Roadha Mihaaru
ޓެކްސީ ދުއްވަނިކޮށް ހާޓްއެޓޭކް ޖެހުނު މީހާ މަރުވެއްޖެ

ޓެކްސީއެއްގައި އިންދާ ހާޓްއެޓޭކެއް ޖެހިގެން ޑްރައިވަރު މަރުވެއްޖެ

11 މެއި 2017

ދުއްވަމުން ދިޔަ ޓެކްސީއެއްގައި އިން ޑްރައިވަރަކަށް ހާޓް އެޓޭކެއް ޖެހިގެން މިދިޔަ އަންގާރަ ދުވަހު މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދުއްވަމުން ދިޔަ ޓެކްސީއެއްގައި އިން ޑްރައިވަރަކަށް ހާޓް އެޓޭކެއް ޖެހިގެން މިދިޔަ އަންގާރަ ދުވަހު މަރުވެއްޖެ އެވެ.

"ކުލީ ދުވެލި" ސެންޓަރުގެ ޓެކްސީއެއް ދުއްވަނިކޮށް ބ. އޭދަފުށީ އަބޫބަކުރު އިބްރާހިމް، 54، މަރުވީ، ހާޓްއެޓޭކް ޖެހުމުން ޓެކްސީން ފައިބައިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

އެ ސެންޓަރުން ވާހަކަ ދެއްކި މީހަކު ބުނީ މީގެ ކުރިން ވެސް ހާޓް އެޓޭކެއް ޖެހިގެން ކާރު ދުއްވުން ޑޮކްޓަރުން މަނާކޮށްފައިވާ އަބޫބަކުރަށް ދެ ވަނަ ހާޓް އެޓޭކް ޖެހުނީ މިދިޔަ އަންގާރަ ދުވަހު ދަތުރެއްގައި އުޅެނިކޮށް ކަމަށެވެ. ސެންޓަރުން ބޮޑަށް ލަފާކުރާ ގޮތުން ކާރުގައި އެ ވަގުތަކު ފަސިންޖަރަކު ނެތެވެ.

"މެޔަށް ކުއްލި ތަދެއް އެރުމާއެކު ލޮނުޒިޔާރަތް މަގު އެއް ފަރާތެއްގައި ޓެކްސީ ބޭއްވުމަށް ފަހު އޭނާ މަގުމައްޗަށް ނިކުތީ. މޭގައި އަތް އަޅައިގެން އޭނާ ހުރި ގޮތުން، މަގުމަތިން ދިޔަ ދެމަފިރިއަކު އޭނާ ކާރަކަށް ލާފައި ހޮސްޕިޓަލަށް ފޮނުވާލީ،" ސެންޓަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ މޭގައި އަތް އަޅައިގެން، ތުރުތުރު އަޅާ ހާލު މަގުމަތީގައި ހުރި އިރު ވެސް، މީހެއްގެ ސަމާލުކަން ލިބުނީ ވަރަށް ފަހުން ކަމަށެވެ.

އަބޫބަކުރު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވެސް ހާލު މާ ބޮޑަށް ގޯސްވެގެން، ޓެކްސީން ފޭބި ކަމަށް ވެ އެވެ. އެކަމަކު ޑްރައިވަރުގެ އެހީގައި އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ ކަމަށް ސެންޓަރުން ބުންޏެވެ.

"ހޮސްޕިޓަލަށް ވަނީ ވެސް އޭނާ އެކަނި ހިނގާފައި. އެކަމަކު އޭގެ ގަޑިއިރެއްހާއިރު ފަހުން އަޅުގަނޑުމެންނަށް ހަބަރު ލިބުނީ އޭނާ މަރުވެއްޖެ ކަމަށް،" ސެންޓަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ކާރު ދުއްވުން ޑޮކްޓަރުން މަނާކޮށްފައި އޮތުމުން އަބޫބަކުރު ކާރު ނުދުއްވާ ވަރަށް ގިނަ ދުވަހު ހުރި ކަމަށާއި މަސައްކަތަށް ނިކުތީ ވަރަށް ފަހުން ކަމަށެވެ.

ޑްރައިވަރަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ހަބަރު ޓެކްސީ ސެންޓަރަށް ދީފައި ވަނީ އެ މަންޒަރު ފެނުނު ބައެކެވެ.