Roadha Mihaaru

ފެނާންޑޭޒް އަށް ތަށި ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ: އަމޯރިމް

ރެއާލް ސޮސިއެޑާޑުގެ މައްޗަށް 5-2 ގެ އެގްރިގޭޓުން ކުރި ހޯދައި މެންޗެސްޓާ ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމާ އެކު ކޯޗު ރުބެން އަމޯރިމް، އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ތައުރީފު އޮއްސާލައިފި އެވެ.

ފެނާންޑޭޒް އަށް ތަށި ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ

ރެއާލް ސޮސިއެޑާޑުގެ މައްޗަށް 5-2 ގެ އެގްރިގޭޓުން ކުރި ހޯދައި މެންޗެސްޓާ ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމާ އެކު ކޯޗު ރުބެން އަމޯރިމް، އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ތައުރީފު އޮއްސާލައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ 4-1 އިން ޔުނައިޓެޑް ފަހަތުން އަރައި މޮޅުވި ދެ ވަނަ ލެގުގައި، ފެނާންޑޭޒް ވަނީ ހެޓްރިކް ހަދައިފަ އެވެ. ފަހު ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ޑިއޯގޯ ޑަލޯ އެވެ. ސޮސިއެޑާޑް ވަނީ 10 ވަނަ މިނިޓުގައި މިކެލް އޮޔާޒަބާލްގެ ޕެނަލްޓީއަކުން ލީޑު ނަގައިފަ އެވެ. ފެނާންޑޭޒް ޔުނައިޓެޑަށް ލީޑު ނަގައިދިނީ ދެ ޕެނަލްޓީންނެވެ.

"އަހަރެމެން ޖެހޭ އޭނާ [ފެނާންޑޭޒް] އަށް ގިނަ ތަށިތަކެއް ހޯދައިދޭން މަސައްކަތް ކުރަން،" ފެނާންޑޭޒްގެ ކުޅުމަށް އޭނާއަށް ކާމިޔާބީ ހައްގުވާ ކަން ހާމަ ކުރަމުން އަމޯރިމް ބުންޏެވެ.

"އޭނާ ބައެއް ފަހަރު ފްރަސްޓްރޭޓް ވޭ، އަހަރެމެންނަށް ނުކުޅެވޭ ވަގުތު ހުރިހާ ދިމާލަކަށް އޭނާ ދާނެ ބޯޅަ ފަހަތުން އަމިއްލައަށް ޕޮޒިޝަން ޗޭންޖް ކޮށްގެން ވެސް. އެކަމަކު ބައެއް ފަހަރު އެބަ ޖެހޭ އެހެން ކުޅުންތެރިންނަށް އިތުބާރުކޮށް، އެ ކުޅުންތެރިން އެކަމަށް މަސައްކަތް ކުރުވަން."

ޔޫރޮޕާ ލީގަކީ ޔުނައިޓެޑަށް މި ސީޒަންގައި އޮތް ހަމައެކަނި އުއްމީދެވެ. އެފްއޭ ކަޕާއި ލީގު ކަޕުން ކަޓާފައި ވާއިރު، ލީގުގައި އޮތީ 14 ވަނައިގަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ޔުނައިޓެޑް ވާދަ ކުރަން ޖެހެނީ ފްރާންސްގެ ލިޔޯން އާ ދެކޮޅަށެވެ.

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގެ ކުރިމަތިލުންތައް:

ލިޔޯން - ޔުނައިޓެޑް

ޓޮޓެންހަމް - އެއިންޓްރަކް ފްރޭންކްފާޓް

ބޯޑޯ/ގްލިމް - ލާޒިއޯ

ރޭންޖާސް - އެތުލެޓިކް ބިލްބާއޯ