Roadha Mihaaru
ސަޗިން ބޭނުމީ އޭނާގެ ރޯލު އާމިރު ޚާން ލައްވާ ކުޅުވަން

ސަޗިން ބޭނުމީ އޭނާގެ ރޯލު އާމިރު ޚާން ލައްވާ ކުޅުވަން

15 މެއި 2017

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރްގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމުގައި އޭނާގެ ރޯލު އަދާކުރަނީ ވެސް ސަޗިން އެވެ. ނަމަވެސް ސަޗިންގެ ރޯލަށް އެކްޓަރަކު ޚިޔާރުކުރަން އޭނާއަށް ޖެހުނު ނަމަ، އޭނާ ބުނީ ނަގާނީ އާމިރު ޚާނު ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރްގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމުގައި އޭނާގެ ރޯލު އަދާކުރަނީ ވެސް ސަޗިން އެވެ. ނަމަވެސް ސަޗިންގެ ރޯލަށް އެކްޓަރަކު ޚިޔާރުކުރަން އޭނާއަށް ޖެހުނު ނަމަ، އޭނާ ބުނީ ނަގާނީ އާމިރު ޚާނު ކަމަށެވެ.

ސަޗިން މިހެން ބުނީ އޭނާގެ ބައޮޕިކް "ސަޗިން: އަ ބިލިއަން ޑްރީމްސް" ޕްރޮމޯޓްކުރުމުގެ އިވެންޓެއްގައި ނޫސްވެރިއަކު ސުވާލުކުރުމުންނެވެ. މި ސުވާލުގެ ޖަވާބު ނުދޭން އޭނާ ވަރަށް މަސައްކަތް ކުރި އެވެ. އެންމެ ފަހުން، އެއްވެ ތިބި މީހުންނާ އެ ސުވާލު ކުރި އެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އާމިރު ޚާންގެ ނަން ގޮވަން ފެށި އެވެ. އެހިސާބުން ސަޗިން ވެސް އެންމެ ބޭނުމީ އޭނާގެ ބައި އާމިރު ލައްވާ ކުޅުވަން ކަމަށް ބުންޏެވެ.

ކްރިކެޓް ކުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށްވާ "ލަގާން" 2001 ގައި އާމިރު ކުޅެފައިވުން އެއީ ސަޗިން އޭނާގެ ރޯލު އާމިރު ލައްވާ ކުޅުވަން ބޭނުންވި އެންމެ ބޮޑު ސަބަބުކަމަށް އޭނާ ބުންޏެވެ.

ސަޗިންގެ ބައޮޕިކް ކުޅެން އޭނާ އެއްބަސްވީ ވަރަށް ގިނަ ބަޔަކު ވަރަށް މަސައްކަތް ކޮށްގެންނެވެ.

"އަހަރެން އެންމެ ފުރަތަމަ ބުނިން އަހަންނަކަށް ތިކަމެއް ނުވާނޭ. އަހަންނަކީ ކުޅިވަރު ކުޅުންތެރިއެކޭ. އެކްޓަރެއް ނޫނޭ. އެހެންވެ އަހަރެން އަމިއްލަ ނަފްސަށް މި ފިލްމު ކުޅެން އެއްބަސްކުރުވަން ވަރަށް ވަގުތު ނެގި. ފަހުން ހިތަށް އެރި އަހަރެންގެ ހަޔާތުގެ ހުރިހާ ކަމެއް ވެސް އެބަހުއްޓޭ ލިޔުމުން ފެންނަން. ކޮންމެހެން ވާހަކަތައް ހަދަހަދައިގެން ކިޔައިދޭކަން ނުޖެހޭނެ. އަހަރެން އިތުރު ރަންސް ހެދި ގޮތް ފަދަ ކަންކަން އަލުން ސްކްރިޕްޓެއްގައި ލިޔެގެން ކިޔައިދޭކަށް ނުޖެހޭނޭ،" ސަޗިން ބުންޏެވެ.

ސަޗިންގެ ހަޔާތުގައި ކުރިމަތިވި އުފަލާއި ހިތާމައިގެ އިހްސާސްތައް އޭނާ ނޫން މީހަކަށް ބަޔާންކޮށް ނޭނގޭނެ ކަމަށް ފިލްމު އުފައްދާ ފަރާތަށް ވެސް ގަބޫލު ކުރެވެ އެވެ.

މި ފިލްމު މި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި ސަޗިން އާއި އޭނާގެ އަންހެނުންގެ ހަގީގީ ލޯބީގެ ހަޔާތުގެ ވަރަށް ގިނަ ވާހަކަތައް ވެސް ހިމެނެ އެވެ.