Roadha Mihaaru
ޔުރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑާއި އަޔަކްސް

ޔުރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑާއި އަޔަކްސް

12 މެއި 2017

މެންޗެސްޓާ (މެއި 12) – ޔޫރަޕުގެ ދެ ވަނަ ފަންތީގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ ފައިނަލުން އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ނެދަލެންޑްސްގެ އަޔަކްސް ރޭ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (މެއި 12) – ޔޫރަޕުގެ ދެ ވަނަ ފަންތީގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ ފައިނަލުން އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ނެދަލެންޑްސްގެ އަޔަކްސް ރޭ ޖާގަ ހޯދައިފި އެވެ.

ޔޫރަޕުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އަޔަކްސް އާއި ތިން ފަހަރު ހޯދާފައިވާ ޔުނައިޓެޑުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ ސްވިޑަންގެ ސްޓޮހޯމްގަ އެވެ.

ޔުނައިޓެޑުގެ ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ސެލްޓާ ވީގޯއާ 1-1 އިން އެއްވަރުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެންނެވެ. ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު ޔުނައިޓެޑް ކާމިޔާބުކުރީ 1-0 އިންނެވެ.

އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ނެގި ހުރަހަކުން މައުރޯނޭ ފެލައިނީ ބޮލުން ޖެހި ގޯލާ އެކު ޔުނައިޓެޑަށް ހިތްހަމަޖެހުން ލިބުނެވެ. އެކަމަކު 85 ވަނަ މިނެޓުގައި ސެލްޓާގެ ފަސުންޑޯ ރޮންކަގްލިއާ ޖެހި ގޯލާ އެކު ޔުނައިޓެޑް ހާސްކޮށްލި އެވެ. އޭގެ އިރުކޮޅެއް ފަހުން ރޮންކަގްލިއާ އާއި ޔުނައިޓެޑުގެ ޑިފެންޑަރު އެރިކް ބާއީއާ ދެމެދު އުފެދުނު މައްސަލައެއްގައި ދެ ކުޅުންތެރިނަށް ރަތްކާޑު ދައްކައި ފޮނުވާލި އެވެ. މެޗު ނިމެން ހަ ސިކުންތަށް ވެފައިވަނިކޮށް ސެލްޓާގެ ޖޯން ގުއިޑެއްޓީ އަތުން ވަނީ ރަނުގެ ފުރުސަތެއް ބޭކާރުވެފަ އެވެ.

ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ޔުރޮޕާ ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފައިވާއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ ތަށި ހޯދައިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ. ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އޮތީ އުނދަގޫ ފުރުސަތަކަށްވުމުން، ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން ލިބިފައި އޮތް ރަނުގެ ފުރުސަތަކީ ޔުރޮޕާ ލީގެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ފުރަތަމަ ލެގުގައި ވެސް މޮޅަށް ކުޅުނީ އޭނާގެ ޓީމު ކަމަށާއި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމަށެވެ. އަދި ރޭ އަމިއްލަ ދަނޑުގައި ކުޅުނީ ހުޅުވިފައިވާ މެޗެއް ކަމަށާއި ހުރިހާ ޕްރެޝަރެއް އޮތީ އޭނާގެ ޓީމަށް ކަމަށެވެ.

"ފަހު ސިކުންތާ ހަމައަށް މެޗު އޮތީ ހުޅުވިފައި. މެޗު ނިމުމާ ހަމައަށް އަހަރެމެން އުނދަގޫތައް ތަހައްމަލުކުރިން. އެކަމަކު އަހަރެމެންގެ ކުޅުންތެރިން ހުރި ހުރިހާ ހިތްވަރެއްލި. ކުޅުންތެރިންނާ މެދު އުފާކުރަން،" މޮރީނިއޯ ބުންޏެވެ.

ޒުވާން ކުޅުންތެރިން ހިމެނޭ އަޔަކްސް ޓީމު ފައިނަލަށް ދިޔައީ ރޭ ރަށުން ބޭރުގައި ފްރާންސުގެ އޮލިމްޕިކް ލިޔޯން އަތުން 3-1 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 5-4 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު އަޔަކްސް ކާމިޔާބުކޮށްފައިވަނީ 4-1 އިންނެވެ.