Roadha Mihaaru
ލެޔާއި ހަކުރާއި ކޮލެސްޓްރޯލް މާ މަތި، ނަތީޖާ ބިރުވެރި

ދިވެހިންގެ ލެޔާއި ހަކުރާއި ކޮލެސްޓްރޯލް މާ މަތީގައި، ދިރާސާގެ ނަތީޖާ ބިރުވެރި!

08 ނޮވެމްބަރ 2022

ދިވެހީންގެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ލޭ މަތި ކަމަށް، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން ހެދި ދިރާސާއިން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހީންގެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ލޭ މަތި ކަމަށް، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން ހެދި ދިރާސާއިން ދައްކައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި ދިރާސާގެ ނަތީޖާތައް އާއްމުކުރައްވަމުން، އެ ޔުނިވާސިޓީގެ ޑިރެކްޓަ އޮފް ރިސާޗު، ޑރ. ރަހީމާ އަބްދުއްރަހީމް ވަނީ 15-39 އަހަރާ ދެމެދުގެ 3،104 މީހުން ބައިވެރިވި ދިރާސާގައި، ގައިންގަޔަށް ނާރާ ބަލިތަކުގެ ތަފްސީލީ މަންޒަރެއް ސިފަކޮށްދެއްވައިފަ އެވެ.

މި ދިރާސާ ހަދާފައިވަނީ ތިން މެތަޑެއް ބޭނުންކޮށްގެންނެވެ. ފުރަތަމަ މެތަޑުގައި، ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ސުވާލުތައް ދިންއިރު، ދެ ވަނަ އަށް ބަލާފައިވަނީ ދިރާސާގައި ބައިވެރިވި މީހުންގެ އުނަގަނޑުގެ ވަށަމިނާއި ބަރުދަނާއި އިސްކޮޅު އަދި ލޭގެ ޕްރެޝަރެވެ.

ތިން ވަނަ ކަމަކަށް ބަލާފައިވަނީ ލޭގައި ހަކުރު ހުންނަ ވަރާއި ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އަދި ކުޑަކަމުދާ ތަކެތީގައި ސޯޑިއަމާއި ކްރެޓިނިން ހުންނަ ވަރެވެ.

ރަހީމާ ވިދާޅުވީ އެ ދިރާސާގައި ބައިވެރިވި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ ކަމަށެވެ. އަދި ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ހެލިފެލިވެ ނޫޅޭ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު، އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވެފައިވަނީ އިސްކޮޅާ އަޅާބަލާއިރު މާ ބަރު މީހުންނަށެވެ. ފަސް މީހުންގެ ތެރެއިން އެކަކަކީ، އޮބޭސިޓީ ހުންނަ މީހުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހަފުތާ އަކު މަދުވެގެން 160 މިނެޓު ހެލިފެލިވެ އުޅުމަށް ލަފާދީފަ އެވެ. އެކަމަކު، އެ ވަރަށް ކަސްރަތުކުރާ މީހުން މަދެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ކޮލެސްޓްރޯލް ހުންނަ މީހުންނެވެ.

މޭވާ ނުވަތަ ތަރުކާރީ ކާން ކަނޑައަޅާފައިވަނީ ކުޑަ ބޯތައްޓެއްގެ ފަސް ސާވިން ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އާބާދީގެ ދެ ބައިކުޅަ އެއްބައި މީހުން އެ މިންގަނޑަށް މޭވާ ނުކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު ވެސް އިތުރުކަން، ދިރާސާއިން އެނގިފައިވާ ކަމަށް ރަހީމާ ވިދާޅުވި އެވެ. ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ލޮނު އަޅައިގެން ކެއްކުމަށް ފަހު، ކާ އިރު އިތުރަށް ލޮނު ބޭނުންކުރާ މީހުންނެވެ.

ކުޑަކަމުދާ ތަކެތިން ލޮނު ޓެސްޓުކުރިއިރު، ދުވާލަކު 8.8 ގްރާމް ލޮނު ބޭނުންކުރާ ކަމަށް ދެއްކި ކަމަށާއި މިއީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެއްކަން ރަހީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލޭގައި ކޮލެސްޓްރޯލް ހުންނަ ވަރަށް ބަލާއިރު، ކޮންމެ ތިން މީހުންގެ ތެރެއިން އެކެއްގެ ކޮލެސްޓްރޯލް މަތި ކަމަށް ދިރާސާއިން ދެއްކި އެވެ.

އެ ބަލިތައް ޖެހުމަށް މަގުފަހިވާ އެތައް ކަމެއް ދިވެހީންގެ ދިރިއުޅުމުން ފެނެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމެވެ.

