ސްޓްރަކްޗާއެއް މެއިންޓެއިން ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އަބަދު ލެޕްޓޮޕް ކައިރީގައި ސްޓަކްވެފައި ނޫނީ އަބަދު އިށީންދެގެން ނީނދެ އެ ސައިކަލް ބްރޭކްކުރެވިދާނެ ކަހަލަ ގޮތެއް،" ސައިކޮލޮޖީން ފުރަތަމަ ޑިގްރީ ނިންމައި ސްޕެޝަލް އެޑިއުކޭޝަން އިން މާސްޓާސް ހާސިލްކުރައްވާފައިވާ ލޫބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުމުރުގެ ގޮތުން ތަންކޮޅެއް ހަގު ކުއްޖެއް ނަމަ ގޭތެރެއިން ދަސްކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ. ސްކޫލަށް ނުދާތީ މި ދުވަސްވަރު ވީހާ ވެސް ގިނަ ކަންކަމުގައި ކުދިން ބައިވެރިކުރުވުމަށް ލޫބާ ބާރުއަޅަ އެވެ.

"ކުދިންނަށް ބައެއް ފަހަރު އެކްސްޕޯސް ނުވަންޏާ ކުއްޖާއަކަށް ނޭނގޭނެ ޝައުގުވެރިކަން ހުރި ދާއިރާއެއް. ފެހުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ނަމަ ގްރޭޑު އެކެއްގެ ކުއްޖަކަށް ވެސް ގޮށް ހަރުކުރުން ފަދަ ކަންކަން ކުރެވިދާނެ. އެކަން ދުވަހަކު ވެސް ނުކުރާ ކުއްޖަކަށް ވިއްޔާ ނޭނގިދާނެ ދުވަހަކު ވެސް އެކަމަށް ޝައުގުވެރިކަން ހުރި ކަމެއް. އާ ކަންކަން ދަސްކޮށް ފުރުސަތުތައް ފަހިކޮށްދިނުން ވަރަށް މުހިއްމު،" ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަން ގްރޫޕުގެ ސްޕެޝަލް އެޑިއުކޭޝަންގެ ސީނިއާ މެނޭޖަރުގެ މަގާމުގައި ހުންނެވި ލޫބާ ވިދާޅުވި އެވެ.

"ބެލެނިވެރިޔާ، މި ގަޑީގައި ކުރަހައި ކުލަޖައްސާށޭ ނޫނީ މިވެނި ގަޑީގައި މިވެނި ކަމެއް ކުރާށޭ ބުނުމަށް ވުރެ އެ މާހައުލުން ކުއްޖާއަށް އިތުރު ކަންކަން ދަސްކޮށްދިނުން މުހިއްމު އަބަދު ޓީވީއާ ސްކްރީނަށް ގޮސް ހުސްވެ ހުރުމުގެ ބަދަލުގައި،" އޭނާ ވިދާޅުވި އެވެ.

ޓީވީ ދައްކަންޏާ ވެސް ކުއްޖާއާ ވީހާ ވެސް ބޮޑަށް ގުޅިގެން އެކަން ކުރުން މުހިއްމެވެ. މިސާލަކަށް ލަވައެއް ބަލަންޏާ، ކުއްޖާ ކައިރީގައި ހުރެ ލަވަ ކިޔާލައި ހަރަކާތްކޮށްލުން ރަނގަޅެވެ. ކުދިން އަބަދު އެއްތަނެއްގައި ބައިންދާ ނަމަ މުއާމަލާތުކުރުމުގައި ހުސްކަމެއް އަންނާނެ އެވެ. ހާއްސަކޮށް ތުއްތު ކުދިންނަށެވެ.

އާ ކަންކަން ދަސްކުރުމަށް ހަ އަހަރާ ދެމެދުގެ ކުދިންނަކީ ނާޒުކު އުމުރެކެވެ. ސްކޫލަށް ނުދެވޭ މި ދުވަސްވަރު އެ ކަމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާނީ ވެސް، ލޫބާ ވިދާޅުވި ގޮތުގައި، އެ ކުދިންނަށެވެ.

