Roadha Mihaaru
އެކަޑެމީގެ އިނާމު މި އަހަރު ފަސް ބޭފުޅަކަށް

އެކަޑެމީގެ އިނާމު މި އަހަރު ފަސް ބޭފުޅަކަށް

17 މެއި 2017

ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑެމީން އަލަށް ދޭން ފެށި އިނާމު ފަސް ބޭފުޅަކަށް ލިބިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑެމީން އަލަށް ދޭން ފެށި އިނާމު ފަސް ބޭފުޅަކަށް ލިބިވަޑައިގެންފި އެވެ.

އޮލިމްޕަހުގައި މިރޭ ބޭއްވި ހަފުލާގައި ހަތަރު ދާއިރާއަކުން އެ ފަސް ބޭފުޅުންނާ އެވޯޑު ހަވާލުކޮށްދެއްވީ، ނައިބު ރައީސް އަބްދުުﷲ ޖިހާދެވެ.

އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުން

މުހައްމަދު އަމީން ދީދީ އިނާމު

- ދިވެހި ބަހުގެ ދާއިރާއިން ދިވެހި ބަސް ކިޔަވައިދިނުމުގެ ރޮނގުން، ގ. ކުރޮޅި، އާދަމް ޒާހިރު

- ދިވެހި ބަހުގެ ދާއިރާއިން ބަސް، ޓެކްނޮލޮޖީއާ ރައްޓެހިކުރުމުގެ ރޮނގުން، މ. މިރިޔާސްވިލާ، ޖާވިޝް ހަމީދު

ހުސެއިން ސަލާހުއްދީން އެވޯޑު

- ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ލިިޔުންތެރިކަމުގެ ރޮނގުން، ގ. ލަންކާ، ހޯރަފުށީ މުހައްމަދު ސަލީމް

މުހައްމަދު ޖަމާލުއްދީން އިނާމު

- ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ޅެންވެރިކަމުގެ ރޮނގުން، ވ. ކަނދު، ރޯނުގޭ ހަސަން މަނިކު

ހަސަން ތާޖުއްދީން އިނާމު

- ދިވެހި ތާރީހުގެ ދާއިރާއިން ދިވެހި ތާރީހީ ފޮތް އެކުލަވާލައި ލިޔުމުގެ ރޮނގުން، މއ. ކަށިމާ، އަހުމަދު ޝާކިރު

ދިވެި ބަހުގެ އެކަޑެމީގެ އެވޯޑު މިއަހަރު ލިބިވަޑައިގެންނެވި ފަސް ބޭފުޅުންނާއެކު ނައިބު ރައީސް ޖިހާދު (މ) ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: މުހައްމަދު ހަމްދޫން/ މިހާރު

ދިވެި ބަހުގެ އެކަޑެމީގެ އެވޯޑު މިއަހަރު ލިބިވަޑައިގެންނެވި ފަސް ބޭފުޅުންނާއެކު ނައިބު ރައީސް ޖިހާދު (މ) ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: މުހައްމަދު ހަމްދޫން/ މިހާރު

މި ބޭފުޅުންގެ ތެރެއިން އާދަމް ޒާހިރަކީ ޔުނިވާސިޓީގައި ދިވެހި ބަސް ކިޔަވައިދެއްވާ ލެކްޗަރާއެކެވެ. އޭނާ ވަނީ ދިވެހި ބަސް ކިޔަވައިދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވައިފަ އެވެ.

މި އެވޯޑު ލިބިވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅަކީ ޖާވިޝް (ޖާ) އެވެ. އޭނާއަކީ "ސައިންސް އެންމެންނަށް"ގެ ފައުންޑާ މެމްބަރެކެވެ. ޖާ އަންނަނީ ސޯޝަލް މީޑިއާ އަދި އެޕްތައް ހައްދަވައި އެ އެއްޗެހި މެދުވެރިކޮށް ދިވެހި ބަހަށް ދިވެހިން ހޭލުންތެރިކުރައްވަމުންނެވެ. އޭގެ ތެރޭގައި ފޯނުން ދިވެހި ބަހުން ލިޔެވޭނެ ގޮތް ހެދުމަށް ފިލިބަރި ކީބޯޑު ފޯ ތާނަ އެޕް ހިމެނެ އެވެ.

މުހައްމަދު ސަލީމް ނުވަތަ ހޯރަފުށި ސަލީމް އަންނަނީ ދިވެހި ބަހުން ތަފާތު ފޮތްތައް ލިޔުއްވަމުންނެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ހަސަން މަނިކަކީ ތަފާތު ޅެންތައް ހައްދަވާފައިވާ ބޭފުޅެކެވެ. ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ރޯނު ހަސަންމަނިކު ކުރިން ދިވެހި ޓީޗަރަކަށް ވެސް އުޅުއްވި އެވެ.

ކަށިމާ ޝާކިރަކީ ދިވެހި ތާރީހާ ގުޅޭ ފޮތް ތައްޔާރުކުރައްވަމުން އަންނަ ބޭފުޅެކެވެ. ރާއްޖޭގެ ތާރީހާބެހޭ އެކިއެކި ފޮތް އެކުލަވާލައްވައި ލިޔުއްވުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ޝާކިރަށް މިދިޔަ އަހަރު ވަނީ، ދިވެހި ތާރީހާބެހޭ ފޮތް އެކުލަވާލައި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވައިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އެޕްލިކޭޝަންތައް މެދުވެރިކޮށް މީހުން އަހުލުވެރިކުރުވަން މީގެ ކުރިން ވެސް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި އަދި ކުރިއަށް ވެސް ގިނަ މަސައްކަތްތައް ރާވާފައިވާ ކަމަށެވެ.