Roadha Mihaaru
މަރީ މިފަހަރު މޮޅު ކެއްކުންތެރިއެއްގެ ގޮތުގައި

މަރީ މިފަހަރު މޮޅު ކެއްކުންތެރިއެއްގެ ގޮތުގައި

02 ޖޫން 2017

ޕްރޮގްރާމެއް ހުށަހައިދޭން ޓީވީއަށް އަރާ އިންނައިރު، ނުވަތަ ޖަލްސާއެއް ހޯސްޓެއް ކުރަން މަރިޔަމް ވަހީދާ (މަރީ) ހުއްޓި ހުންނައިރު އޭނާއަކީ މޮޅަށް ކައްކާ އަދި ގިނައިން ކާ މީހެކޭ ހީނުވެދާނެ އެވެ. އަދި އަމުދުން އަމިއްލަ ގޭގައި ކައްކައިގެން ރަހުމަތްތެރިންނަށް ކާން ދޭ މީހެކޭ ހިތަށް ވެސް ނާރަފާނެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޕްރޮގްރާމެއް ހުށަހައިދޭން ޓީވީއަށް އަރާ އިންނައިރު، ނުވަތަ ޖަލްސާއެއް ހޯސްޓެއް ކުރަން މަރިޔަމް ވަހީދާ (މަރީ) ހުއްޓި ހުންނައިރު އޭނާއަކީ މޮޅަށް ކައްކާ އަދި ގިނައިން ކާ މީހެކޭ ހީނުވެދާނެ އެވެ. އަދި އަމުދުން އަމިއްލަ ގޭގައި ކައްކައިގެން ރަހުމަތްތެރިންނަށް ކާން ދޭ މީހެކޭ ހިތަށް ވެސް ނާރަފާނެ އެވެ.

އެކަމަކު ތިޔަ ހީކުރެވެނީ ކުށްހީއެކެވެ. މަރީ އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ތަފާތު ރަހަތައް ތައްޔާރުކުރަން ދަންނަ މޮޅު ކައްކާއެކެވެ. އެއަށް ވުރެ ބޮޑަށް، އެހެން މީހުންނަށް ކާން ދޭން އޭނާ މާ މޮޅެވެ.

"މަރީ ގަބޫލުކުރާ ގޮތުގައި ކެއުމަކީ ހަމައެކަނި ކެއުމެއް ނޫން. ކެއުމުގެ ތެރޭން ގުޅުންތައް ބަދަހިކޮށްދޭނެ. މަރީ ވަރަށްވޭ ގަދަޔަށް ކައްކައިގެން މީހުން ގެއަށް ކާންދޭން ގެންނަ ހިތް،" ހިތްހެޔޮ ޕްރެޒެންޓަރު ބުންޏެވެ.

މަރީ އާއި ފިރިމީހާ ހަސަން ބަދިގޭގައި ކައްކަން ތައްޔާރުވަނީ: ލިބޭ ހުސް ވަގުތުތަކުގައި ދެމަފިރިން އެކުގައި ކައްކާހަދާ

މަރީ އާއި ފިރިމީހާ ހަސަން ބަދިގޭގައި ކައްކަން ތައްޔާރުވަނީ: ލިބޭ ހުސް ވަގުތުތަކުގައި ދެމަފިރިން އެކުގައި ކައްކާހަދާ

ކައްކަން ދަސްކުރީ ދުނިޔޭގެ އެތަން މިތަނުން

މަރީ ބުނާ ގޮތުން އޭނާގެ މަންމަގެ ކެއްކުމުގެ ހުނަރު ވަރަށް މޮޅެވެ. އެކަމަކު މަންމަ ދުނިޔޭގައި ހުރި އިރު އޭނާއަށް ކައްކާކަށް ނުޖެހެ އެވެ. އެންމެ ފުރަތަމަ އޭނާ އެކަން ކުރީ އިންޑިޔާގައި ކިޔަވަން ހުރި އިރު އެވެ. ދެން އިނގިރޭސި ވިލާތުގެ ހޮސްޓެލްގަ އެވެ.

