Roadha Mihaaru
ކަދުރު: ގުދުރަތީ ބޭސް ގުޅައެއް

ކަދުރު: ގުދުރަތީ ބޭސް ގުޅައެއް

07 ޖޫން 2017

ދުނިޔޭގެ އެކި ހިސާބުތަކުގައި 3،000 ބާވަތުގެ ކަދުރު ހެދޭ އިރު، ކަދުރުގެ ދަނޑުވެރިކަމުން ބާޒާރަށް ނެރެވެނީ އޭގެ ތެރެއިން މަދު ވައްތަރެކެވެ. ކޮންމެ ވައްތަރެއްގެ ކަދުރަކުން ވެސް ހަށިގަނޑަށް ގިނަ ފައިދާތައް ލިއްބައިދެ އެވެ. އެއީ ކާލަން ފަސޭހަ ގުދުރަތީ ބޭސްގުޅައެކެވެ. ފަސޭހައިން ހަޖަމްވާ މި މޭވާގެ ފައިދާހުރި މާއްދާތައް ވަގުތުން ހަށިގަނޑުން ބޭނުންކޮށްލަ އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ދުނިޔޭގެ އެކި ހިސާބުތަކުގައި 3،000 ބާވަތުގެ ކަދުރު ހެދޭ އިރު، ކަދުރުގެ ދަނޑުވެރިކަމުން ބާޒާރަށް ނެރެވެނީ އޭގެ ތެރެއިން މަދު ވައްތަރެކެވެ. ކޮންމެ ވައްތަރެއްގެ ކަދުރަކުން ވެސް ހަށިގަނޑަށް ގިނަ ފައިދާތައް ލިއްބައިދެ އެވެ. އެއީ ކާލަން ފަސޭހަ ގުދުރަތީ ބޭސްގުޅައެކެވެ. ފަސޭހައިން ހަޖަމްވާ މި މޭވާގެ ފައިދާހުރި މާއްދާތައް ވަގުތުން ހަށިގަނޑުން ބޭނުންކޮށްލަ އެވެ.

ހަށިގަނޑުގެ ރޫފަ ރަނގަޅު ކުރުމަށް އެއްވަނަ

ހިކެން އުޅޭ މީހުން ވަކި މިންގަނޑެއްގައި ކަދުރު ކެއުމަކީ މައްސަލައެއް ނޫނެވެ. ކިއުކަމްބާ ޕޭސްޓާ ކަދުރު އެއްކޮށްގެން ކެއުމުން ބަރުދަނަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ނިއުޓްރަޝަނަލިސްޓުން ބުނެ އެވެ. އެކަމު ކަދުރުގައި ކެލަރީ ގިނަވީމާ، ހިކެން ބޭނުންވާ މީހުން އެ މޭވާ މާ ގިނައިން ކެއުން ރަނގަޅެއް ނޫނެވެ. ޅަ ކަދުރުގައި ހަކުރުގެ މާއްދާތައް މަދުވާނެ އެވެ.

ހިކި މީހުން ބަރުދަން އިތުރުކުރަން އުޅޭ އިރު ބޭނުންވާ ވަރަށް ކަދުރުން ކެލަރީ ލިބޭނެ އެވެ. އެއް ކިލޯގްރާމްގެ ކަދުރުން 3،000 ކެލަރީ ލިބޭނެ އެވެ. މީހާ ފިޓުކޮށް ހުންނަން ބޭނުންވާ ނިއުޓްރިއަންޓްސް، މިނެރަލްސް، ވިޓަމިންސް، ކާބޮހައިޑްރޭޓްސް އަދި ޕްރޮޓީން ލިބޭނެ އެވެ. ޖިމަށް ދާއިރު ކެއުމުގައި ކަދުރު ހިމަނައިފި ނަމަ އެއިން ލިބޭ ގްލުކޯސް، ފްރަކްޓޯސް އަދި ސަކްރޯސް އިން ހަށިގަނޑަށް އެންމެ ހެޔޮ ގޮތުގައި ހަކަތަ ލިބޭނެ އެވެ.

ކަށިތައް ވަރުގަދަކޮށްދޭ ސުޕަ ފުޑް

ކަށީގެ މައްސަލަތައް ޖެހޭ މީހުނަށް އެންމެ ބޮޑަށް ބޭނުންވާ މިނަރަލްސް ކަދުރުގައި ހިމެނެ އެވެ. ކަށި ފީވާން މެދުވެރިވާ ސިއްހީ މައްސަލަ ކަމަށްވާ އޮސްޓިއޮޕޮރޮސިސް ޖެހިފައިވާ މީހުން ގިނަގިނައިން ކަދުރު ކާން ބައެއް ޑޮކްޓަރުން ލަފާ ދެ އެވެ. ކަދުރުން ކައްޓަށް ފައިދާވަނީ އެއިން ލިބޭ ސެލީނިއަމް، މެނަގްނީސް، ކޮޕާ، އަދި މެގްނީޒިއަމް މާއްދާތަކުގެ ސަބަބުންނެވެ.

