Roadha Mihaaru
ޓްރަމްޕުގެ އަރަބި ސަމިޓަކީ ގޮތް ދެއްކުމެއް: އީރާން

ޓްރަމްޕުގެ އަރަބި ސަމިޓަކީ ގޮތް ދެއްކުމެއް: އީރާން

23 މެއި 2017

ތެހެރާން (މެއި 23) - މުސްލިމް ބައެއް ގައުމުތަކުގެ ވެރިންނާ އެކު ސައުދީ އަރަބިއާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ސަމިޓަކީ ގޮތް ދައްކަން ކުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (މެއި 23) - މުސްލިމް ބައެއް ގައުމުތަކުގެ ވެރިންނާ އެކު ސައުދީ އަރަބިއާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ސަމިޓަކީ ގޮތް ދައްކަން ކުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

"އެ ސަމިޓުން އަމަލީ ގޮތުން ހާސިލްވާނެ އެއްވެސް ކަމެއް ނެތް. އެއީ ހަމަ ދެއްކުމެއް. އަމިއްލަ ގައުމުގެ ރައްޔިތުންގެ ފައިސާ ސުޕަޕަވަރަކަށް ދީގެން ޓެރަރިޒަމެއް ނުހުއްޓުވޭނެ،" އެމެރިކާ އާއި ސައުދީން ސޮއިކުރި 110 ބިލިއަން ޑޮލަރުގެ ހަތިޔާރު އެއްބަސްވުމަށް އިޝާރާތް ކުރައްވާ ރޫހާނީ ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ ރައްދުގައި ރޫހާނީ ވިދާޅުވީ އެއީ އީރާނުން އަމިއްލަ ދިފާއުގައި ކުރާ ކަމެއް ކަމަށާއި ބޭނުންވެއްޖެ ނަމަ ނިއުކްލިއާ މިސައިލް ދެން ވެސް ޓެސްޓް ކުރާނެ ކަމަށެވެ.

"އީރާނުގެ މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދަނީ އެއްވެސް ބަޔަކަށް ހަމަލާ ދޭކަށް ނޫން. އެއީ އަމިއްލަ ދިފާއުގައި ކުރިއަށް ގެންދާ މަޝްރޫއެއް. މިސައިލް ޓެސްޓް ކުރުމުގެ ޓެކްނިކަލް ބޭނުމެއް ޖެހިއްޖެ ނަމަ އެކަމަށް އެއްވެސް ބައެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ،" ތެހެރާންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވި އެވެ.

އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި ޓްރަމްޕް ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެރަރިޒަމަށް އީރާނުން ފަންޑު ކުރާ ކަމަށް ތުހުމަތު ކުރައްވާ އެކަން ހުއްޓުވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ސައުދީގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އީރާން އެކެހެރި ކުރުމަށް އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވައިފަ އެވެ.

ރައީސްކަމުގެ ދެ ވަނަ ދައުރު މިދިޔަ ހަފުތާގައި ކާމިޔާބު ކުރެއްވި ރޫހާނީ ވިދާޅުވީ އީރާނާ ނުލައި މެދުއިރުމައްޗަށް ހަމަޖެހުން ނުގެނެވޭނެ ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް މިހާރު ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އީރާނުގެ ބައިވެރިން ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އެމެރިކާގެ ސިޔާސަތުތައް ފޭލްވެފައިވާ ކަމަށް ވެސް ރޫހާނީ ވަނީ ވިދާޅުވެފަ އެވެ.

"އަފްޣާނިސްތާނަށް ހަމަލާ ދީގެން އެމެރިކާ ވަނީ ގޯސް ހަދާފައި. އިރާގަށް ހަމަލާ ދީގެން އެމެރިކާ ވަނީ ގޯސް ހަދާފައި. އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިގެން އެމެރިކާ ވަނީ ގޯސް ހަދާފައި. އެމެރިކާ އިން ރަނގަޅަށް ކުރި ކަމެއް ބުނެދީ ބަލަ،" ރޫހާނީ ވިދާޅުވި އެވެ.

އީރާނުގެ ރައީސް ވިދާޅުވީ އެމެރިކާ އިން ކިރިޔާ ވެސް ރަނގަޅަށް ކުރި ކަމަކީ 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގައި ސޮއި ކުރުން ކަމަށެވެ.

ރޫހާނީ ވިދާޅުވީ ޓްރަމްޕް ސަރުކާރު ވެސް ހަމަޖެހިލަންދެން ފުރުސަތު ދޭނެ ކަމަށާއި އޭގެ ފަހުން އެމެރިކާ އިން ކަންތައް ކުރާ ގޮތް ބަލާނެ ކަމަށެވެ.