ކިޔަވަން އުޅުނު އިރު އެކުގައި އުޅުނު ތަފާތު ގައުމުތަކުގެ ރަހުމަތްތެރިންނާ އެކު އެ މީހުންގެ ގައުމުގެ ކެއުންތައް މަރީ ދަސްކުރި އެވެ. ޕާކިސްތާނު ބިރިޔާނީ އާއި ސްވިޑަންގެ ޕާސްތާ އެވެ. ގޭގައި ގެންގުޅޭ ނޭޕާލް މީހުން ކައިރިން އެ ގައުމުގެ ކެއުންތަކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް، އެކި އިރު ކުރި ދަތުރުތަކުން އޭނާ އެކި ކަހަލަ އެއްޗެހި ހަދަން ދަސްކުރި އެވެ.

މަރީގެ ބައެއް ކެއްކުންތައް: މަންމަގެ ހުނަރު ކަމަށް ބެލެވޭ

މަރީގެ ބައެއް ކެއްކުންތައް: މަންމަގެ ހުނަރު ކަމަށް ބެލެވޭ

ބޭރު ގައުމަކަށް ދިޔަޔަސް، ގޫގަލްކޮށްގެން ތަފާތު ކާއެއްޗެހި ހުންނަ ތަންތަން އޭނާ ހޯދަ އެވެ. އެމެރިކާއިން އެފްރިކަން ތާލީ އަދި ޗައިނާއަށް ގޮސް އިންޑިއާގެ ކެއުންތަކުގެ ރަހަ ބެލި އެވެ. އެތަކެތި އަމިއްލައަށް ހަދަން ދަސްކުރި އެވެ. ކައްކާ ވެބްސައިޓު ނުވަތަ ފޮތްތައް ބަލައިގެން، ގޭގައި ތައްޔާރުކުރެ އެވެ.

މަރީ އެންމެ ލޯބިވަނީ ކާން ޝައުގުވެރިކަން ހުންނަ މީހުން ދެކެ އެވެ. އޭނާގެ ފިރިމީހާ، އަދި ވިޔަފާރިވެރިޔާ ހަސަން ހަލީމަކީ ވެސް ރަނގަޅަށް ކާން ލޯބިކުރާ މީހެއް ކަމުން، ދެ މީހުން ވަޒީފާ ނިމިގެން ގެއަށް އައިސް އެކުގައި ކައްކާ ހަދަ އެވެ. މަރީ ބުނާ ގޮތުގައި އެއީ ތަފާތު ރެސިޕީތައް ބަލައިގެން ކާއެއްޗެހި ތަޖުރިބާ ކުރާ ވަގުތެވެ.

މަރީ ތައްޔާރުކޮށްފައި ހުރި ބައެއް ކެއުންތައް

މަރީ ތައްޔާރުކޮށްފައި ހުރި ބައެއް ކެއުންތައް

ބައެއް ދުވަސް ދުވަހު ގޭގައި ވަރުގަދައަށް ކެއްކުމަށް ފަހު އެކި ރައްޓެހިންނަށް ދައުވަތު ދެ އެވެ. އަދި ރައްޓެހިން ވެސް ގުޅާލާފައި، އެކި އެއްޗެހި ތައްޔާރުކޮށްދޭން އެދެ އެވެ. ވަގުތު ވިއްޔާ އެކަން މަރީ ކުރަނީ އުފަލުންނެވެ.

"މަރީއަށް އެނގޭނެ މާލޭގައި އެންމެ މީރު ކޮފީ ވިއްކާ ތަންތަން. އެންމެ މީރު ގުޅަ ވިއްކާ ތަންތަން. ރައްޓެހިން ވެސް މިކަހަލަ ތަނެއް ހޯދަން ވިއްޔާ އެންމެ ފުރަތަމަ ގުޅާލާނީ މަރީއަށް،" އޭނާ ބުންޏެވެ.