މާހިރުން ބުނަނީ ކަށީގައި ރިއްސާ މީހުނަށް ކަދުރަކީ "ސުޕަ ފުޑް" އެއް ކަމަށެވެ. ކަދުރާ އެއްވަރަށް ޒައިތޫންޏާއި ސްޓްރޯބެރީ ކެއުމުން އަދި އިތުރަށް ކަށީގެ ސިއްހަތު ރަނގަޅުވާނެއެވެ.

ދުނިޔޭގައި ކަދުރު މަޝްހޫރުވެފައިވަނީ މުސްލިމުންގެ މެދުގައި އެންމެ މަގްބޫލު މޭވާގެ ގޮތުގައި.

ދުނިޔޭގައި ކަދުރު މަޝްހޫރުވެފައިވަނީ މުސްލިމުންގެ މެދުގައި އެންމެ މަގްބޫލު މޭވާގެ ގޮތުގައި.

ހަޖަމުގެ މައްސަލަތައް ހައްލުކޮށްދޭ، ކެންސަރާ ދެކޮޅަށް މަސައްކަތްކުރޭ

ކަދުރަކީ ހަޖަމަށް ދިމާވާ މައްސަލަތަކަށް ފަރުވާއެކެވެ. ބަނޑު ހަރުވެއްޖެ ނަމަ ގިނައިން ކަދުރު ކެއުމުން ލުއިކަމެއް ލިބޭނެ އެވެ. މާ ބޮޑަށް ބަނޑު ހަރުވެއްޖެ ނަމަ ގާތްގަނޑަކަށް 8-10 ގަޑިއިރު ވަންދެން ފެނުގައި ކަދުރު ފޯކުރުމަށް ފަހު ކިރު ތައްޓަކަށް ގިރައިގެން ބުއިމުން ރަނގަޅުވެދާނެ އެވެ.

ބަނޑު ދިޔާވީމާ ވެސް ކަދުރުން އެކަމަށް ހައްލެއް ހޯދައިދެ އެވެ. އެއީ ކަދުރުގައި ހިމެނޭ ގުދުރަތީ ފައިބަ އަދި ޕޮޓޭސިއަމްގެ ސަބަބުންނެވެ. ފެނުގައި ގިރޭ ފައިބަ އާއި ހަރު ފައިބަ ވެސް ކަދުރުގައި ހިމެނެ އެވެ. އެ ފައިބަގެ ސަބަބުން، ހަށިގަނޑަށް ނަގާ ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްވެ އެވެ. ބަނޑުގައި އެސިޑްގެ މައްސަލަ ހުންނަ މީހުން ހެނދުނު ކަދުރު ކެއުން އާންމުކޮށްފި ނަމަ ލުއިކަމެއް ލިބޭނެ އެވެ.

މީގެ އިތުރުން ކަދުރަކީ ނިކޮޓީން މާއްދާ ހިމެނޭ މަދު ގުދުރަތީ އެއްޗެހީގެ ތެރެއިން އެކައްޗެވެ. ކޮންމެ ދުވަހަކު ކަދުރު ކާ ނަމަ ގޮހޮރުގައި ގިނަވާ ބަލި ފަތުރާ ބެކްޓީރިޔާ މަދުވެ، ހަޖަމުކުރަން ބޭނުންވާ ރައްކާތެރި ބެކްޓީރިޔާގެ އަދަދުތައް ހަމައަކަށް އެޅޭނެ އެވެ.

ލޭ ސާފުކޮށްދީ، ހިތަށް ލިބޭ ފަރުވާއެއް

ކަދުރުގައި ހިމެނޭ މާއްދާތައް ކަމަށްވާ އަޔަން، މެގްނީޒިއަމް، މެންގަނީޒް، ޒިންކް، ކޮޕާ، ފޮލިކް އެސިޑް، ޕެންޓޮތެނިކް އެސިޑް އަދި ނިއަސިންއިން ލެއަށް ގިނަ ފައިދާތަކެއް ކޮށްދެ އެވެ. ލޭގެ ދައުރުވުމާ، ލޭ ސެލްތަކުން އޮކްސީޖަން ނަގައިގަންނަ ވަރު އިތުރުކޮށްދެ އެވެ.