ރަހީމާ ވިދާޅުވީ އެ ދިރާސާގައި ބައިވެރިވި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަމަށެވެ. އޭގެ ތެރެއިން، އެންމެ ހަގު އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައިވަނީ އަށް އަހަރުގަ އެވެ.

ކޮންމެ 20 މީހެއްގެ ތެރެއިން އެކަކީ ބަނގުރާ ބޯ މީހެއް ކަމަށާއި ހަތަރު މީހުންގެ ތެރެއިން އެކަކު ޑްރަގްސް ބޭނުންކުރާ ކަމަށް ދިރާސާއިން ދެއްކި ކަމަށް ވިދާޅުވި އެވެ.

މެޑިކަލް ހެލްތު ރިސާޗު ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުން ކަމަށެވެ. ހަކުރު ވެސް، 14 ޕަސެންޓް މީހުން ހުންނަނީ ހުންނަންޖެހޭ މިންވަރަށް ވުރެ ގިނައިން ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން، ހިތުގެ ބަލި ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު އޮތް މިންވަރު ބެލިއިރު، ޝީނާ ވިދާޅުވީ 40 އަހަރުން ދަށުގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަކީ އެ ކަންކަމަށް ނުރައްކާ އޮތް މީހުން ކަމަށެވެ. އެ ނުރައްކާތައް، 45 އަހަރުން މަތީގެ މީހުންނަށް ބަލާއިރު، ކޮންމެ ދެ މީހުންގެ ތެރެއިން އެކަކަކީ ތިން ހިރާސަށް ވުރެ ގިނަ ހިރާސް ހުރި މީހުންނެވެ.

ކާޑިއޮވެސްކިއުލާ ރިސްކް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ބޮޑުވާނެ މީހުންނަށް ބެލިއިރު، 13 ޕަސެންޓް މީހުން ހިތުގެ ބައްޔެއް ޖެހުމުގެ ފުރުސަތު އެބަ ޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދިރާސާއިން ފެނުނު މައުލޫމާތަކީ ދެބައިކުޅަ އެއްބައި މީހުން ނުވަތަ ތިން މީހުން އެކަކު، އެއީ ވަރަށް ބޮޑު އަދަދެއް. އަޅުގަނޑުމެންގެ އާބާދީއަށް ބަލާއިރު މި ހިރާސްތަކުގެ މިންވަރު ކަންބޮޑުވާ މިންވަރަށް އެބަހުރި،" ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްޖާ އުފަންވާއިރު ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރާ މުއްދަތަށް ވުރެ އަވަހަށް މަރުވަނީ ކިތައް ކުދިންތޯ ވެސް ބަލަންޖެހޭ ކަމަށެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅަށް ނުބަހައްޓައިފި ނަމަ ކުރިއަށް އޮތް 10 އަހަރަށް ބަލާއިރު ވެސް ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރާ މުއްދަތަށް ވުރެ އަވަހަށް މަރުވާ މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށް ޝީނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން މީހުންގެ އުފެއްދުންތެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރޭ. ހަމައެކަނި މީހާގެ އުފެއްދުންތެރިކަމެއް ނޫން. ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަސައްކަތަށް ނުދެވުން، އުފެއްދުންތެރިކަން ގެންނަންޖެހޭ މިންވަރަށާއި ފެންވަރަށް ނުގެންދެވުން. މި ކަންތައްތަކުގެ ސަބަބުން މުޅި ގައުމުގެ އިގުތިސޯދަށް ވަރަށް ބޮޑު އަސަރުކުރޭ. ސިއްހީ ހިދުމަތް ދިނުމަށް ދާ ހަރަދު ވެސް އިތުރުވެގެންދޭ،"

"މި ދިރާސާގެ ކޮންކްލޫޝަންއަކަށް އާދެވުނީ ރާއްޖޭގެ ތަރައްގީއަށް މިއީ ވަރަށް ބޮޑު ނުރައްކަލެކޭ ނުވަތަ ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކޭ،" ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީޑީޕީއަށް ބަލާއިރު ރާއްޖެއަކީ ސިއްހީ ދާއިރާއަށް ބޮޑު ހޭދައެއް ކުރާ ގައުމެއް ކަމަށެވެ. ނަމަވެސް ޕްރިވެންޝަނަށް ހޭދަކުރަނީ އެންމެ ދެ ޕަސެންޓް ކަމަށް ޝީނާ ވިދާޅުވި އެވެ.