Roadha Mihaaru
ކަސްރަތުކުރުން ހުއްޓާލުމުން މަސްތައް ބަލިކަށިވޭ

ކަސްރަތުކުރުން ހުއްޓާލުމުން ހަށިގަނޑަށް އަވަސް ބަދަލުތަކެއް އާދޭ

23 މެއި 2017

ޔުނިވަސިޓީ އޮފް ލިވަޕޫލްގެ ސައިންސްވެރިން ވަރަށް ފަހުން ހަދާފައިވާ ދިރާސާއެއް ބުނާ ގޮތުން، ގަވައިދުން ކަސްރަތު ކުރަމުން ގޮސް ހުއްޓާލާތާ ދެ ހަފުތާއެއްހާ ދުވަސް ވުމުން، ގައިގައި ހުންނަ މަސްތަކުގެ ބާރު ކޮށްމެވެސް ވަރަކަށް ދަށްވެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޔުނިވަސިޓީ އޮފް ލިވަޕޫލްގެ ސައިންސްވެރިން ވަރަށް ފަހުން ހަދާފައިވާ ދިރާސާއެއް ބުނާ ގޮތުން، ގަވައިދުން ކަސްރަތު ކުރަމުން ގޮސް ހުއްޓާލާތާ ދެ ހަފުތާއެއްހާ ދުވަސް ވުމުން، ގައިގައި ހުންނަ މަސްތަކުގެ ބާރު ކޮށްމެވެސް ވަރަކަށް ދަށްވެ އެވެ.

މައްސަލައަކީ ކަސްރަތު ކުރުން ހުއްޓާލުމުން ފިޓްނަސް ލެވެލް ދަށްވެގެން ދިއުން އެކަންޏެއް ނޫނެވެ. އެއީ ކުޑަ މައްސަލަ އެކެވެ. އެއަށް ވުރެ މާ ބޮޑެތި ބަދަލުތައް މިފަދަ މީހުންގެ ހަށިގަނޑަށް އާދެ އެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ބަލިތަކާއި ހަކުރުބަލީގެ ނުރައްކާ އިތުރުވެ އެވެ.

މި ދިރާސާގައި ބައިވެރިކުރީ އުމުރުން 25-28 އަހަރުގެ މީހުންގެ ގްރޫޕެކެވެ. މި އެންމެންނަކީ ވެސް އަބަދު ޖިމްގައި އުޅެން އާދަވެފައިވާ މީހުންނެއް ނޫނެވެ. ނަމަވެސް މި މީހުންނަކީ އާދައިގެ ވަރަކަށް ކަސްރަތުކޮށް އުޅޭ ނުވަތަ ހެލިފެލިވެ އުޅޭ ބައެކެވެ. އަދި މި މީހުންގެ ބީއެމްއައި ވެސް ހުރީ ހެޔޮވަރު ވަރަކަށެވެ. އާދައިގެ ވަރަކަށް ކަސްރަތުކުރާ މީހުން ކަމަށް ބަލާފައި ވަނީ ދުވާލަކު 10،000 ފިޔަވަޅު އަޅާ މީހުންނަށެވެ.

މި ދިރާސާ ފެށުމުގެ ގޮތުން ސައިންސްވެރިން ދިރާސާގެ ބައިވެރިންގެ ފިޒިކަލް ފިޓްނަސް، ފެޓް އަދި ގައިގައި މަސް ޖަހާފައިވާ މިންވަރު ބެލި އެވެ. ޖެހިގެން އައި ދެ ހަފުތާގައި ކަސްރަތު ނުކޮށް ބޭތިއްބި އެވެ. މި ހުރިހާ ބައިވެރިންގެ ވެސް ކެއުން ބެހެއްޓީ ހަމަ އެއްގޮތަކަށެވެ. ނަމަވެސް ދެ ހަފުތާ ނިމުނުއިރު އެމީހުންގެ ފިޒިކަލް އެކްޓިވިޓީ 80 ޕަސެންޓް ނުވަތަ އެއަށް ވުރެ ދަށްވި އެވެ.

މި ދިރާސާ ނިންމާލިއިރު ބައިވެރިންގެ ގައިގައި އިތުރު ސަރުބީތައް ޖަހާފައިވެ އެވެ. ޚާއްސަކޮށް ބަނޑުގެ ވަށައިގެންވާ ހިސާބުތަކުގަ އެވެ. އަދި ގައިގައި ހުންނަން ޖެހޭ މަސްތައް ވިރި މަސްތަކުގެ ބާރު ވަނީ ދަށްވެފަ އެވެ. އަދި މިމީހުންނަށް އެހާ ގިނައިރަކު ނުދުވެވެ އެވެ. އަދި މި އެންމެންގެ ކޮލެސްޓްރޯލް ލެވެލް ވެސް ހުރީ މަތިވެފަ އެވެ.

ނަމަވެސް ކަސްރަތު ހުއްޓާލުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ކުރިން ހުރި ގޮތަށް އަނބުރާ އިއާދަ ކުރެވިދާނެ ފަދަ ބަދަލު ތަކެކެވެ. އެހެންކަމުން ދެ ހަފުތާގެ ޗުއްޓީއެއް ނަގައިގެން ތަނަކަށް ދާއިރު އެ ދުވަސްވަރު ކަސްރަތު ނުކުރެވުނަސް އެއީ މައްސަލަ އެއް ނޫނެވެ. އެނބުރި އައިސް ކުރީގެ ތާވަލަށް ކަސްރަތުކުރަން ފެށުމުން ހަށިގަނޑު ކުރީގެ ހާލަތަށް ގެނެވޭނެ އެވެ.