ހިތުގެ މައްސަލަ ހުންނަ މީހުން ކޮންމެ ހަފުތާއަކު ދެ ފަހަރު ފެނުގައި ފޯކޮށްފައި ހުންނަ ކަދުރު ކާން ސިއްހީ މާހިރުން ލަފާދެ އެވެ. ލޭ ހޮޅިތައް ވަރުގަދަ ކޮށްދީ ލޭގެ ޕްރެޝަރު ވެސް ހަމައަކަށް އަޅުވާލަދެ އެވެ. ގަޔަށް ބޭނުން ނުވާ ބާވަތުގެ ކޮލެސްޓްރޯލް މަދުވެ، ހިތުގެ ވިންދު ވަރުގަދަވެ އެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައި ކަދުރު ހިމަނައިގެން ލިބޭނެ ފައިދާތައް ގުނަ ކުރަން އުނދަގޫވާނެއެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައި ކަދުރު ހިމަނައިގެން ލިބޭނެ ފައިދާތައް ގުނަ ކުރަން އުނދަގޫވާނެއެވެ.

އެލާޖީސް އާއި ލޮލުގެ މައްސަލަތަކަށް އެހީއެއް

ކަދުރުގައި ހިމެނޭ ވިޓަމިން އޭ، ބީ ވަން، ބީ ޓޫ، އީ، އަދި ޕޮޓޭސިއަމްގެ އެހީގައި ނާރުގެ ނިޒާމު ދުޅަހެޔޮވެ އެވެ. ސިކުނޑީގެ ނާރުތައް މަސައްކަތް ކުރާލެއް އަވަސްވެ، މުޅި ހަށިގަނޑުގެ ނާރުތައް ވަރުގަދަވެ އެވެ. ރޭގަނޑު ލޮލުގެ ފެނުމަށް އުނދަގޫވާ (ރޯނާވާ) މީހުންނަށް ވެސް ކަދުރުން ފައިދާކުރެ އެވެ. ލޯ އަލިވެ، ލޮލަށް ޖެހޭ މައްސަލަތައް މަދުކުރުވަ އެވެ. ހަންގަނޑު އޮމާންވެ އުޖާލާވެ، އަދި ފުންޕާމެއަށް ބޭނުންވާ ގިނަ މާއްދާތައް ލިބޭނެ އެވެ.

އެލާޖީސް ހުންނަ މީހުން ކަދުރު ކެއުން ގިނަކޮށްފި ނަމަ އެލާޖިކް ރިއެކްޝަންގެ މިންވަރު ކުޑަކޮށްދޭނެ އެވެ. އެއީ ސަލްފާ އިތުރުވާތީ އެވެ. ކަދުރުގައި ދަތަށް ފައިދާ ކުރާ ފްލޯރިން އާއި ކެލްސިއަމް ވެސް ހިމެނެ އެވެ. ދަތް ފަނިކައި ހަލާކުވުން ކަދުރުން ހުއްޓުވަ އެވެ.

މާބަނޑު މީހުންނަށް ކަދުރު ކެއުމުން، ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ފައިދާތަކެއް ކުރެ އެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުން ކަދުރުން ރަހިމުގެ މަސްތަކުގައި ވަރުޖެހި ވަރުގަދަވެ އެވެ. މި ފައިދާތަކުގެ ބޮޑު ބަޔަކީ ކަދުރުން ލެޔަށް ކުރާ ފައިދާތަކާ ގުޅުން ހުރި ކަންކަމެވެ.

ކަދުރު އޮށުންވެސް ހަށިގަނޑަށް އެތަށް ފައިދާއެއް ކޮށްދީ، ކެންސަރުގެ ފަރުވާ ލިއްބައިދޭ.

ކަދުރު އޮށުންވެސް ހަށިގަނޑަށް އެތަށް ފައިދާއެއް ކޮށްދީ، ކެންސަރުގެ ފަރުވާ ލިއްބައިދޭ.

ކަދުރުން ލިބޭ ފައިދާތަކަށް އެންމެ ލިޔުމަކުން އިންސާފެއް ނުކުރެވޭނެ އެވެ. ކަދުރުގެ އޮށަކީ ވެސް ކާން ރަނގަޅު އެއްޗެކެވެ. ޕްރޮޓީންސާއި ފީނޮލިކްސް އޭގައި ހިމެނެ އެވެ. އެކި ވައްތަރުގެ ކެންސަރުތަކަށް ކަދުރު ފަރުވާ އަކަށް ވަނީ އޭގައި ފީނޮލިކްސް ހިމެނޭތީ އެވެ. ފީނޮލިކްސް އިން ހަށިގަނޑުގެ ދިފާއީ ނިޒާމް ވެސް ވަރުގަދަކޮށްދެ އެވެ.