Roadha Mihaaru
ފުރަތަމަ ބުރުން މާޒިޔާ އަށް ސައްތައިން ސައްތަ ރެކޯޑެއް

ފުރަތަމަ ބުރުން މާޒިޔާ އަށް ސައްތައިން ސައްތަ ރެކޯޑެއް

12 މެއި 2017

ކެޕްޓަން އަސަދުﷲ އަބްދުﷲގެ ދެ ލަނޑާ އެކު ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު މާޒިޔާ އިން އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު މިރޭ ނިންމާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކެޕްޓަން އަސަދުﷲ އަބްދުﷲގެ ދެ ލަނޑާ އެކު ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު މާޒިޔާ އިން އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު މިރޭ ނިންމާލައިފި އެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހަ ޕޮއިންޓުގެ ލީޑަކާ އެކު ފުރަތަމަ ބުރުގެ އެއް ވަނަ މަގާމް މާޒިޔާ ހޯދީ 21 ޕޮއިންޓާ އެކު އެވެ. އެ ޓީމުން 14 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

ފުރަތަމަ ބުރުގެ ދެ ވަނަ މަގާމް 15 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ހޯދިއިރު ތިން ވަނަ އަކީ 13 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އެވެ. މިރޭ މޮޅުވެގެން ތިން ވަނަ އަށް އެރެން އޮތް ޓީސީ 10 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ފަސް ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސް އެވެ. ވިކްޓަރީ އަށް ޕޮއިންޓާ އެކު ހަ ވަނައިގައި އޮތްއިރު ޔުނައިޓެޑް ވިކްޓަރީ އޮތީ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެންމެ ޕޮއިންޓަކާ އެކު ފުލުގައި އޮތީ ކްލަބް ވެލެންސިއާ އެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ (ވ) އަތުން ބޯޅަ ހޯދަން ޓީސީގެ އައްޒާމް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ ކެޕްޓަން އަސަދުﷲ (ވ) އަތުން ބޯޅަ ހޯދަން ޓީސީގެ އައްޒާމް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭގެ މެޗު ފަށައިގެން ފުރަތަމަ 20 މިނެޓުގެ ތެރޭގައި ޓީސީން މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނެވެ. އަދި 14 ވަނަ މިނެޓުގައި ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ހޯދި އެވެ. ކޮނޭލިއަސް ސްޓެވާޓް އޭރިއާ ތެރެއިން އިބްރާހިމް މަހުދީ (އިއްބެ) އަށް ޖައްސާލި ބޯޅަ އޭނާ މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ސަލާމަތްވެ، ގޯލް ބުޑުން ޖެހުމުން މާޒިޔާގެ ގޯލްކީޕަރު ޕަވެލް މަޓިއާޝް މަތަކުރި އެވެ.

މެޗުގެ 17 ވަނަ މިނެޓުގައި މާޒިޔާ އިން ވެސް ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. މުހައްމަދު އުމެއިރު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޓީސީގެ ޑިފެންޑަރަކު ބްލޮކްކުރުމުން ލިބުނީ އޭރިއާ ބޭރުގައި ހުރި ޑިފެންޑަރު އަންދްރެއި ކޮޑޯސް އަށެވެ. އޭނާ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅަ ފެނު ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ވަނީ ސަލާމަތްކޮށްފަ އެވެ.

މާޒިޔާ އިން ލީޑު ނެގީ 22 ވަނަ މިނެޓުގައި އުމެއިރު ޖެހި ގޯލުންނެވެ. އަސަދުﷲ ދިން ބޯޅަ އަލެކްސަންޑާ ރަކިޗް ގޯލް ކުރިމައްޗަށް ޖައްސާލުމުން، އުމެއިރު ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ޓީސީ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އޭގެ ފައިދާ ނަގައި 64 ވަނަ މިނެޓުގައި އަސަދުﷲ ވަނީ މާޒިޔާގެ ލީޑު ފުޅާކޮށްދީފަ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ޓީސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭޏާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

މާޒިޔާގެ ގޯލާ އެކު ޓީސީން ކުޅުން އަވަސްކޮށް ނުރައްކާކުރަން ފެށި އެވެ. އެގޮތުން 76 ވަނަ މިނެޓުގައި އަހުމަދު އައިހަމް އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ނުރައްކާތެރި ބޯޅަ މާޒިޔާ ކީޕަރު ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗުގެ 75 ވަނަ މިނެޓުގައި އަސަދުﷲ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ނެގި ނުރަސް އޭރިއާ ތެރޭ މުޅިން ހުހަށް ހުރެ އޭނާ ޖެހުމުން ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

އޭގެ ފަހުން ޓީސީން އަނެއްކާ ވެސް ނުރައްކާތެރި ދެ ބޯޅަ ފޮނުވާލި އެވެ. އޭރިއާ ތެރެއިން މިސްރު ޑިފެންޑަރު އީސާ އަލްމަގްރަބީ ބޮލުން ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު ކޯނަރަކުން ހުރަސްވި ބޯޅަ އިއްބެ ބޮލުން ޖެހުމުން ވެސް އަމާޒެއް ނުވި އެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ (ވ) އަތުން ބޯޅަ ހޯދަން ޓީސީގެ ފައްރާހު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ ކެޕްޓަން އަސަދުﷲ (ވ) އަތުން ބޯޅަ ހޯދަން ޓީސީގެ ފައްރާހު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީން ކުރިއަށް ޖެހިފައި ތިއްބާ މާޒިޔާ އިން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ރަކިޗާއި އުމެއިރު ޕާސިން ކުޅުމަކުން ތަނަވަސްކުރި ފުރުސަތުގައި، އޭރިއާ ތެރެއިން އަސަދުﷲ އަށް ލިބުނު ބޯޅަ ފުރަތަމަ ޖެހުމުން ބްލޮކްވީ އެވެ. ދެ ވަނަ ފަހަރަށް އޭނާ ވަނީ އެ ބޯޅަ މަޑުމަޑުން ގޯލުގެ އެތެރެ ކޮށްލައިފަ އެވެ.

މެޗުގެ ފަހުކޮޅު ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން، ބެންޗުގައި އިން ޓީސީގެ ޑިފެންޑަރު އަލީ އިމްރާނަށް ރެފްރީ މުހައްމަދު ޖާވިޒް ވަނީ ރަތްކާޑު ދައްކައިފަ އެވެ. ޓީސީ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އޭނާ އަށް ބެންޗުގައި ހުއްޓާ ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނީ އޭނާ ބުނަން އޮތް ހަމައެކަނި ވާހަކައަކީ ކުޅުންތެރިންނަށް ޝުކުރުއަދާކުރާ ވާހަކަ ކަމަށެވެ.

"ވަރުބަލިކަން ވަރަށް ބޮޑު އެކަމަކު ކުޅުންތެރިން ހިތްވަރުކުރި. އަހަރެމެން ގާތްގާތުގައި މެޗުތައް ކުޅޭއިރު އަހަރެމެންނާ ދެކޮޅަށް ނުކުންނަ ޓީމަށް އަރާމުކުރަން ފުރުސަތު ލިބޭ. އެ ހުރިހާ ކަމަކާ އެކު ވެސް މޮޅުވަމުން މި އަންނަނީ. ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އިތުރު ވާހަކައެއް ނެތް ދައްކާކަށް،" ސެކުލޮސްކީ ބުންޏެވެ.