Roadha Mihaaru
ޔުނައިޓެޑް ވިކްޓަރީ އަތުން މާޒިޔާ އަށް ޕޮއިންޓެއް

ޔުނައިޓެޑް ވިކްޓަރީ އަތުން މާޒިޔާ އަށް ޕޮއިންޓެއް

20 ޖޫން 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އާއި ގަދަފަދަ މާޒިޔާ 1-1 އިން އެއްވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އާއި ގަދަފަދަ މާޒިޔާ 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު 13 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. ޔުނައިޓެޑް ވިކްޓަރީ ވަނީ ހަ ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި 8 ޕޮއިންޓާ އެކު އޮތް އީގަލްސް މި ހަފުތާގައި ކުޅޭ މެޗުން މޮޅުވެގެން މާޒިޔާއާ ތަފާތުކުޑަކުރަން މި ވަނީ ފުރުސަތު ލިބިފަ އެވެ. ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް އެވެ.

މިރޭގެ މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ލީޑު ނަގައިފަ އެވެ. މާޒިޔާ ރަނގަޅަށް ހަމަޖެހިނުލީސް މި ލަނޑު ޖެހީ ޕެނަލްޓީއަކުން ޔުނައިޓެޑް ވިކްޓަރީގެ ކެރިޗް އަންދްރޭ އެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކެރިޗް ލީޑު ފުޅާކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ދިން ހިތްގައިމު ބޯޅަ އޭނާ ޖެހުމުން ދިޔައީ ގޯލް ދަނޑިއާ އިންޗެއްހާ ދުރުންނެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓަރީގެ އަލީ ހައިޝަމް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައެއް ގޯލް ދަނޑީގައި ޖެހުނުއިއިރު ދެ ވަނަ ފަހަރަށް އެ ބޯޅަ ކެރިޗް ޖެހުމުން މާޒިޔާގެ ޑިފެންޑަރަކު ވަނީ ބްލޮކްކޮށްފަ އެވެ.

މާޒިޔާ އިން އެއްވަރުުކުރީ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އިސްމާއިލް އީސަ (މެސީ) ޖެހި ލަނޑުންނެވެ. ހާފުގެ މެދުތެރެއިން ނެގި ހުރަސް އީސަ ގޯލް ތެރެއަށް ވައްދާލީ އޭރިއާ ތެރެއިންނެވެ.

އޭގެ ފަހުން މާޒިޔާގެ މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އާއި މުހައްމަދު އުމެއިރަށް ރަނގަޅު ފުރުސަތު ލިބި ވަނީ ބޭނުން ނުކުރެވިފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭ މާޒިޔާ އިން ލީޑު ނެގުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު ބޮކުރީ ފޮނުވާލި ބޯޅަ ޔުނައިޓެޑުގް ވިކްޓަރީގެ މަޒްހަރު އަބްދުﷲ (މަޒޭ) ވަނީ ގޯލް ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.