Roadha Mihaaru
"ސިޔާސީ ހަބަރުތައް ލިޔުން ހުއްޓުމަކަށް އަންނާނެ"

އަބުރުގެ ބިލުގެ ސަބަބުން ސިޔާސީ ބޮޑެތި ހަބަރުތައް ލިޔުން ހުއްޓުމަކަށް އަންނާނެ: މީޑިއާ ކައުންސިލް

03 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ބިލްގެ ސަބަބުން ސިޔާސީ ހަބަރުތައް ލިޔުން ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ބިލްގެ ސަބަބުން ސިޔާސީ ހަބަރުތައް ލިޔުން ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބުނެފި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު އަދި އަބުރުގެ ބިލް ދިރާސާ ކުރުމަށް އެ ކައުންސިލުން އެކުލަވާލާފައިވާ ކޮމިޓީގެ ވެސް މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ ބިލުގެ ސަބަބުން ސިޔާސީ ހަބަރުތައް ލިޔުމުގެ ދޮރު ބަންދުވާނެ ކަމަށެވެ. އަދި މީޑިއާތަކުގައި ޝާއިއު ކުރެވޭނީ ހަމައެކަނި މުނިފޫހިފިލުވުމާއި ކުޅިވަރު ހަބަރުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ސިޔާސީ ކުދިކުދި ހަބަރުތައް ގެނެސްދެވިދާނެ. އެކަމަކު މުޖުތަމައުގައި ބޭނުންވާ މުހިންމު ހަބަރުތަކެއް ނޫސްވެރިންނަށް ނުގެނެސްދެވޭނެ،" އަބުރުގެ ބިލް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުން އެކުލަވާލާފައިވާ 11 މެމްބަރުންގެ ވަގުތީ ކޮމިޓީގައި ހަމްދޫން ވިދާޅުވި އެވެ.

ސިޔާސީ ޕޯޑިއަމްތަކާއި ރައްޔިތުންގެ މަޖިލީހުގައި އެކިއެކި ބޭފުޅުން ދައްކަވާ ވާހަކަތަކުގައި މީހުންގެ އަބުރާ ބެހިފައި ހުރިނަމަ، އެ ވާހަކަތައް ނޫސްވެރިންނަށް ރިޕޯޓު ނުކުރެވޭނެ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

ބިލްގެ 21 ވަނަ މާއްދާގައި ވަނީ، "ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓް ކުރުމުގައި، މާނަ ނުގެއްލޭ ގޮތަށް، ހަބަރު ރައްދުވާ ފަރާތްތަކުގެ ބަހެއް ހޯދުމަށް ފަހު، ހަމަހަމަކަމާއެކު ރިޕޯޓް ކުރުމަކީ އަބުރާ ބެހުމުގެ ދައުވާގެ ދިފާއެކެވެ. ނަމަވެސް، ހަބަރު ރައްދުވާ ފަރާތާ ނުގުޅުމުގެ ސަބަބުން، އެ ފަރާތްތަކުގެ ބަހެއް ނުހޯދައި ޝާއިއު ކުރުމަކީ މި ދިފާއުގެ ބޭނުން ކުރެވޭނެ ހާލަތެއް ނޫނެވެ،" މިހެންނެވެ.

މި މާއްދާ އެހެން އޮތުމަކީ މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީން، މީޑިއާ ކައުންސިލާ މިއަދު ބައްދަލުކުރަނީ: މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ވަނީ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުމުގެ މުހިންމުކަން ފާހަގަކޮށްފައި.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީން، މީޑިއާ ކައުންސިލާ މިއަދު ބައްދަލުކުރަނީ: މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ވަނީ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުމުގެ މުހިންމުކަން ފާހަގަކޮށްފައި.---ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަބުރާ ބެހިގެން ނުވާނެ، ނޫސްވެރިންގެ އިމުގެ ތެރޭގައި އެކަން ކުރަން ޖެހޭނީ އެކަމަކު، ކަމެއް ރައްދުވާ ފަރާތެއްގެ ބަހެއް ނުލިބިއްޖެއްޔާ އެ ހަބަރެއް ނުގެނެސްދެވޭ،" އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުން ވަނީ އަބުރާ ބެހިއްޖެ ނަމަ، ބިލްގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދު ބޮޑުކަމާއި، އިސްތިއުނާފް ކުރެވޭ ހާލަތް ހަނިކޮށްފައި އޮތުމާއި، ދިފާއު

ގައި މަސައްކަތް ނުކުރެވި އޮތް އޮތުމަށް އެކަށީގެންވާ ބަދަލެއް ގެނެސްދިނުމަށް އެދިވަޑައިގެންފަ އެވެ. މިނިވަން ނޫސްވެރިކަމެއް ކުރުމުގެ މާހައުލެއް އުފައްދައި ދިނުމަށް މެމްބަރުން އެދިވަޑައިގެންނެވި އެވެ.

މަޖިލިހުގެ ކޮމިޓީގެ މެމްބަރުން ވިދާޅުވީ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރާއިރު، މީޑިއާ ކައުންސިލުން އެދުނު ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ނޫސްވެރިން އެދޭ ފަދަ ބަދަލުތަކެއް ބިލަށް ގެންނާނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލު މި މަހުގެ 25ގެ ކުރިން ދިރާސާކޮށް ނިންމައި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން އިއްޔެ ވަނީ ނިންމައިފަ އެވެ. އެހެންވެ، މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން މިއަދުގެ ބައްދަލުވުމުގައި: މީޑިއާ ކައުންސިލްގެ ޝަކުވާތައް ވަނީ ކޮމެޓީއާ ހިއްސާކޮށްފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން މިއަދުގެ ބައްދަލުވުމުގައި: މީޑިއާ ކައުންސިލްގެ ޝަކުވާތައް ވަނީ ކޮމެޓީއާ ހިއްސާކޮށްފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.