Roadha Mihaaru
ފުވައްމުލަކުގެ ފުރަތަމަ މޭޔަރަކީ ފަލާހު

ފުވައްމުލަކުގެ ފުރަތަމަ މޭޔަރަކީ ފަލާހު

03 ޖޫން 2017

ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް އަބްދުﷲ ފަލާހް ޝަރީފް މިއަދު އިންތިޚާބުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް އަބްދުﷲ ފަލާހް ޝަރީފް މިއަދު އިންތިޚާބުކޮށްފި އެވެ.

އެމްޑީޕީގެ ޓިކެޓްގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ފަލާހް މޭޔަރު ކަމަށް އިންތިޚާބުކުރީ ކައުންސިލަށް އިންތިޚާބުވި ތިން މެމްބަރުން މިއަދު ހުވައި ކުރެއްވުމަށް ފަހު، މޭޔަރާއި ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ތިން މެމްބަރުންގެ އިއްތިފާގުންނެވެ. ފަލާހު ކުރިން ހުންނެވީ އެރަށު އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގަ އެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް ހޮވުނީ އެމްޑީޕީ ޓިކެޓްގައި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު ޟިރާރެވެ. އޭނާއަކީ ކުރިން އެރަށު މިސްކިތްމަގު ކައުންސިލްގެ ރައީސް އެވެ.

ފަލާހާއި ޟިރާރުގެ އިތުރުން އެ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވަނީ އުތުރު ދާއިރާއިން ޕީޕީއެމް ޓިކެޓްގައި އިންތިޚާބުވި ހަމަދު އަބްދުﷲ އެވެ.

ސިޓީ ކައުންސިލަރުން މުސާރަ އާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން ކުޑަކޮށްފައިވާތީ މޭޔަރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މިހާރު ލިބޭނީ މަހަކު 18،000ރ. އެވެ ޑެޕިއުޓީ މޭޔަރުންނަށް 14،000ރ. ލިބޭއިރު ސިޓީ ކައުންސިލްގެ މެމްބަރުންނަށް ލިބޭނީ 11،500ރ. އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި އިދާރާއެއް އުފައްދަވައި، ކުރިން އެރަށުގެ ކޮންމެ އަވަށެއްގައި ހުރި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ އިދާރާ އުވާލައްވައިފަ އެވެ. ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެއްވީ މިދިޔަ އަހަރު އެވެ.