މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
21 މެއި 2017
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މީޑިއާ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވީ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން ޖޫން 8ގެ ނިޔަލަށް ކަމަށެވެ. ނޫސްވެރިންގެ ހުށަހެޅުންތަކަށް އިންސާފު ކުރުމަށް ފަހު، އެވޯޑު ދެވޭނެ ކަމަށް ލަފާކުރެވެނީ އޮގަސްޓް މަހު ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ގެންގުޅޭ އުސޫލުތައް މީޑިއާ ކައުންސިލުން އާންމުކުރިއިރު، އިނާމު ދޭ ދާއިރާތަކުގެ ތެރޭގައި ފީޗާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލަޒިމްގެ ދާއިރާ ހިމެނެ އެވެ. މީގެ ތެރެއިން އަލަށް ތައާރަފް ކުރީ ފީޗާ ލިއުމުގެ ދާއިރާ އެވެ.
ހާއްސަ ދެ އިނާމުގެ ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް މިފަހަރު ވެސް ދޭނެ އެވެ.
ކައުންސިލްގެ ރައީސް މުއީދު (ވ) އަދި އަބީރު ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަބީރު އިސްމާއިލް ވިދާޅުވީ އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ މީޑިއާއާ ވީހާވެސް ގާތް ގުޅުމެއް ބޭއްވުމަށް ކަމަށެވެ.
ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ތިން އަހަރު ވެފައިވާއިރު، އެކި ދާއިރާތަކުން މީގެ ކުރިން އެވޯޑު ލިބުނު ނޫސްވެރިންނަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ. ދިނެވެ.
އަބީރު ވިދާޅުވީ މިފަހަރު ލިބޭ ފައިސާގެ އިނާމު ފަހުން އިއުލާންކުރައްވާނެ ކަމަށެވެ.
މީޑިއާ ކައުންސިލްގެ ޑިވެލޮޕްމަންޓް ކޮމެޓީގެ ނައިބު މުގައްރިރު މުހައްމަދު ހަމްދޫން ވިދާޅުވީ މިފަހަރު ޝަރުއީ ދާއިރާ އިން އިނާމް ދިނުމުގައި ގާނޫނީ ދާއިރާގެ އެކި މައުޟޫއުތަކަށް ލިޔާ މީހުންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ. މީގެ ކުރިން އެ ދާއިރާ އަށް ކުރިމަތިލެވެނީ ކޯޓުތައް ކަވަރުކުރާ ނޫސްވެރިންނަށް އެކަންޏެވެ.
ހަމްދޫން ވިދާޅުވި ގޮތުގައި ފީޗާ ލިއުމުގެ ދާއިރާ އިން އިނާމް ދޭން ނިންމީ ފީޗާ ލިއުންތެރިންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ. ފީޗާ ލިއުމުގެ ދާއިރާއިން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެވޯޑު ދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަން އެދެން. ނޫސްވެރިންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް،" ހަމްދޫން ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް މުއީދު (ކ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
މީޑިއާ ކައުންސިލުން ބުނީ ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަށް މަދުވެގެން 10 ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވީޑިއޯ ޖާނަލިޒަމް ދާއިރާ އިން ހަތް ވީޑިއޯ ހުށަހަޅަން ޖެހެ އެވެ. ފީޗާ ލިއުމުގެ ދާއިރާ އިން އެއް އާޓިކަލް ހުށަހަޅަން ޖެހޭއިރު، ލައިފްޓައިމް އެޗީވްމަންޓް އިނާމު ފިޔަވައި ދެން ހުރި ދާއިރާތަކުން ހުށަހަޅަން ޖެހޭނީ ހަތް އާޓިކަލެވެ.
ލައިފްޓައިމް އެޗީވްމަންޓް އިނާމު ދޭނެ މީހެއް ކަނޑައަޅާނީ މީޑިއާ ކައުންސިލުންނެވެ.
އެ ކައުންސިލުން އާންމުކުރި އުސޫލުގައި އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު 31 އާ ހަމައަށް މަދުވެގެން ނުވަ މަހު މަސައްކަތް ކުރާ ނޫސްވެރިންނަށް ވާން ޖެހޭނެ އެވެ. އިނާމު ދޭނީ ނޫސްވެރިން މިދިޔަ އަހަރު ކުރި މަސައްކަތަށް ބަލައިފަ އެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މަގުސަދަކީ މީޑިއާގައި ހަރަކާތްތެރިވާ މީހުން ތަބާވާން ޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރުގައި މަސައްކަތް ކުރާ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް ނޫސްވެރިންނަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
ނޫސްވެރިކަމުގެ އިނާމު ދިނުން މި މަހު 11 ގައި
ނޫސްވެރިންގެ އެވޯޑު "ގެއްލިއްޖެ"؟
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
"ސިޔާސީ ހަބަރުތައް ލިޔުން ހުއްޓުމަކަށް އަންނާނެ"
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
ކުރިއަށް ވުރެ ބިލު ގޯސް، އެކަށީގެންވާ ބަދަލެއް ނެތް