މިއީ މާ ގިނަ ބަޔަކަށް އެނގޭ ކަމަކަށް ނުވިޔަސް، ސޯޝަލް މީޑިއާއިން އޭނާ ފޮލޯކުރާ މީހުން ޝައްކެއް ނުކުރާނެ އެވެ. ކައްކާފައި ހުންނަ ބައެއް ޑިޝްތައް ފެނިފައި އޭނާ އަކީ ޕްރޮފެޝަނަލް ޝެފެއްހެން ވެސް ހީވެދާނެ އެވެ.

ވަގުތު ހޯދަނީ ކިހިނެއް؟

މަރީ ބުނާ ގޮތުން ވަގުތަކީ ހޯދީމައި ލިބޭނެ އެއްޗެކެވެ. ކަމާކަން ފަށައި ރެސްޓޯރަންޓްތަކަށް ކާން ދިޔުމުގެ ބަދަލުގައި ލިބޭ ވަގުތުތަކުގައި ގޭގައި ކައްކާލުމުން މާހިތްހަމަ ޖެހޭނެ އެވެ. ހާއްސަކޮށް ހަފުތާ ބަންދުގައި، ކޮންމެވެސް ރަނގަޅު އެއްޗެއް ތައްޔާރުކޮށްލުމަކީ މުހިއްމު ކަމެއް ކަމަށް މަރީ ދެކެ އެވެ.

"ވަރަށް މަދު ވަގުތުތަކެއް މި ލިބެނީ ފްރީކޮށް. އެ ވަގުތުތަކުގައި ބޭރަށް ނުގޮސް، ދަރިފުޅު ކައިރީގައި ގޭގައި ހުރެގެން ކައްކާލީމަ މާ ހިތްހަމަ ޖެހޭ،" އޭނާ ބުންޏެވެ.

މަރިޔަމް ވަހީދާ، ފިރިމީހާ ހަސަން އަދި ރައްޓެއްސަކާ އެކު ކެއުމަކަށް އިންސާފު ކުރަނީ

މަރިޔަމް ވަހީދާ، ފިރިމީހާ ހަސަން އަދި ރައްޓެއްސަކާ އެކު ކެއުމަކަށް އިންސާފު ކުރަނީ

ކިިތަންމެ ވަރަކަށް ކެޔަސް މަރީ ސިއްހަތަށް ބަލަ އެވެ. ކައްކާއިރު ހަށިގަނޑަށް ފައިދާ ހުންނަ އެއްޗެހި ބޭނުން ކުރެ އެވެ. އެހެންވެ، ކައިގެން ހަށިގަނޑަށް ނޭދެވޭ ބަދަލުތައް ނާންނަ ކަމަށް އޭނާ ބުންޏެވެ.

ބިދޭސީ ކިތަންމެ ރަހަތަކެއް މަރީއަށް އެނގުނަސް އޭނާއަށް ހަމަ އެންމެ މީރީ ހަނޑުލުގުޅަ އާއި ރިހާކުރު ރިހަ އެވެ. ދެން އަމިއްލައަށް ހަދާ ހެދިކާ އެވެ.

މިހާރު މަރީ މަސައްކަތް ކުރަނީ ކެއްކުމާ ގުޅޭ މެގަޒިންނެއް ނެރޭށެވެ. އެކުވެރިންތަކަކާ އެކު އޭނާ ވަރަށް އަވަހަށް ނެރޭ އެ ފޮތުގައި ތަފާތު އެކި ރަހަތަކާއި އެ ތައްޔާރުކުރާނެ ގޮތް ކިޔައިދީފައި ހުންނާނެ އެވެ. އެހެންކަމުން ދެން ބަލަންވީ އެ ފޮތް ނެރޭނެ އިރަކަށެވެ.