ދެ މަސް ދުވަހުގެ ލޮކްޑައުންއަކަށް ފަހު، ތުއްތު ކުއްޖަކު އުރާލައިގެން މީހަކު ދަނީ: ކުދިންނަށް ކިޔަވައިދިނުމުގައި ތަފާތު އުކުޅުތައް ބޭނުންކުރަން ޖެހޭ --ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ދެ މަސް ދުވަހުގެ ލޮކްޑައުންއަކަށް ފަހު، ތުއްތު ކުއްޖަކު އުރާލައިގެން މީހަކު ދަނީ: ކުދިންނަށް ކިޔަވައިދިނުމުގައި ތަފާތު އުކުޅުތައް ބޭނުންކުރަން ޖެހޭ --ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އެ ކުދިންނަށް ގިނަ އެއްޗެހި ދަސްވަނީ ކުޅުމުގެ ތެރެއިން. އެކަމަކު އެ ކުޅިވަރު ނެތީމަ އަސްލު އެ ކުދިން ދަސްކުރުމުގައި އުނދަގޫތަކެއް ހުންނާނެ... ލިމިޓެޑް ލާނިންނެއްތާ އަންނަނީ. އޭގެ ބާޑަން އެބަ އާދޭ ޕޭރެންޓަށް. ޕޭރެންޓު ކުރާ ކަންކަމުގެ ތެރެއިން ބޮޑަށް ވިސްނަންވީ ކުއްޖާ ކިހިނެއްތޯ ބޮޑަށް އިންޓަރެކްޓް ކުރާނީ،" ލޫބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަސްވާނީ ހަމައެކަނި ފޮތްތަކުންނެއް ނޫނެވެ. އޭގެ ބަދަލުގައި ސޯޝަލް އިންޓަރެކްޝަން ފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެއްކުމުގެ ބައެއް ކަންކަމުގައި ވެސް ކުއްޖާ ބައިވެރިކުރެވޭނެ އެވެ. އެކަމަކު ގިނަ ފަހަރަށް އަވަސްކޮށްލަން އެފަދަ ކަންކަމުގައި ކުދިން ބައިވެރިއެއްނުކުރެވެ އެވެ. ނަމަވެސް ހުނަރުތައް ދަސްކުރުމަށް އެގޮތަށް އަމަލުކުރުން މުހިއްމެވެ.

"މިސާލަކަށް 10 އަހަރުގެ ކުއްޖެއްގެ ކިބައިގައި ހުންނާނެ ސާފުކުރުމުގެ ގާބިލްކަން. ކުނި ކަހާފައި ކުނި ނަގަން، ފިޒިކަލީ ވަރަށް ކޭޕަބްލް ވާނެ. އެކަމަކު އެ ކުދިންނަށް މަސައްކަތް ކުރަން ފުރުސަތު ނުދޭތީ ނޫނީ ކުޑައިރުއްސުރެ އެ އާދަ ނޯންނާތީވެ ކުދިންނަށް އެ ހިސާބަށް ދާއިރު ވެސް ނޭނގެ ކުނި ކަހާކަށް ވެސް، މޮޕް ކުރާކަށް ވެސް. ދެން ހުރިހާ ކަމެއް ވެސް އައިސް މި ޖެހެނީ ބެލެނިވެރިންނަށް،" ލޫބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްޖާގެ ކުރިއެރުމަށް ކޯ-ޓީޗިންގެ ކޮންސެޕްޓުން ސްޕެޝަލް ނީޑް ޓީޗަރާއި ދެން ތިބި ޓީޗަރުން މަސައްކަތް ކުރާއިރު ޓީޗަރާއި ބެލެނިވެރިންނާ ދެމެދު ވެސް އެ ކޮންސެޕްޓް މުހިއްމެވެ. ދަރިފުޅުމުގެ ކުރިއެރުމުގައި ބަލަންވީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގައި އޭރުން ފަސޭހަވާނެ އެވެ.